Roadha Mihaaru
އެމްއެފްއޭ ފިލްމް އެވޯޑް ރޯދައިގެ ފަހުން ބާއްވަނީ

އެމްއެފްއޭ ފިލްމް އެވޯޑަށް އަންނަ ހަފުތާގައި ހުޅުވާލަނީ، ހަފުލާ އޮންނާނީ ރޯދައިގެ ފަހުން

13 އެޕްރީލް 2017

ފާއިތުވި ތިން އަހަރު ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރަން އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލައި، ރޯދައިގެ ފަހުން އެވޯޑް ހަފުލާ ބާއްވަން ނިންމަިއފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާއިތުވި ތިން އަހަރު ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރަން އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލައި، ރޯދައިގެ ފަހުން އެވޯޑް ހަފުލާ ބާއްވަން ނިންމަިއފި އެވެ.

އެމްއެފްއޭގެ ވައިސް ޗެއާޕާސަން އަދި ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ވިދާޅުވީ މި ފަހަރުގެ އެވޯޑް ބާއްވާނީ ވަރަށް ކުލަގަދަކޮށް ކަމަށެވެ.

"މީގެ ކުރިން ރާއްޖޭގައި ފިލްމް އެވޯޑެއް ނުބާއްވާހާ ކުލަގަދަކޮށް މި ފަހަރު އެވޯޑް ހަފުލާ ބާއްވާނީ. މި ފަހަރު ބޭރުގެ ސެލެބްރިޓީން ވެސް އެވޯޑް ހަފުލާ އިން ފެނިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

މުއާ ވިދާޅުވީ 2014، 2015 އަދި 2016 ގެ ފިލްމްތަކަށް ހާއްސަކޮށް އެވޯޑް ހަފުލާ ބާއްވާ އިރު، ފޯމްތައް ބައިވެރި ކުރަން ހުށަހަޅަން ޖެހޭ ފޯމް އަންނަ ހަފުތާއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ.

"ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް މި ދަނީ. ރޯދައިގެ ފަހަށް އެވޯޑް ހަފުލާ މި ރާވަނީ،" އޭނާ ބުންޏެވެ. "އެހެން ނަމަވެސް އަދި ސީދާ ޑޭޓެއް ފައިނަލެއް ނުކުރޭ."

މި އަހަރު ބާއްވާ އެމްއެފްއޭ އެވޯޑަކީ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވަން ތާވަލް ކުރި އެވޯޑެކެވެ.

އެހެން ނަމަވެސް ދައުލަތުގެ މީޑިއާ ޕިއެސްއެމާ ގުޅިގެން ބާއްވާ އެވޯޑް ހަފުލާ، މި އަހަރަށް ފަސް ކުރީ ވަގުތު އޮވެގެން، ވީހާ ވެސް ފުރިހަމަކޮށް އެވޯޑް ހަފުލާ ބާއްވަން ކަމަށް އެމްއެފްއޭ އިން ބުންޏެވެ.

ފާއިތުވި ތިން އަހަރު ރިލީޒްވެފައި ވަނީ ޖުމްލަ 16 ފީޗާ ފިލްމެވެ.

2016 ގެ ފިލްމްތައް:

1. އެ ރެއަށް ފަހު، 2. ނޭނގި ޔާރު ވަކިވީ، 3، ވާށޭ މަށާއެކީ، 4. ވަފާތެރި ކެހިވެރިޔާ، 5. ހާދަރު، 6. 4426، 7. ވީ ބޭވަފާ، 8. ބައިވެރިޔާ

2015 ގެ ފިލްމްތައް:

1. ރަންދަރި، 2. މިކޮއެ ބައްޕަ ބައޭބައޭ، 3. އެންމެ ފަހު ވިންދާ ޖެހެންދެން، 4. އަހްޝަމް

2014 ގެ ރިލީވި ފިލްމްތައް:

1. ހުޅުދާން، 2. 24 ގަޑި އިރު، 3. އާދޭސް، 4. އިންސާނާ

އެމްއެފްއޭ އެވޯޑް ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބައްވާ އިރު، ފިލްމީ ދާއިރާގެ މީހުން ތިބީ މި އެވޯޑަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.

އެމްއެފްއޭ ފިލްމް އެވޯޑް އެންމެ ފަހުން ބޭއްވީ 2014 ގަ އެވެ. އެ އަހަރު ހަ ފީޗާ ފިލްމެއް އެވޯޑަށް ވާދަ ކުރި އެވެ.