Roadha Mihaaru
ގައިޑްލައިނަށް އަމަލުނުކުރާތީ މިސްކިތްތައް ބަންދުކޮށްފި

ގައިޑްލައިނަށް އަމަލުނުކުރާތީ މިސްކިތްތައް ބަންދުކޮށްފި

26 މެއި 2021

ކޮވިޑުން ރައްކާތެރިވުމަށް އަޅަމުން އަންނަ އާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް ބަންދުކުރަން ޖެހުނީ ގިނަ ބަޔަކު ގައިޑްލައިނާ ހިލާފު ވާތީ ކަމަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑުން ރައްކާތެރިވުމަށް އަޅަމުން އަންނަ އާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް ބަންދުކުރަން ޖެހުނީ ގިނަ ބަޔަކު ގައިޑްލައިނާ ހިލާފު ވާތީ ކަމަށެވެ.

މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތްތަކެއް ބަންދުވާނެ އެވެ.

އިސްލާމިކް މިނިސްޓްރީ މިރޭ ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އަދި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މި މަހު 19 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތް ހެދުން ހުއްޓާލައިފައިވާ ކަމަށެވެ.

ނަމަވެސް އެ އެންގުމާ ހިލާފަށް މިސްކިތްތަކަށް ދާ މީހުން އިޖުތިމާއީ ގައިދުރުކަން ނުބަހައްޓައި، ޖަމާއަތް ހަދަމުން ދާތީ އާއި ބަލި ކޮންޓްރޯލް ނުވެ މާލެ ސަރަހައްދުގެ ހާލަތު މާ ބޮޑަށް ގޯސްވެ، އާންމުން ބޭރަށް ނިކުތުން ވެސް މިހާރު މަނާކޮށްފައި އޮތުމުން މި ވަގުތަށް މިސްކިތްތައް ބަންދުކުރަން ނިންމީ އެވެ.

"މި ދަނޑިވަޅުގައި މިސްކިތަށް ވަޑައިނުގެންނެވުނު ކަމުގައިވިޔަސް ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި އިސްތިގްފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްކޮށްދެއްވުން އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ، ވަސީއްޔަތްކުރަމެވެ،" މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރު ނުވަތަ ފުރަތަމަ ލޮކްޑައުންގައި ވެސް މިސްކިތްތައް ބަންދުކުރި އެވެ. އެއީ މާޗު 18، 2020 ގަ އެވެ. އަދި އެ ލޮކްޑައުނަށް ފަހު ދިން ލުއިތަކާ އެކު މިސްކިތްތައް އަލުން ހުޅުވީ ތިން މަސް ފަހުން، ޖުލައި 1، 2020 ގަ އެވެ.