Roadha Mihaaru
ބެޗް އެޕާޓްމަންޓުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި

ހުޅުމާލޭގައި ބެޗުން ހަދާ އެޕާޓްމަންޓް ބިލްޑިންގެ ފައުންޑޭޝަންގެ މަސައްކަތް ފަށައިފި

27 އެޕްރީލް 2017

ހުޅުމާލޭގެ ހާބާވިއު އޭރިއާގައި ބެޗް ކޮންސްޓަރަކްޝަން އިން ހަދާ "ބެޗް އެޕާޓްމަންޓް" ބިލްޑިންގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުމާލޭގެ ހާބާވިއު އޭރިއާގައި ބެޗް ކޮންސްޓަރަކްޝަން އިން ހަދާ "ބެޗް އެޕާޓްމަންޓް" ބިލްޑިންގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިން ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ހަދާ ދިހަ ބުރީގެ އިމާރާތުގެ މަސައްކަތް ޑިސެމްބަރު 2018 ގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

ބެޗް ކޮންސްޓްރަކްޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ބިލްޑިންގެ ފައުންޑޭޝަން އަޅަން ކޮނުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން މި ތަނުގައި ހަދަނީ ޒަމާނީ ވަސީލަތްތަކާ އެކު ވަރަށް ފެންވަރު ރަނގަޅު އެޕާޓްމަންޓްތަކެއް،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ބެޗް ކޮންސްޓަރަކްޝަން އިން ހަދާ އެޕާޓްމަންޓް ބިލްޑިންގެ ކުރެހުމެއް. ފޮޓޯ: ބެޗް ކޮންސްޓަރަކްޝަން

ހުޅުމާލޭގައި ބެޗް ކޮންސްޓަރަކްޝަން އިން ހަދާ އެޕާޓްމަންޓް ބިލްޑިންގެ ކުރެހުމެއް. ފޮޓޯ: ބެޗް ކޮންސްޓަރަކްޝަން

ހަ ވައްތަރުގެ އެޕާޓްމަންޓްތައް ހިމެނޭ ގޮތަށް ތަރައްގީކުރާ މެރީނާ ވިއުގެ ފުރަތަމަ ދެ ފްލޯގައި ހިމެނެނީ ޝޮޕިން އޭރިއާ އެވެ. އަދި ދެވަނަ ފްލޯއިން ފެށިގެން އަށް ވަނަ ފްލޯއާ ހަމަޔަށް ހިމެނެނީ އެޕާޓްމަންޓްތަކެވެ. އަދި އޭގެ އިތުރުން ދެން ހުންނަނީ ޕެންޓް ހައުސް އެޕާޓްމަންޓްތަކެވެ. އެތަނުގައި ހަދާ އެޕާޓްމަންޓްތައް ހުންނަނީ ސިޓީ ވިއު އަދި ސީވިއު ފެންނަ ގޮތަށެވެ.

ހުޅުމާލޭގެ ފެރީ ޓާމިނަލުން ފަސް މިނެޓުން ހިނގާފައި ދެވޭ ހިސާބުގައި ހަދާ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ އެއް މިލިއަން ރުފިޔާއިން ފެށިގެން 4.5 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. މިތަނުގެ އެޕާޓްމަންޓްތަކުގެ ބޮޑު މިން އުޅެނީ 893 އަކަފޫޓުން ފެށިގެން 1،467 އަކަފުޓާ ދެމެދުގަ އެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ އިންޓަރެސްޓް ހުރި ބަޔަކަށް ކޮމާޝަލް ޖާގަތައް ކުއްޔަށް ދޭ ގޮތަށް. މި ސަރަހައްދަކީ ކުރިޔަށް އޮތް ތަނުގައި ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލް ސަރަހައްދަކަށް ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ބެޗް ކޮންސްޓަރަކްޝަން އިން ބުނީ އެތަނުގައި ހަދާ އެޕާޓްމަންޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 85 ޕަސެންޓް އެޕާޓްމަންޓް މިހާރު ބުކްކޮށްފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ 60 މިކްސް ރެސިޑެންޝަލް ޔުނިޓްތަކެއް އަޅަން ބެޗް ކޮންސްޓްރަކްޝަނާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މެއި 31 ވަނަ ދުވަހު އެވެ.