Roadha Mihaaru
ރުމޭނިއާއާ އެއްވަރުވެ ސްވިޒަލެންޑަށް އިތުރު އިންތިޒާރެއް

ރުމޭނިއާއާ އެއްވަރުވެ ސްވިޒަލެންޑަށް އިތުރު އިންތިޒާރެއް

16 ޖޫން 2016

ޕެރިސް (ޖޫން 15) - ރުމޭނިއާއާ 1-1 އިން އެއްވަރުވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން ސްވިޒަލެންޑުން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 15) - ރުމޭނިއާއާ 1-1 އިން އެއްވަރުވެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން ސްވިޒަލެންޑުން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ރުމޭނިއާ ވަނީ ޕޮއިންޓް ޓޭބަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ސްވިޒަލެންޑާއި ފްރާންސަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފްރާންސް މިރޭ އަލްބޭނިއާ އަތުން މޮޅުވެއްޖެނަމަ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ. އަލްބޭނިއާ ވަނީ ފުރަތަމަ މެޗުން ސްވިޒަލެންޑު އަތުން ބަލިވެފަ އެވެ.

މިރޭގެ މެޗަކީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބޮޑު މުބާރާތެއްގެ ރުމޭނިއާ އާއި ސްވިޒަލެންޑު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗާ އެކު މި ދެ ޓީމު މިހާތަނަށް ކުޅުނު 13 މެޗުން ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މެޗު ފަށައިގެން ސްވިޒަލެންޑުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ސްވިޒެލެންޑުގެ ފޯވާޑް ހަރިސް ސެފެރޯވިޗް ޖެހި ބޯޅަ ދިޔައީ ދަނޑި ކައިިރިން ބޭރުންނެވެ.

ސްވިޒަލެންޑުން ފުރަތަމަ ހަމަލާ އުފެއްދި ނަމަވެސް ރުމޭނިއާ ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އެނބުރި އައިސްފަ އެވެ. އެ ޓީމުން ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައި ބޮގްޑަން ސްޓަންޗޫގެ ޕެނަލްޓީންނެވެ. މި ޕެނަލްޓީ ލިބުނީ ސްވިޒަލެންޑު ކެޕްޓަން ސްޓެފަން ލިޗްސްޓައިނާ އެޓީމުގެ އޭރިއާ ތެރެއިން ރުމޭނިއާގެ އަލެކްސް ޗިޕްޗޫ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މިއީ މި މުބާރާތުގައި ސްޓްންޗޫ ޖެހި ދެ ވަނަ ޕެނަލްޓީ އެވެ. އޭނާ ވަނީ ފްރާންސް ކޮޅަށް ވެސް ފުރަތަމަ މެޗުގައި ލިބުނު ޕެނަލްޓީ ވައްދާލައިފަ އެވެ. މި ލަނޑާ އެކު ސްޓަންޗޫ ވެފައިވަނީ 2000 ވަނަ އަަހަރަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ދެ ޕެނަލްޓީ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާ އަށެވެ. އެ ފަހަރު ދެ ޕެނަލްޓީ ޖެހީ ސްޕެއިނުގެ ގައިޒްކަ މެންޑިއޭޓާ އެވެ.

ރުމޭނިއާ އިން ލީޑު ނެގިތާ ތިން މިނިޓް ފަހުން ސްވިޒަލެންޑުގެ ޑިފެންޑަރު ފަބިއަން ޝެއާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ޝެއާ ފޮނުވާލި ހަމަލާ ރުމޭނިއާ ކީޕަރު ސިޕްރިއަން ޓަޓަރުސަނޫ ވަނީ މަތަކޮށްފަ އެވެ.

ރޫމޭނިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޫމޭނިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޒަލެންޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީޑުފުޅާކުރަން ސްވިޒަލެންޑްގެ އޭރިއާ ތެެރެއިން ރުމޭނިއާގެ ޑިފެންޑަރު ކްރިސްޓިއަން ސަޕުނާރޫ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ބޭރުންނެވެ.

ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން ސްވިޒަލެންޑުން އެންމެ ހުސް ފުރުސަތެއް ލިބުނީ ބްލެރިމް ޖެމައިލީ އަށެވެ. އަރިމަތިން ލިޗްސްޓައިނާ ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ޖެމައިލީ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދެ ވަނަ ހާފް ފެށިގެން ރުމޭނިއާ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ 52 ވަނަ މިނިޓްގައި އެ ޓީމުން އުފެއްދި އެޓޭކެއްގައި ސްވިޒަލެންޑުގެ ޑިފެންޑަރު ޔޯހަން ޖޯރޫ ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ އެ ޓީމުގެ ކީޕަރު ޔަން ސޯމާ ވަނީ މަތަކޮށްފަ އެވެ.

ސްވިޒަލެންޑުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 57 ވަނަ މިނިޓްގައި އަޑްމިރް މެހްމެދީ ޖެހި ލަނޑުންނެވެ. ރުމޭނިއާ އޭރިއާ ތެރެއިން މެހްމެދީ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ދެ ޓީމުގެ ފަރާތުން މެޗުގެ ފަހު 30 މިނިޓް ތެރޭގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހަން މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއްނުވި އެވެ.