Roadha Mihaaru
ތަރައްގީ އަށް ހުރަސް އަޅާ އަތްފައި ވާނީ ބަލި: މުއާޒު

ތަރައްގީ އަށް ހުރަސް އަޅާ އަތްފައި ވާނީ ބަލި: ތަރުޖަމާނު

11 އެޕްރީލް 2017

ރާއްޖޭގައި މިދިޔަ 33 އަހަރު "ފިނިހަކަ ދުވެލީގައި" އޮތް ތަރައްގީ ތިން އަހަރުން ބާރު ސްޕީޑަށް ބަދަލުކޮށްލިއިރު، އެ ތަރައްގީ އަށް ހުރަސް އަޅާ އަތްފައި ވާނީ ބަލި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި މިދިޔަ 33 އަހަރު "ފިނިހަކަ ދުވެލީގައި" އޮތް ތަރައްގީ ތިން އަހަރުން ބާރު ސްޕީޑަށް ބަދަލުކޮށްލިއިރު، އެ ތަރައްގީ އަށް ހުރަސް އަޅާ އަތްފައި ވާނީ ބަލި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވިއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހާއެކު، ސަރުކާރުގެ ބަލިފައި ހޯދިއްޖެ ކަމަށެވެ.

މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް އާއި ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، އެކަމަށް ހުރަސްއެޅޭ ގޮތަށް މަޖިލިހުގެ ގަވާއިދަށް އިސްލާހު ގެނައުމުން އެނގެނީ ސަރުކާރު ގޮތް ހުސްވެފައިވާކަން ހާމަވެެއްޖެ ކަމަށެވެ.

އެ މަނިކުފާނަށް ރައްދު ދެއްވައި މުއާޒު ވިދާޅުވީ ބަލިފަޔަކީ ސަރުކާރުން ގެންނަ ތަރައްގީ އަށް ހުރަސް އަޅައިގެން އަތާއި ފައި ވާ ބަލި ކަމަށެވެ.

"ރައްޔިތުންނަށްޓަކައި މަޝްވަރާކޮށްލަން ނުކެރުމަކީ ފިނޑިކަން. ރައްޔިތުންގެ ނަމުގައި ދައްކާ ވާހަކައިގެ އިހްލާސްތެރިކަމެއް ނެތުން،" އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް އޭނާ ވިދާޅުވި އެވެ.

މުއާޒް އިއްޔެ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކުރުން ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އައުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގުޅިވަޑައިގެން ސަރުކާރާ އިދިކޮޅު ކޯލިޝަނެއް އުފެއްދި ފަހުން ސިޔާސީ އިދިކޮޅު ހަރަކާތްތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ވަނީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ތުހުމަތުތައް ގާސިމް ވަނީ ދޮގުކުރައްވައިފަ އެވެ.