Roadha Mihaaru
ޓީސީ ބަލިކޮށް ނިއު އެއް ވަނަ އަށް އަރައިފި

ޓީސީ ބަލިކޮށް ނިއު އެއް ވަނަ އަށް އަރައިފި

25 އެޕްރީލް 2017

ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މިރޭ އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ މަގާމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މިރޭ އަރައިފި އެވެ.

ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ އާއި މިދުހަތު ފަހުމީ (ބިޗަޑް) ގެ ގޯލްތަކާ އެކު މޮޅުވި ނިއު އެއް ވަނަ އަށް އެރީ ފަސް މެޗުން ހޯދި 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 10 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތްއިރު ތިން ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ދެ މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ. މާދަމާ ހަވީރު ވިކްޓަރީ އަތުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ.

ބަންގްލަދޭޝްގައި ފެބްރުއަރީ މަހު ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކުރި ޓީސީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވިއިރު އެ ޓީމު އޮތީ ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއު އިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު 10 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ނުރައްކާތެރި ހަމަލައެއް ފޮނުވާލި އެވެ. މެދުތެރެއިން ލިބުނު ބޯޅަ ޓީސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި އިރު ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

އޭގެ ހަ މިނެޓު ފަހުން ނިއު އަށް ލީޑު ނަގައިދިނީ ގަލާޑޯ އެވެ. އަލީ ފާސިރު (ސެންޓޭ) ނެގި ހުރަސް އޭރިއާ ތެރެއިން ގަލާޑޯ ތަތްކޮށްލީ ގޯލުގެ މަތީ ކަނުގަ އެވެ. އެކަމަކު މި ސީޒަނުގައި މިހާތަނަށް ފަސް ގޯލް ޖަހާފައިވާ ސްޕެއިން ފޯވާޑުގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން 25 ވަނަ މިނެޓުގައި ވަނީ ބާލައިފަ އެވެ. ބަދަލުގައި އެރީ ބިޗަޑެވެ.

ޓީސީގެ ބޮންޑާ (ވ) ކައިރިން ނިއުގެ އަކްރަމް ބޯޅަ ހިފައިގެން ދަނީ: މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އަކްރަމް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ބޮންޑާ (ވ) ކައިރިން ނިއުގެ އަކްރަމް ބޯޅަ ހިފައިގެން ދަނީ: މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އަކްރަމް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ސެންޓޭ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަކްރަމް އަބްދުލްގަނީ ކައުންޓާ އެޓޭކެއްގައި ދިން ބޯޅަ ސެންޓޭ އޭރިއާ ތެރެއަށް ވަދެ ޓީސީގެ ޑިފެންޑަރެއްގެ ކައިރިން ނައްޓާލުމަށް ފަހު ޖެހުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޓީސީގެ އިބްރާހިމް މަހުދީ (އިއްބެ) އޭރިއާ ތެރެއިން ނުރައްކާތެރި ބޯޅައެއް ފޮނުވާލި ނަމަވެސް ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެ ބޯޅަ ސަލާމަތްކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި ބިޗަޑް ވަނީ ނިއުގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ. ހަމްޕު ހާފުގެ މެދުތެރެއިން ބޯޅަ ހިފައިގެން ކުރިއަށް ވަންނަނިކޮށް ޓީސީގެ ޑިފެންޑަރަކު އެ ބޯޅަ ހޯދުމުން، ހަމްޕު ވަނީ އަލުން އެ ބޯޅަ އަތުލައިފަ އެވެ. އަދި އެ ބޯޅަ ބިޗަޑަށް ދިން އިރު އޭނާ ޖެހުމުން ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ބެލެވޭ ގޮތުގައި އޭރު ޓީސީގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޝޮން ހުރީ ހުހަށް އަރާ ހުރި ސެންޓޭ އަށް އެ ބޯޅަ ދޭނެ ކަމަށް ލަފާކޮށްގެންނެވެ.

މި ގޯލާ އެކު ޓީސީން ކުރިއަށް ޖެހުމުގެ ނަތީޖާއަކަށްވީ ނިއު އަށް މެދުތެރެއިން ހުސް ޖާގަތަކެއް ލިބެން ފެށުމެވެ. އެކަމަކު ކުރީގައި ހުސްކޮށް އޮތް ސެންޓޭ އަށް އެ ބޯޅަތައް ފޯރުކޮށްދިނުމުގައި މައްސަލަތަކެއް ދިމާވި އެވެ. ނަތީޖާއަކަށްވީ، ޓީސީ އަށް އިތުރު ބޯޅަތަކެއް ކާމިޔާބުވެ ނިއު އަށް އިތުރަށް ބާރުބޮޑުވުމެވެ. އޭގެ ތެރެއިން ފުރުސަތެއްގައި 67 ވަނަ މިނެޓުގައި މަހުދީ ވަނީ ގޯލް ޖަހައި ނިއު ހާސްކޮށްލައިފަ އެވެ. ޓީސީ އަށް އެއްވަރުކުރަން 70 ވަނަ މިނެޓުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. މުހައްމަދު ސާމިރު ހުރަސްކުރި ބޯޅަ، ގޯލް ކުރިމަތީ ހުހަށް ހުރި ކެޕްޓަން އަލީ ނާފިއުގެ ފައިގައި ލައްވާނުލާ ދިޔައީ އިންޗެއްހާ ދުރުންނެވެ.

ނިއު އަށް އިތުރު ވަގުތުގެ ތެރޭ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެގޮތުން ސެންޓޭ މެދުތެރެއިން ހޯދި ބޯޅަ ހުސްކޮށް ހުރި އަހުމަދު ސުހެއިލް (ބަމްޕުޗް) އަށް ދިނުމުން އޭނާ ޖެހި ބޯޅަ ޓީސީގެ ކީޕަރު އަތުގައި ޖެހިފައި ދިޔައީ ބޭރަށެވެ. އޭގެ ފަހުން އަހުމަދު ނުހާދު (ގުއްޕެ) ކުރިއަށް އަރައި، އޭރިއާ ތެރޭ ހުސްކޮށް ހުރި ބިޗަޑަށް ދިން ބޯޅަ އޭނާ އަށް ވެސް ގޯލުގެ އެތެރެ ކޮށްލެވޭ ގޮތެއް ނުވި އެވެ.