Roadha Mihaaru
ނިހާނާއި އިލްހާމް ޕާޓީން ވަކިކޮށްފި: މައުމޫން ފެކްޝަން

ނިހާނާއި އިލްހާމް ޕީޕީއެމުން ވަކިކޮށްފިން: މައުމޫން ފެކްޝަން

29 މާޗް 2017

ޕީޕީއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް އެ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފައިވާ މައުމޫން އަބްދުލްގައްޔޫމް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ޑެޕިއުޓީ ލީޑަރު އިލްހާމް އަހްމަދު ޕާޓީން "ވަކިކޮށްފި" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް އެ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފައިވާ މައުމޫން އަބްދުލްގައްޔޫމް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ޑެޕިއުޓީ ލީޑަރު އިލްހާމް އަހްމަދު ޕާޓީން "ވަކިކޮށްފި" އެވެ.

ޕީޕީއެމް ދެބައިވެ، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ޕާޓީގެ ނަމުގައި ކޮމިޓީތައް ހިންގަވައި ކަންކަން ނިންމަވަމުން ގެންދަވާއިރު ކޯޓުގެ ހުކުމަކާ އެކު ޕާޓީގެ ހުރިހާ ބާރެއް މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް އެ މަނިކުފާނެ ފަޅިން ވެސް ގެންދަވަނީ ނިންމުންތައް ނިންމަވަމުންނެވެ. ކޮންމެ ފަރާތަކުން ވެސް އަސްލު ޕީޕީއެމް އަކީ އެއީ ކަމަށް ދައުވާކުރެ އެވެ.

މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ނިހާން އާއި އިލްހާމް "ޕާޓީން ވަކިކުރީ" ސުލޫކީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. ނިހާންއާ ގުޅޭގޮތުން ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރެއްވުމާއި ފ. އަތޮޅު ވިއްކާލަން ނިންމާފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ކަަމަށް އަލީމް ވިދާޅުވި އެވެ.

އިލްހާމްގެ މައްސަލަ ކޮމެޓީ އަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރަން މަޖިލީހުގައި ނެގި ވޯޓުގެ ކުރިން "މަސީހާ ދެކޮޅަށް ވޯޓު ދޭނީ ހޫނުފެނަށް އެރެން ބޭނުންވާ ނަމަ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ މެމްބަރުންނަށް ބިރުދެއްކެވި މައްސަލައިގަ އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި އިލްހާމް ވާހަކަ ދައްކަވަނީ. -- ހުސެއިން ވަހީދު/މިހާރު

ޕީޕީއެމްގެ ޖަލްސާއެއްގައި އިލްހާމް ވާހަކަ ދައްކަވަނީ. -- ހުސެއިން ވަހީދު/މިހާރު

މައުމޫން ފެކްޝަނުން ބުނިގޮތުގައި ދެ މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވެވަޑައިގަތުމަށް ސުލޫކީ ކޮމެޓީ އަށް ހާޒިރުވުމުގެ ފުރުސަތު ވެސް ދިނެވެ. އެކަމަކު ދެ މެމްބަރުން ވެސް ވަޑައިނުގެންނެވި ކަމަށް އަލީމް ވިދާޅުވި އެވެ.

މައުމޫން ފެކްޝަންގެ ސުލޫކީ ކޮމެޓީން ނިހާނާއި އިލްހާމް ވަކިކުރިއިރު ޕާޓީގެ މެންބަރުކަމުން މައުމޫން ވަކިކުރަން ނިންމާފައި ވަނީ ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާގައި ފަސް އަހަރަށް އިންތިހާބު ކޮށްފައިވާ ރައީސް ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ނިންމުން ބަލއިނުގަންނާނެ ކަމަށެވެ. ރައީސް ޔާމީންގެ ފެކްޝަނުން ވެސް ސްކޫލީ ކޮމިޓީ ބާއްވައި، ބައެއް ބޭފުޅުން ޕާޓީން ވަނީ ވަކިކޮށްފަ އެވެ.