Roadha Mihaaru

މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކޮށްފި

ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކޮށް، އުސޫލު ހަރުކަށިކޮށްފި އެވެ.

މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަބޭންކް ބޭނުންކުރުން މަނާ
އިފްރާޒް އަލީ
އިފްރާޒް އަލީ

04 ޖުލައި 2025

ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކޮށް، އުސޫލު ހަރުކަށިކޮށްފި އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިނަކީ ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގެ މިންގަނޑުތަކާ އެއްގޮތަށް މި ކަހަލަ އުސޫލެއް ތައާރަފުކުރި ރާއްޖޭގެ ފުރަތަމަ އެއާލައިން ކަމަށެވެ.

"މި އެއާލައިނުން އަބަދުވެސް އިސްކުރާނީ ފަސިންޖަރުންގެ ރައްކާތެރިކަން،" އެ ބަޔާނުގައި ބުންޏެވެ.

މޯލްޑިވިއަނުން ބުނީ މި އާ އުސޫލުގެ ދަށުން އެ އެއާލައިންގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން ދެ ޕަވަ ބޭންކް ކަމަށާއި ޕަވަ ބޭންކުގެ ކެޕޭސިޓީ 100 ވޮޓް-އަވާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ.

ޕަވަ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

އުސޫލުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަން

• ބޯޓަށް އެރުމަށް ފަހު ޕަވަ ބޭންކް އޮންނަން ވާނީ ފަސިންޖަރުގެ އަތުގައި ނުވަތަ ސީޓުގެ ޖީބުގައި ނުވަތަ ސީޓުގެ ދަށުގައި.

• ޕަވަ ބޭންކް ލަގެޖަށް ދޫކޮށްލުމާއި ބޯޓުގެ އޯވަ-ހެޑް ކެބިންއަށް ލުން މަނާވާނެ.

• ބޯޓު ތެރޭގައި ޕަބަ ބޭންކް ބޭނުންކޮށްގެން އެހެން ޑިވައިސްތައް ޗާޖުކުރުމާއި ޕަވަ ބޭންކް ރީ-ޗާޖުކުރުން ވެސް މަނާވާނެ.

• ޕަވަ ބޭންކުގެ ކަރަންޓު ކޮޅު ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަކަށް ބާއްވައިގެން ނުވާނެ.

• ދަތުރުކުރާއިރު ގެންދާ ޕަވަ ބޭންކް ވާންޖެހޭނީ އދ. ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތޭ އެއްޗަކަށް.

މި އާ އުސޫލަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.