Roadha Mihaaru
މަތިންދާބޯޓު ފުރާއިރު ފޯނު ނިއްވާލަން ބުނަނީ ކީއްވެ؟

މަތިންދާބޯޓު ފުރާއިރު މޮބައިލް ފޯނު ނިއްވާލަން ބުނަނީ ކީއްވެ؟

05 މެއި 2017

މަތިންދާބޯޓު ފުރުމުގެ ކުރިން ފޯނު ނިއްވާލަން ޕައިލެޓް އެދެ އެވެ. ޓެބްލެޓް، އައިޕެޑް އަދި އެ ފަދަ އިލެކްޓްރޯނިކް އާލާތްތައް ނިއްވާލަން ނަސޭހަތްތެރިވެ އެވެ. އެއީ ދަތުރުވެރިން އަދި ފަޅުވެރިންގެ ރައްކާތެރިކަމަށް ޓަކަ އެވެ. މަތިންދާބޯޓު ރަންވޭގައި ޖައްސާއިރު ވެސް އެކަން އެ ގޮތަށް ކުރަން ޕައިލެޓް އެދެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މަތިންދާބޯޓު ފުރުމުގެ ކުރިން ފޯނު ނިއްވާލަން ޕައިލެޓް އެދެ އެވެ. ޓެބްލެޓް، އައިޕެޑް އަދި އެ ފަދަ އިލެކްޓްރޯނިކް އާލާތްތައް ނިއްވާލަން ނަސޭހަތްތެރިވެ އެވެ. އެއީ ދަތުރުވެރިން އަދި ފަޅުވެރިންގެ ރައްކާތެރިކަމަށް ޓަކަ އެވެ. މަތިންދާބޯޓު ރަންވޭގައި ޖައްސާއިރު ވެސް އެކަން އެ ގޮތަށް ކުރަން ޕައިލެޓް އެދެ އެވެ.

މަތިންދާބޯޓު ދަތުރަށް ތައްޔާރުކުރަމުން އަންނައިރު، ސަލާމަތީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމަކަށް ޕައިލެޓް ސަމާލުވެ އެވެ. ބޯޓުގެ ބަރުދަން، ދަތުރުވެރިންގެ އަދަދު އަދި "ލޯޑް ބެލެންސް" އެވެ. މޫސުން އަދި ބޯޓު ދަތުރުކުރާނެ އުސްމިން ފަދަ މައުލޫމާތު ވެސް ދަތުރުވެރިންނާ ހިއްސާކުރެ އެވެ.

މޮބައިލް ފޯނު ނިންވާލަން ޕައިލެޓް އެދެނީ އެއިން އާލާތަކުން މަތިންދާބޯޓަށް ބޮޑު ނުރައްކަލެއް ވެދާނެ ކަމަކަށް ނޫނެވެ. ފޯނުން ބޭރުވާ ސިގުނަލެއްގެ ސަބަބުން މަތިންދާބޯޓުގެ އިލެކްޓްރޯނިކް އާލާތްތަކަށް ބުރޫއަރާތީއެއް ވެސް ނޫނެވެ. ކޮންޓްރޯލް ޓަވަރުން ޕައިލެޓަށް ދޭ އިރުޝާދުތައް ހެޑްފޯނުގެ ޒަރިއްޔާއިން އިވުމުގައި މައްސަލަޖެހި، ދައްކާ ނުދައްކާ އޮޅުން ނުފިލާ ހިސާބަށް ހިނގައިދާނެތީއެއް ވެސް ނޫނެވެ. އެކަމަކު އާންމުކޮށް ގަބޫލުކުރެވިފައި އޮންނަނީ މި ގޮތަކަށް ނޫނެވެ.

މަތިންދާބޯޓު ނައްޓާލުމުގެ ކުރިން އިލެކްޓްރޯނިކް އާލާތްތައް ނިއްވާލަން ޕައިލެޓް އެދެނީ ދަތުރުވެރިންނާއި ފަޅުވެރިންގެ ރައްކާތެރިކަމަށް އަދި ޕައިލެޓް ދޭ އިރުޝާދުތަކަށް ސަމާލުވެ ތިބުމަށް

މަތިންދާބޯޓު ނައްޓާލުމުގެ ކުރިން އިލެކްޓްރޯނިކް އާލާތްތައް ނިއްވާލަން ޕައިލެޓް އެދެނީ ދަތުރުވެރިންނާއި ފަޅުވެރިންގެ ރައްކާތެރިކަމަށް އަދި ޕައިލެޓް ދޭ އިރުޝާދުތަކަށް ސަމާލުވެ ތިބުމަށް

އުފުލާ ގެންގުޅޭ އިލެކްޓްރޯނިކް އާލާތްތަކުގެ ސަބަބުން މަތިންދާބޯޓަށް "އުނދަގޫވާ" ކަމަށް ގަބޫލުކުރެވެ އެވެ. މުސްކުޅި ބޯޓު މޮޑެލްތަކަށް "އިންޓަފިއަރެންސް" އަރާ ކަމަށް ބުނެ ހާދިސާތައް ނަގުލުކުރެވިފައި ވެސް ހުރެ އެވެ. ނަމަވެސް، އެއިން އެއްވެސް ހާދިސާއެއް ވަކި އާލާތަކާ ގުޅުވައި، "އިލެކްޓްރޯނިކް ތިއަރީ"ތައް ބާތިލުކުރެވިފައެއް ނުވެ އެވެ. ބުނަން މި އުޅޭ ވާހަކަ އަކީ ދަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކު އެއްފަހަރާ އިލެކްޓްރޯނިކް އާލާތްތަކެއް ބޭނުންކުރަން ފެށުމުން، "އިލެކްޓްރޯމެގްނެޓިކް" އޮއިވަރެއް ފެތުރިނުގަންނާނެއެކޭ ނޫނެވެ.

މަތިންދާބޯޓު ދަތުރަށް ފެށުމުގެ ކުރިން އަދި ބޯޓު ރަަންވޭގައި ޖެއްސުމުގެ ކުރިން، މޮބައިލް ފޯނު އަދި އުފުލާ ގެންގުޅޭ އިލެކްޓްރޯނިކް އާލާތްތައް ނިންވާލަން ޕައިލެޓް އެދޭ މައިގަނޑު ސަބަބަކީ މި އެވެ؛ ދަތުރުވެރިން ސަމާލުކުރުވުމެެވެ.

ދަތުރަށް ތައްޔާރުވުމަށްޓަކައި ދަތުރުވެރިން ސަމާލުވާން ޖެހޭ ކަންތައްތަކެއް ވެސް ހުރެ އެވެ. އެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި ޕައިލެޓް އިރުޝާދުދޭއިރު، ކޮންމެވެސް އެހެން ކަމެއްގައި ދަތުރުވެރިން މަސްއޫލުވެ ތިބުމަކީ އެންމެ އެެދެވޭ ގޮތެއް ނޫނެވެ. އެތައް ޓަނެއްގެ ބަރުދަނާ އެކު ވައިގެ ތެރެ އަށް މަތިންދާބޯޓު އުދުހިގަންނައިރު، ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ހުރިހާ ތައްޔާރެއް ވާން ޖެހެ އެވެ. އެމެޖެންސީ ހާލަތެއްގައި ދަތުރުވެރިން އަމަލުކުރާނެ ގޮތާއި، ލައިފް ޖެކެޓް، އޮކްސިޖަން މާސްކް، އެމެޖެންސީ ދޮރު އަދި އެ ދޮރު ހުޅުވާނެ ގޮތް ފަދަ ބޭނުންތެރި މައުލޫމަތުން އިރުޝާދު ދޭއިރު، "އިންސްޓަގްރާމް" ޕޯސްޓްތަކުގައި ދަތުރުވެރިން "ލައިކް"ޖެހުން ކަމަކު ނުދާނެ އެވެ.

މަތިންދާބޯޓު ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ގޮތުން ހުރިހާ ކަމެއް ޕައިލެޓް ކަށަވަރުކޮށް ބަލާ

މަތިންދާބޯޓު ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ގޮތުން ހުރިހާ ކަމެއް ޕައިލެޓް ކަށަވަރުކޮށް ބަލާ

އިލެކްޓްރޯނިކް އާލާތްތައް ނިއްވާލަން ޕައިލެޓް އެދެނީ މަތިންދާބޯޓުގެ ސްޕީކަރުތަކުން އިއްވާ އިރުޝާދުތަކަށް ދަތުރުވެރިން ސަމާލުކޮށް، ތަބާކުރުވުމަށެވެ. އަދި ބޯޓު ރަންވޭގައި ޖައްސަން އަންނައިރު ބޮކިތައް ފަނޑުކޮށް، ނިވިދެއްލޭ ގޮތް ހަދަނީ ވެސް ދަތުރުވެރިން ސަމާލުކުރުވުމަށެވެ. މާނަ އަކީ އެމެޖެންސީ ހާލަތެއްގައި ބޯޓުން ކަރަންޓް ކަނޑައިގެން ހިނގައިދާނެ ކަމެވެ. އަދި ބޯޓު ތެރޭގައި އަލިކަމެއް ނުހުރެދާނެ ކަމެވެ.

އެވިއޭޝަން ދާއިރާ މިއަދު ތަރައްގީވެފައިވާ މިންވަރަށް ބަލާއިރު، މޮބައިލް ފޯނު ފަދަ ލުއި އިލެކްޓްރޯނިކް އާލާތްތައް ދަތުރުމަތީގައި ބޭނުންކުރަން ހުއްދަ ދޭނެ އެވެ. މޮބައިލް ފޯނު ބޭނުންކުރުން ބައެއް އެއާލައިންތަކުން މިހާރު ވެސް ވަނީ ހުއްދަކޮށްފަ އެވެ.