Roadha Mihaaru
ވޮލީއާ މެދު ޝަވީދުގެ ބަސް: ގޯހަކަށް ފަހު ގޯހެއް!

ލަތީފުގެ މަގާމް ނުގެއްލޭ، އެކަމަކު އޭނާ އަށް ވެސް ގޯސްތަކެއް ހެދިއްޖެ: ޝަވީދު

08 އެޕްރީލް 2017

ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަމުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވަކިކުރިޔަސް، އެސޯސިއޭޝަނުގެ ރައީސްގެ މަގާމް އޭނާ އަތުން ނުގެއްލޭނެ ކަމަށާއި އެކަމަކު އެ ހާސްކަމުގެ ތެރޭގައި ލަތީފަށް ވެސް ގޯސްތަކެއް ހެދިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަމުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވަކިކުރިޔަސް، އެސޯސިއޭޝަނުގެ ރައީސްގެ މަގާމް އޭނާ އަތުން ނުގެއްލޭނެ ކަމަށާއި އެކަމަކު އެ ހާސްކަމުގެ ތެރޭގައި ލަތީފަށް ވެސް ގޯސްތަކެއް ހެދިފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާއަށް ފަހު މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ޝަވީދު ވިދާޅުވީ ކްލަބްތަކުގެ މެމްބަޝިޕް ގެއްލުވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ލަތީފުގެ އެކްސްކޯ އިން ޖަވާބުދާރީވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަންތައް ހިނގައި ދިޔަ ގޮތް އޮލިމްޕިކް ކޮމިޓީގެ އެތިކްސް ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެ ކޮމިޝަނުގެ ރިޕޯޓް މި ހަފުތާގެ ތެރޭގައި ނިންމައި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އަށް ހުށަހެޅުމުން އެ ފަރާތުން މައްސަލަ ބަލައި ގޮތެއް ނިންމާނެ ކަމަށް ޝަވީދު ވިދާޅުވި އެވެ.

ޝަވީދު ވިދާޅުވީ ވޮލީބޯޅަ އެސޯސިއޭޝަނަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އަދި ގެއްލިފައިވާ އިތުބާރު އަލުން ހޯދަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މައްސަލަތައް ބެލުމަށް ފަހު، އިންތިގާލީ މަރުހަލާއަކަށް އެސޯސިއޭޝަން ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށާއި އެކަމާ އޭވީސީން ނިންމާ ގޮތެއް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށެވެ.

ވޮލީގެ އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެމްބަރުންނާއި ލަތީފާ ޖެހުނު މައްސަލައެއްގައި، ޔޫތު ސްޕޯޓްސް ކްލަބުން ފެބްރުއަރީ މަހު އޭނާ ވަކިކުރި އެވެ. އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައި ވަނީ ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓަރީ ވެފައިވާ ކްލަބް، ޖަމިއްޔާ، ޖަމާއަތެއްގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

ޝަވީދު ވިދާޅުވީ ރައީސްގެ މަގާމަށް ކުރިމަތިލެވެނީ ކްލަބެއްގެ އެކްސްކޯ މެމްބަރަކަށް ކަމަށް ގަވާއިދުގައި އޮތަސް ރައީސް މަގާމަށް ހޮވަނީ އެސޯސިއޭޝަނުގެ މެމްބަރު ކްލަބްތަކުން ކަމަށާއި ލަތީފް ހޮވުނީ އެ އެންމެންގެ ވޯޓާ އެކު ތަފާތު ބޮޑުކޮށް ކަމަށެވެ. އަދި އުފެދުނު ހިޔާލު ތަފާތުވުމަކާ ގުޅިގެން އެ ކްލަބުން ލަތީފް ވަކިކުރުމާ އެކު އޭނާގެ މަގާމް ގެއްލުމަކީ ދުނިޔެވީ ހަމަތަކުން ބެލިޔަސް އަދި އަމިއްލަ ސިކުނޑިން ވިސްނާ ބެލިޔަސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"ރައީސް މިހޮވަނީ މުޅި ވޮލީއަށް ހިދުމަތްކޮށްދޭން. ކްލަބަކުން ދޭ މަގާމެއް ނޫން އެއީ. އަނެއްކާ އެ ކްލަބުން ލަތީފް ވަކިކޮށްފައި ބަދަލުގައި ކްލަބުގެ އެކްސްކޯއަށް ލާ މީހަކު ނުވެސް ހޮވޭ ރައީސަކަށް،" ޝަވީދު ވިދާޅުވި އެވެ.

"މިއީ އޮލިމްޕިކް ޗާޓަރާ ކުޅިވަރުގައި ހެދިފައި ހުރި ގަވާއިދުތަކާ މުޅިން ހިލާފު މާއްދާއެއް. އަޅުގަނޑުމެންގެ ތެރޭގައި ކުރީގައި އެވެއާނަސް ނޯންނާތީ މަގާމް ދިފާއުކުރަން ކޮންޓްރޯލް ނެގުމަށް އޭރު އޮންނަ ބަޔަކު އަބަދުވެސް އަސާސީ ގަވާއިދަށް (މިފަދަ) ބަދަލުތައް ގެންނަމުން ދަނީ."

ޝަވީދު ވިދާޅުވީ ލަތީފް އޭރު އެކަމާ އުޅުއްވި ނަމަ އެ މާއްދާ ބާތިލްކުރަން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އަންގާނެ ކަމަށާއި އަދި ކޮންގްރެސްއެއް ނުބާއްވައި ވެސް އެފަދަ މާއްދާތައް ބާތިލްކުރުމުގެ ބާރު އެ ފަރާތްތަކަށް އޮންނާނެ ކަމަށެވެ.

"މީގެ ކުރިން އަލީ އާޒިމްގެ ދައުރުގައި އެފްއޭއެމް އަސާސީ ގަވާއިދުގައި އޮންނާނެ 35 އަހަރު ނުފުރޭ މީހަކަށް ކުރިމަތިނުލެވޭނެޔޭ (ރައީސްގެ މަގާމަށް). ފީފާ އިން އެ މާއްދާ ރިމޫވްކުރި. އޭގެ ފަހުން (ސްޕޯޓްސް) މިނިސްޓަރު ޒުހޫރުގެ ދުވަސްވަރު ސްޕޯޓްސް ކައުންސިލުން ނެރުނު އެއް އެކްސްކޯގައި ހުންނަ މީހަކަށް އަނެއް އެކްސްކޯގައި ނުހުރެވޭނެ ކަމަށް ވެސް. އެއީ އޮލިމްޕިކް ޗާޓަރާ ހިލާފު ކަމެއްކަމަށް އައިއޯސީން ކައުންސިލް ސީދާ އެންގީ،" ޝަވީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި އެތުލީޓުން ތަރައްގީވަމުން އަންނަ ކަމަށާއި މެޑަލް ވެސް ހޯދަމުން އަންނަ ކަމަށާއި އެ އުސޫލުން އެސޯސިއޭޝަނުގެ ރައީސުންނާއި އެކްސްކޯ މެމްބަރުން ވެސް ތަރައްގީވެ މިފަދަ ކަންކަމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބަށް ފަހު އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމަށް (ވ) ޝަވީދު މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެފްއޭއެމްގެ އިންތިހާބަށް ފަހު އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމަށް (ވ) ޝަވީދު މަރުހަބާ ކިޔަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަވީދު ވިދާޅުވީ ލަތީފަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އަދި އާއިލީ ވެސް ބޭފުޅެއް ކަމަށެވެ. އެކަމަކު ހަގީގަތަކީ ލަތީފުގެ ކިބައިގައި ކުޅިވަރު ހިންގުމުގެ ތަޖުރިބާ މަދުކަން ކަމަށާއި އެހެންވެ ކްލަބަކުން ނިންމި ނިންމުމެއްގެ ސަބަބުން އޭނާގެ މަގާމް ގެއްލުނީކަމަށް ހީވެ އޭނާ ހާސްވީ ކަމަށެވެ. ލަތީފުގެ އޮޕޯޒިޝަނުން ލަތީފް ލައްވައި ގޯހެއް ހެއްދުވީ ކަމަށާއި އެކަމުގައި ލަތީފް ހާސްވެ، އޭގެ ތެރެއިން އޭނާ އަށް ގޯހެއް ހެއްދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ޝަވީދު ވިދާޅުވި އެވެ.

"ހަގީގަތުގައި މިކަމުގައި ސަރުކާރުގެ އިންވޯލްވްމަންޓެއް ނެތް. މިއީ އެސޯސިއޭޝަނުގައި ކުރީގައި ތިބި ބަޔަކާ ލަތީފާ މައްސަލަ ޖެހިގެން ހިނގި ކަމެއް. އޮލިމްޕިކް ޗާޓަރާ ހިލާފު މާއްދާއެއްގެ ސަބަބުން އޭގެ ތެރެއިން ގޯހެއް ބިލްޑްވެގެން މިދިޔައީ. އެއާ އެކު ލަތީފް ޕެނިކްވެ، ކުރެވުނު ކަންތައްތަކެއްގެ ސަބަބުން މިއަދު އެތައް ކްލަބެއްގެ މެމްބަރުކަން ގެއްލިއްޖެ. ހަގީގަތުގައި މީގައި ކްރިޓިކަލް މައްސަލައަކީ ކްލަބްތަކެއްގެ މެމްބަޝިޕް ގެއްލުން،" ޝަވީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސޯސިއޭޝަނުގެ މެމްބަޝިޕް ކްލަބްތަކުގެ އަދަދު މަދުވުމަކީ ކުޅިވަރުގެ ސިޔާސަތުގައި ވޮލީބޯޅައިން ފަހަތަށް އެޅި ފިޔަވަޅެއް ކަމަށާއި ކްލަބެއްގެ މެމްބާޝިޕް ނެގުން މިއީ އެއްވެސް ފަރާތަކުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

"ފުޓްބޯޅައިގައި ކްލަބެއްގެ މެމްބަޝިޕް ނަގާލި ވާހަކަ ފީފާ އަށް ގޮސްފިއްޔާ ތަހުގީގަށް ދާނެ. ކްލަބަކުން މެމްބަޝިޕް ފީ ނުދައްކައިފިއްޔާ ޖޫރިމަނާ ވާ ގޮތަށް އޮންނަނީ. އެހެންވެއްޖެއްޔާ ފީ ނުދެއްކިޔަސް ވަތްކެއް ނުކުރެވޭނެ. މެމްބަޝިޕް ދަށްކުރާ ލެވެލަށް ޑެސްޕަރޭޝަން ދާނީ އެ ބަޔެއްގެ އަތުން އެ ކުޅިވަރެއްގެ ކޮންޓްރޯލް ގެއްލޭ ހިސާބަށް ދިޔައީމާ ކަމަށް ބޭރުގެ ފަރާތްތަކުން ގަބޫލުކުރާނީ،" ޝަވީދު ވިދާޅުވި އެވެ.

މެމްބަޝިޕް ފީ ނުދައްކާ ކަމަށް ބުނެ ކްލަބްތަކަށް އެސޯސިއޭޝަނުގެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނުއިރު ދެ ކްލަބަކާ އެކު ބޭއްވި ކޮންގްރެސްގައި ވަނީ އެސޯސިއޭޝަނުގެ ނައިބް ރައީސް އިއްޒަތު ވަހީދު މަގާމުން ވަކިކޮށްފަ އެވެ. މީގެ އިތުރުން ވެސް އެސޯސިއޭޝަނުގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އެ ބަދަލުތައް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ގޯސް ބަދަލުތަކެއް ނަމަ މިނިސްޓްރީން ރަޖިސްޓްރީކޮށްނުދޭނެ ކަމަށް ލަތީފް ގަބޫލުކުރައްވާ ކަމަށް ވެސް ޝަވީދު ވިދާޅުވި އެވެ. އެކަމަކު ޝަވީދު ވިދާޅުވީ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލާނީ ކަން ހިނގާފައިވާ ގޮތަށް ކަމަށާއި އެކަމުގައި ޝައްކުތަކެއް އުޅޭ ނަމަ އޮޑިޓްކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންވެ ހޯމް މިނިސްޓްރީން އެ ބަދަލުތައް ރަޖިސްޓްރީކޮށްދިނަސް އެކަމުގައި ގޯހެއް އުޅެންޏާ، ބޭރުގެ ކަމާބެހޭ ފަރާތްތަކުން އެ ބަދަލުތައް ގަބޫލުނުކުރާނެ ކަމުގެ އިޝާރާތެއް ޝަވީދު ދެއްވި އެވެ.

އޭނާ ވިދާޅުވީ އޭވީސީ އޮތީ އޮލިމްޕިކް ކޮމިޓީގެ އެތިކްސް ކޮމިޝަނުގެ ރިޕޯޓުގެ އިންތިޒާރުގައި ކަމަށެވެ. އަދި އެތިކްސް ކޮމިޓީގެ ރިޕޯޓުގައި އެއްވެސް ފަރާތެއް ކުށްވެރިނުކުރާނެ ކަމަށާއި އެ ރިޕޯޓުގައި އޮންނާނީ ކަން ހިނގި ގޮތާއި އެކި ފަރާތްތަކުގެ ބަޔާންތައް ކަމަށެވެ.

ޝަވީދު ވިދާޅުވީ އޭނާ އަކީ ގޮތް ނިންމާ ފަރާތް ނޫން ކަމަށާއި އެކަމަކު ރާއްޖެ ސަސްޕެންޝަނަކާ ހަމަޔަށް ދިއުން ފަދަ ކަމެއް މެދުވެރިނުވާނެ ގޮތައް މަސައްކަތްކުރާނެ ކަމަށެވެ. މީގެ ކުރިން އެފްއޭއެމުގައި ވެސް ލިބެން އޮތް މަގާމެއް ދޫކޮށްލީ ރާއްޖެ ސަސްޕެންޝަނަކުން ސަލާމަތްކުރަން ކަމަށާއި އަބަދުވެސް ހުންނާނީ އެގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް މިއޮތީ ގޯހެއް ވެފައި. ލަތީފުގެ ޓީމުން ޖަވާބުދާރީވާން ޖެހޭ ކްލަބްތަކުގެ މެމްބަޝިޕް ގެއްލިގެން ދިޔަ ގޮތާ މެދު. އެކަަމަކު އަޅުގަނޑެއް ގަބޫލެއް ނުކުރަން ސަސްޕެންޝަނަކާ ހަމަޔަށް ދިއުން ފަދަ ދިމާވާނެ ކަމަށް އެންމެން އެއްބާރުން ދެންޏާ. މިހާރު މިއޮތީ ދިމާވި މައްސަލަތައް ހައްލުކުރަން ވެފައި،" ޝަވީދު ވިދާޅުވި އެވެ.

ޝަވީދު ވަނީ ލަތީފަށް ހެއްދެވުނު ގޯސްތަކުގައި ކުރިން އެސޯސިއޭޝަނުގައި މަސައްކަތްކުރެއްވި ފަރާތްތަކުގެ ޕްރެޝަރު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ލަތީފް މަގާމަށް ހޮވުނީ މެމްބަރުންގެ ތާއީދާ އެކު ކަމަށާއި އެހެންވެ އޭނާ އަށް މަސައްކަތްކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އެކަމަކު އިދިކޮޅު ފަރާތްތަކުން އެ ފުރުސަތެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލަތީފަށް އެސޯސިއޭޝަން ހިންގުމުގެ މައްސަލައެއް ދިމާވެގެން އޭނާއާ ދިމާކުރި ކަމަކަށް ވުރެ ކުރީގެ ލީޑާޝިޕުން ލަތީފުގެ މަގާމަށް ފައިޓްކުރުމަށް ކުރި ކަމެއްގެ ގޮތުގައި ދެކެނީ. އަނެއްކާ ހޮވޭ ފަރާތްތަކުން ވެސް ގަބޫލުކުރަން ޖެހޭ ސިޔާސީ ދާއިރާގައި އޮންނަ ގޮތަށް ކުޅިވަރުގައި ވެސް (ކުރީގެ ވެރިން) ދާނީ އަބަދުވެސް މަގާމް ހޯދަން މަސައްކަތްކުރަމުންކަން. މިފަދަ ކަންކަމަށް ތައްޔާރުވާން ޖެހޭ ހޮވާ ފަރާތްތައް ވެސް،" ޝަވީދު ފާހަގަކުރެއްވި އެވެ.