Roadha Mihaaru
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރުން ސްކޫލުތަކަށް

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރުން ހުރިހާ ސްކޫލަކަށް ހަމަޖައްސަނީ

24 އެޕްރީލް 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން، މި އަހަރު ނިމުމުގެ ކުރިން ތަމްރީނުކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން، މި އަހަރު ނިމުމުގެ ކުރިން ތަމްރީނުކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން ދާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށެވެ.

އާއިޝަތު ޝިހާމް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް 217 ޓީޗަރުން ދެ އަހަރުގެ ތެރޭގައި ތަމްރީނު ކޮށްފައިވާއިރު، 23 ޓީޗަރުން މިހާރު ވެސް ޑިގްރީ އަށް ތަމްރީން ވަމުން އަންނަ ކަމަށެވެ.

"މިއަހަރު ނިމިގެންދާއިރު، ކޮންމެ ސްކޫލެއްގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ހާއްސަ އެހީގެ ޓީޗަރުން ތަމްރީން ކުރާއިރު، އެ މީހުން ތަމްރީން ކުރަނީ އޯޓިޒަމް މޮޑިއުލް ވެސް ހިމަނައިގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އެ ބޭނުންވާ އެހީތެރިކަމާއި ތަމްރީނުތައް ފޯރުކޮށްދިނުމުގައި ގިނަ ކަންތައްތަކެއް ކުރެވި، ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އަތޮޅުތަކުގައި ސްޕެޝަލް އެޑިއުކޭޝަން ސެންޓަރުތަކެއް ގާއިމުކުރި ކަމަށާއި އެއީ މާލެ އިން ބޭރުގައި އެފަދަ ސެންޓަރެއް ގާއިމްކުރި ފުރަތަމަ ފަހަރުކަން ވެސް އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިއަހަރު ނިމިގެންދާއިރު، ކޮންމެ ސްކޫލެއްގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޓީޗަރުން ތަމްރީނު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދެމުން އަންނަ ތައުލީމާ ބެހޭގޮތުން މަޝްވަރާކޮށް މައުލޫމާތު ހޯދުމަށް ގައުމީ ފެންވަރުގައި ބޮޑު މަހާސިންތާއެއް މާދަމާ ފަށަން ހަމަޖައްސާފައިވާ ކަމަށް އާއިޝަތު ޝިހާމް ވިދާޅުވި އެވެ. ތިން ދުވަހުގެ މަހާސިންތާގައި، އެ ދަރިވަރުން ސްކޫލަށް ވަންނައިރު ހުރި ފެންވަރާއި މިހާރު ހުރި ހާލަތު ވަޒަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އޭގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމަށް އިތުރު އެހީތަކެއް ލިބި ކުރިއެރުންތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ލޯފަން ކުދިންނަށް ކިޔަވައިދިނުމަށް ރާއްޖެ އިން ބޭރުން ހަތް ޓީޗަރުން ތަމްރީންކޮށްފައި ވެ އެވެ. އަދި ފުރަތަމަ ފަހަރަށް ލޯފަން ދަރިވަރަކު އެސްއެސްސީ އިމްތިހާނު ހެދިކަން ވެސް އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.