Roadha Mihaaru
ނުކުޅެދޭ ކުދިންނަށް ހާއްސަ ސެމިނާއެއް ބާއްވައިފި

ނުކުޅެދޭ ކުދިނަށް، އުނގެނުމުގައި ދިމާވާ ދަތިތަކާއި ހައްލުކުރާނެ ގޮތްތަކާ ގުޅޭ މަޝްވަރާކޮށްފި

11 ޑިސެމްބަރ 2022

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގެނުމުގައި ކުރިމަތިވި ދަތިތަކާއި އެ ކަންކަން ހައްލުކޮށް އެ ކުދިންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގެނުމުގައި ކުރިމަތިވި ދަތިތަކާއި އެ ކަންކަން ހައްލުކޮށް އެ ކުދިންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް އަދި ބައެއް ޖަމިއްޔާތަކުން ގުޅިގެން ދެ ސެޝަނަކަށް ބަހާލައިގެން ބޭއްވި އެ ބައްދަލުވުމުގައި މަޝްވަރާކުރީ ކޮވިޑްގެ ކުރިންނާއި ކޮވިޑަށް ފަހު އެ ކުދިނަށް ކިޔެވުމުގައި ދިމާވި ދަތިތަކާ ގުޅޭގޮތުންނެވެ.

ރާއްޖޭގައި ހުންނަވާ ޔުނިސެފުގެ އެކްޓިން ރެޕްރެޒެންޓޭޓިވް ޑރ. ސަޖާ ފާރޫގް އަބްދުﷲ ވިދާޅުވީ މިފަދަ ކުދިންނަށް ތައުލީމު ހާސިލް ކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ހާއްސަކޮށް ކޮވިޑުގެ ދުވަސްވަރު އެ ކުދިންގެ ކިޔެވުމަށް ވަރަށް ބޮޑަށް ހުރަސް އެޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"...އަދި ކިޔަވައި ދޭންވެސް އުނދަގޫ ދުވަސް ތަކަކަށް،" ސަޖާ ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި ސެމިނާގައި ޔުނިސެފުގެ އެކްޓިން ރެޕްރެޒެންޓޭޓިވް ޑރ. ސަޖާ ފާރޫގް އަބްދުﷲ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޔުނިސެފް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި ސެމިނާގައި ޔުނިސެފުގެ އެކްޓިން ރެޕްރެޒެންޓޭޓިވް ޑރ. ސަޖާ ފާރޫގް އަބްދުﷲ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޔުނިސެފް

އެޑިޔުކޭޝަން މިނިސްޓަރު، އައިޝަތު އަލީ ވިދާޅުވީ ކޮވިޑްގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް އެޅުނު ހުރަސްތަކުން އަރައިގަތުމަށްޓަކައި ސްޓްރެޓެޖީއެއް އެކުލަވަލާފައި ވާކަމަށެވެ.

ކުރިއެކޭ އެއްގޮތަށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަދުގެ ބައްދަލުވުމަކީ އޭގެ އެއްބައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ ތި ކުދިންގެ އަޑު އަހާލައި، އިތުރަށް ކިޔެވުން ބައްޓަން ކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށް، އަޅުގަނޑުމެންގެ ސިޔާސަތުތައް އެ ކަންކަމަށް ރިއާޔަތްކޮށް، ރާވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑަކީ ވެސް ރާއްޖޭގެ ތައުލީމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށާއި އެކަމުން އަރައި ގަތުމަށް އަދިވެސް ވަގުތު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިއަދު ބޭއްވި ތައލީމާ ގުޅޭ ސެމިނާގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޔުނިސެފް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މިއަދު ބޭއްވި ތައލީމާ ގުޅޭ ސެމިނާގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޔުނިސެފް

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވީ ކެއާ ސޮސައިޓީ އާއި ބްލައިންޑް އެސޯސިއޭޝަނާއި ޑެފް އެސޯސިއޭޝަނާއި އޯޓިޒަމް އެސޯސިއޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން ފިޒިކަން ޑިސެބިލިޓީޒް އެވެ.

ބައެއް ސްކޫލުތަކުގެ އިސްވެރިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވެ، ކަންބޮޑުވުންތަކާއި ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މިއަދު މަޝްވަރާތައް ކުރި އެވެ.