Roadha Mihaaru
ޓީއެފްޖީގެ ދުވުންތެރިންނަށް އެލައިޑްގެ އިންޝުއަރެންސް

ޓީއެފްޖީ ދުވުމުގެ ބައިވެރިންނަށް އެލައިޑުން އެއް މިލިއަން ރުފިޔާގެ އިންޝުއަރެންސެއް ދީފި

12 އެޕްރީލް 2017

އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި އޮންނަ ޓީއެފްޖީ ދުވުމުގެ ހުރިހާ ބައިވެރިން ހިމެނޭ ގޮތަށް އެލައިޑް އިންޝުއަރެންސް އިން އެއް މިލިއަން ރުފިޔާއާ ހަމަޔަށް ކަވަރޭޖް ލިބޭ އިންޝުއަރެންސް ޕެކޭޖެއް ދީފި އެވެ.

އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި އޮންނަ ޓީއެފްޖީ ދުވުމުގެ ހުރިހާ ބައިވެރިން ހިމެނޭ ގޮތަށް އެލައިޑް އިންޝުއަރެންސް އިން އެއް މިލިއަން ރުފިޔާއާ ހަމަޔަށް ކަވަރޭޖް ލިބޭ އިންޝުއަރެންސް ޕެކޭޖެއް ދީފި އެވެ.

"ޓީއެފްޖީ ލޯންގް ރަން"ގެ ނަމުގައި ބާއްވާ ދުވުމުގެ ބައިވެރިންނަށް އިންޝުއަރެންސް ޕެކޭޖް ހަވާލުކުރުމަށް ފަހު އެލައިޑްގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ އެ ދުވުމުގައި ބައިވެރިވާ ހުރިހާ ފަރާތްތައް ކަވަރުކުރެވޭ ގޮތަށް ދިން ގްރޫޕް ޕާސަނަލް އިންޝުއަރެންސް ޕެކޭޖުން އިވެންޓް ކުރިޔަށްދާ ވަގުތުގައި ހިނގާ ކަމެއްގެ ސަބަބުން ދާއިމީ ނުކުޅުދުންތެރިކަމެއް މެދުވެރިވުމާއި އެޑްމިޓްކޮށްގެންނާއި އެޑްމިޓް ނުކޮށް ދޭ ފަރުވާގެ ހަރަދު އަދި އިވެންޓްގެ ތެރޭގައި ކުރިމަތިވާ ހާދިސާއަކުން މަރުވުން ވެސް ކަވަރުކުރާނެ ކަމަށެވެ.

"މިއީ އެލައިޑުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޝައުގުވެރިވާ ދާއިރާއެއް. އަދި މި ދުވުމަކީ އަހަރުން އަހަރަށް އާއްމުންގެ ތަރުހީބު ލިބޭ ވަރަށް އިފެކްޓިވް ހަރަކާތެއް،" އޭނާ ވިދާޅުވި އެވެ.

ރިޔާޒީ ވިދާޅުވީ މި ދުވުމުގައި ބައިވެރިވާ ކޮންމެ މީހަކަށް 10،000ރ. ގެ އިންޝުއަރެންސް ކަވަރޭޖެއް ލިބޭނެ ކަމަށެވެ.

ޓީއެފްޖީގެ ދުވުމާ ބެހޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ހުސެއިން ޒިނާން ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ޓީއެފްޖީގެ ދުވުމާ ބެހޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ހުސެއިން ޒިނާން ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވީ އެތަނުން 2013 ވަނަ އަހަރު އެ ދުވުން ފެށީ 200 ބައިވެރިންނާ އެކު ކަމަށް ވިޔަސް މިފަހަރު 800 މީހުން ބައިވެރިވާ ކަމަށެވެ.

ޓީއެފްޖީ ދުވުމުގެ އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި 2014 އިން ފެށިގެން އެލައިޑުުން ބައިވެރިވެ އެވެ.

"އަޅުގަނޑުމެންގެ މި ލޯންގް ރަންގެ މައިގަނޑު މަގުސަދަކީ މުޖުތަމައުގެ ތެރެއަށް ދުޅަހެޔޮ ސިއްހަތެއްގައި މީހުން އުޅުމާއި ހަށިހެޔޮކަން އާލާކޮށް ދިރުވުން. އެހެންވެ އެންމެނަށް ބައިވެރިވެވޭ ދުވުމެއް ބޭއްވުމަށް މީގެ ފަސް އަހަރު ކުރިން ފެށި މި ދަތުރުގައި އެލައިޑުން ވެދެއްވާފައި ވަނީ ވަރަށް ބޮޑު އެހީތެރިަކަމެއް،" ޒިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދުވުމުގައި ބައިވެރިވާ ކޮންމެ މީހަކީ ވެސް ކާމިޔާބީއެއް ހޯދާ މީހެއް ކަމަށް ފާހަގަކުރާ ކަމަށެވެ.