Roadha Mihaaru
ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވާން އަލުން ހުޅުވާލައިފި

ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވާން އަލުން ހުޅުވާލައިފި

12 ޖޫން 2023

މާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 22 ގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު މިނިސްޓްރީ އަށް ފޯމު ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލީ ހަމައެކަނި މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ މީހުންނަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މި ވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނެވެ. އެހެންވެ، އެ މީހުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ އެވެ. އެކަމަކު އެ އާއިލާތަކުގައި ވެސް މި މަހުގެ 22 އަށް 18 އަހަރު ފުރޭ ކުއްޖަކު ހުރި ނަމަ ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވާން އެންމެފަހުން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު އަލަށް އެކުލަވާލައި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނެނީ 9،041 މީހެކެވެ.