26 ސެޕްޓެމްބަރ 2018
ޕީޕީއެމްގައި މިހާރު ތިއްބެވި ލީޑަޝިޕްގެ އަތުން، ޕާޓީ އަތުލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގައި މިހާރު ތިއްބެވި ލީޑަޝިޕްގެ އަތުން، ޕާޓީ އަތުލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ ރައީސް އަދި ޖަލު ހުކުމެއްގައި މިހާރު ހުންނެވި މައުމޫން އަބްދުލްގައްޔޫމާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.
އެކަމަކު، އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވަން މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ނިންމައިފަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕް ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް ކޯޓަކުން ހުކުމްކޮށްފައެއް ނެތެވެ.
ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ ކުރިމަގާ މެދު ގޮތެއް ނިންމުމަށް އޭރު ކޯޓަށް ދާން ޖެހުނީ އެ ޕާޓީގެ ހިންގުން ހުއްޓުމަކަށް ގެނައުމުން ކަމަށެވެ. އެ ގޮތުން ޕީޕީއެމްގެ ހަރަކާތްތައް އޭރު ހިންގެވުމަށް މައުމޫން ހުއްދަ ނުދެއްވި ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމުން މާލޭގައި ބޭއްވި ރެލީއެއްގައި ނިހާން ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
ރައީސް ޔާމީންގެ ސަރުކާރުގެ އަމަލުތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އިދިކޮޅު ސިޔާސީ ލީޑަރުންނާ އެކު މައުމޫން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ފަހުން، އެ މަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަހަށް ވަނީ ޖަލަށް ލައިފަ އެވެ. އެ މަނިކުފާނު ހައްޔަރު ކުރީ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރެ އެވެ.
"އެ މަނިކުފާނާ (ރައީސް ޔާމީން) އެކީގައި މި އަންނަނީ ގާނޫނީ ހަމަތަކުގެ މަތިން. ސުޕްރީމް ކޯޓުން ނިންމާފައިވާ މި މައްސަލަ، އަޅުގަނޑުމެންނާ ހަމަ އަށް ހުރިހާ ހާލަތެއް ނިމިފައި އޮތީ. އެ ބޭފުޅުން ވަޑައިގަންނަވަން ޖެހޭނީ ކޯޓަށް. ވަޑައިގެން ކޯޓުން ހުކުމެއް ހޯއްދަވައިގެން. ކޯޓުގެ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމަށް ފަހު ވަޑައިގަންނަވާ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ޕީޕީއެމް ހޯދަން ކޮންމެ ތަނަކަށް ވަޑައިގަތަސް، އެ މީހުންނާ ޗެލެންޖް ކުރައްވަން ޕީޕީއެމްގެ ލީޑަޝިޕް އޮތީ ތައްޔާރަށެވެ. އަދި "އަޅުގަނޑުމެން އަތުން ޕީޕީއެމް އެ ގޮތަށް ގެންދެވޭނެ އެއްވެސް ހަމައެއް އެ ބޭފުޅުންނަށް ނޯންނާނެ" ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އެކަމުގެ ސަބަބެއްގެ ގޮތުގައި ނިހާން ދެއްކެވީ ޕީޕީއެމަކީ އެކެއްގެ މުދާގަނޑަކަށް ނުވުމެވެ. އަދި ޕީޕީއެމް ހިންގަން ހަވާލު ކުރަންވީ ކޮން ބޭފުޅަކާތޯ އެ ޕާޓީގައި ތިބި އާންމު މެމްބަރުންގެ ވޯޓަކަށް ދިއުމަށް ވެސް ނިހާން ވަނީ ގޮވާލައްވައިފަ އެވެ.
ނިހާން ވިދާޅުވި ގޮތުގައި، އަންނަ ހުކުރު ދުވަހު ފަށާ ކޮންގްރެސްގައި ޕާޓީގެ ރައީސެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅުއްވާނެ އެވެ. އަދި ޕީޕީއެމްގެ ކޮންމެ މެމްބަރަކު ތިއްބެވީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"އެހެންވީމަ އެ މަނިކުފާނަށް މީތި (ޕީޕީއެމް) ދިނުމަށް ހުރަސް އަޅާނެ އެއްވެސް ބާރެއް އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ނެތް. ހުރިހާ އެންމެން އިއްތިފާގުވޭ އެކަމަށް،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސަތު ރައީސް ޔާމީނާ ހަވާލުކޮށްފައި އޮތީ ގާނޫނީ ހުރިހާ ހަމަތަކުގެ މަތިން ކަމަށް ގާނޫނީ ހުރިހާ ބޭފުޅުން އިއްތިފާގުވެވަޑައިގެންފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
ޕީޕީއެމް ރިފޯމް ކުރަން އެއްޗެއް ނޯންނާނެ: ރައީސް ޔާމީން
ވަކިކުރި ކަމަށް ބުނީ ދަންނަ ބައެއް ނޫން: ނިހާން
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
ދައުވަތުގައި އިހުލާސްތެރިކަން އެބަ ހުރިތަ؟
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
މައުމޫން، ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހުގެ ތައުރީފް!
ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާ ދޭން ނިހާން ގޮވާލައިފި
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
ޕީޕީއެމްގެ އުންމީދު ގެއްލި މައުމޫން އާ ޕާޓީ އަކަށް