Roadha Mihaaru
މިހާރު އެ އޮތީ އަސްލު ނިއު ރޭޑިއަންޓް: ނިޒާމްބެ

މިހާރު އެ އޮތީ އަސްލު ނިއު ރޭޑިއަންޓް: ނިޒާމްބެ

24 އެޕްރީލް 2017

މި ސީޒަނުގައި ފެނިގެންދަނީ އަސްލު ނިއު ރޭޑިއަންޓް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މި ސީޒަނުގައި ފެނިގެންދަނީ އަސްލު ނިއު ރޭޑިއަންޓް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ތާވަލުގެ ތިން ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް ނިއު މިރޭ ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެއް ވަނަ އަށް އަރާނެ އެވެ. އަނެއްކޮޅުން ހަތް ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ޓީސީ އަށް ވެސް މިރޭ މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

"މި ސީޒަނުގައި އެ ފެންނަނީ އަސްލު ނިއު ރޭޑިއަންޓް. އެ ކްލަބުގެ އަސްލު ވަރުގަދަކަން އެބަފެނޭ މި ފަހަރު. ޓީސީން ނިއު އަށާއި އެ ކްލަބުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ވަރަށް ބޮޑަށް އިހުތިރާމްކޮށްގެން ނުކުންނާނީ. ނިއުގައި މޮޅު ބިދޭސީ ކުޅުންތެރިން ތިބެ އަދި ޓީމެއްގެ ގޮތުގައި ކުޅޭތީ އެކަން ދަނެގެން ޓީސީން ނުކުންނާނީ އެ ޓީމުގެ ވަރުގަދަ ކަންކަމާއި ބަލިފައިތަކަށް ވިސްނައިގެން،" މިދިޔަ ސީޒަނުގައި ނިއު އަށް އެކަށީގެންވާ ކާމިޔާބެއް ހޯދިފައިނުވާތީ އެކަމަށް އިޝާރާތްކޮށް ނިޒާމްބެ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޓީސީން ލީގުގެ ދެ ވަނަ ހޯދާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅުނުއިރު މުހިއްމު ދައުރެއް އަދާކުރި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) މިހާރު ތިބީ ނިއުގަ އެވެ. އަނެއްކޮޅުން މިދިޔަ ސީޒަނުގައި ނިއުގެ ފަހަތް ބެލެހެއްޓި އަބްދުﷲ ހަނީފް (ބެންޖޯ) އަކީ މިހާރު ޓީސީގެ މުހިއްމު ކުޅުންތެރިއެކެވެ.

ނިއު އާއި ޓީސީއާ ދެމެދު ހާއްސަ ވާދަވެރިކަމެއް އޮވޭތޯ އެހުމުން ނިޒާމްބެ ބުނީ ދެ ކްލަބަކީ އެއް ހިސާބަކަށް ނިސްބަތްވާ ޓީމުތަކަށް ވާތީ ވާދަވެރިކަން އޮވެދާނެ ކަމަށާއި އެ ނޫން ވަކި ހާއްސަ ވާދަވެރިކަމެއް އޮންނަކަން ފާހަގަނުވާ ކަމަށެވެ.

ނިޒާމްބެ ބުނީ މި ސީޒަނުގައި ކުރިއަށް ދެވެން އޮތީ ގަދަ ހަތަރެއްގެ ތެރޭ ހިމެނިގެން ކަމަށްވާތީ، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅޭއިރު ވެސް ތިން ޕޮއިންޓުގެ މުހިއްމުކަން ބޮޑު ކަމަށެވެ.

"ޓީސީ އަށް ވުރެ މިވަގުތު ތާވަލުގެ ކުރީގައި އޮތް ޓީމަކާ ދެކޮޅަށް ކުޅޭތީއެއް ނޫން މެޗުގެ މުހިއްމުކަން ބޮޑީ. އަހަރެމެން އެބަޖެހޭ ސީޒަނުގައި ކުރިއަށް ދިއުމަށް ގަދަ ހަތަރެއްގައި ހިމެނެން. ފުޓްބޯޅައިގައި މޮޅުވުމުން މި އޮންނަނީ. ކިތަންމެ ރީއްޗަށް ކުޅުނަސް، އެ ވާހަކައެއް ނުދައްކާނެ މޮޅުވުން މުހިއްމީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީއާ 2-2 އިން އެއްވަރުވި މެޗުގައި ޑިފެންސްގެ މައްސަލަތަކެއް ފާހަގަވި ކަމަށާއި އެކަން ހައްލުކޮށްފައިވާ ކަމަށެވެ.

ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ މޮޅަށް ކުޅެ މާޒިޔާ އަތުން ބަލިވި މެޗަށް ފަހު އިތުބާރު ހޯދަން މި މެޗުން މޮޅެއް މުހިއްމު ކަމަށެވެ. އަދި މޮޅަށް ކުޅުނު ނަމަވެސް މޮޅުނުވާ ނަމަ އޭގެ ބޭނުމެއް ނެތްކަން އޭނާ ފާހަގަކުރި އެވެ.

"ރަނގަޅު މެޗެއް ފެންނާނެ ކަމަށް އުއްމީދުކުރަން. ރޭގަނޑު ކުޅޭތީ އެއީ ފަސޭހައެއް. ދެ ޓީމަކީ ވެސް ވަރަށް ހައި އިންޓެންސިޓީގައި ކުޅޭ ދެ ޓީމު. ޓީސީން ވަނީ ރަނގަޅަށް ކުޅެ އެކަމަކު ވިކްޓަރީއާ އެއްވަރުވީ. އަހަރެމެން ވެސް ރަނގަޅު މެޗަކަށް ފަހު ބަލިވީ. އެހެންވެ ދެ ޓީމަށް ވެސް މިއީ މުހިއްމު މެޗެއް،" ޓަވަރޭސް ބުންޏެވެ.

އޭނާ ބުނީ ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގެ ތަށްޓާ އެކު ޓީސީ އޮތީ އިތުބާރާ އެކު ކަމަށާއި އެކަމަކު ނިއުގެ ކުޅުން ވެސް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށެވެ.

"ޓީސީގެ ކެޕްޓަން (އަލީ ނާފިއު) އެއީ ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅޭ ކުޅުންތެރިއެއް. ދެ ފަރާތުގެ އަރިމަތީގައި ވަރަށް ހަލުވި ކުޅުންތެރިން އެބަތިބި. ފަހަތުން (ބިދޭސީ) ކުޅުންތެރިޔާ ވެސް ތަފާތު. އެހެންވެ މިއީ އުނދަގޫ މެޗެއް. އެކަމަކު އުއްމީދުކުރަން މެޗު ނިމިގެން ދާއިރު އަހަރެމެންނަށް އުފާވެރިކަން ލިބޭނެ ކަމަށް،" ޓަވަރޭސް ބުންޏެވެ.