Roadha Mihaaru
ޕީޕީއެމްގެ އުންމީދު ގެއްލި މައުމޫން އާ ޕާޓީ އަކަށް

ޕީޕީއެމް ލިބޭނެ ކަމުގެ އުންމީދު ގެއްލި މައުމޫން އާ ސިޔާސީ ޕާޓީއަކާ ދިމާއަށް

31 ޖެނުއަރީ 2019

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޕީޕީއެމް ހޯއްދެވުމުގެ ވިސްނުންފުޅު ދޫކުރައްވައި، އެމަނިކުފާނަށް ނިސްބަތްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީ އަކަށް ބަދަލުކުރައްވަން ނިންމަވައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޕީޕީއެމް ހޯއްދެވުމުގެ ވިސްނުންފުޅު ދޫކުރައްވައި، އެމަނިކުފާނަށް ނިސްބަތްވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީ އަކަށް ބަދަލުކުރައްވަން ނިންމަވައިފި އެވެ.

މައުމޫން މިއަދު ބޭއްވެވި ނިއުސް ބްރީފިންގައި ވިދާޅުވީ، އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ. އެގޮތުން ޕާޓީ ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފޯމު ވެސް މިހާރު ނަންގަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިޔާ، އެ ގާނޫނުގައި ބުނާ އަދަދަށް މީހުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އަދި ގަވާއިދު ތަންދޭ ގޮތެއް މަތިން ވަރަށް އަވަހަށް ޕާޓީ ރަޖިސްޓަރީ ކޮށް ނިމޭނެ،" ސޯލްޓް ރެސްޓޯރަންޓް ހިންގާ އިމާރާތުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވި އެވެ.

އެމްއާރުއެމްގެ މިހާރުގެ ދިގު ނަމަކީ 'މައުމޫން ރިފޯމް މޫވްމަންޓް" ކަމަށް ވިޔަސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވާނީ މައުމޫން ވިދާޅުވި ގޮތުގައި، 'މޯލްޑިވްސް ރިފޯމް މޫވަމަންޓް' ގެ ނަމުގަ އެވެ.

މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީޑަޝިޕްގެ ދަށުން މިހާރު ހިންގާ ޕީޕީއެމްގެ ފައުންޑަރު މައުމޫން، އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ، ޕީޕީއެމްގެ ލީޑަޝިޕް އެމަނިކުފާނަށް ލިބޭނެ ކަމުގެ އުންމީދު ފަނޑުވެފައި ވަނިކޮށެވެ. ސަބަބަކީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމަށް، ޔާމީން އިންތިޚާބު ކުރި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ތާއީދު ކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން، ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓުން ޕީޕީއެމަށް ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން އީސީން ހިފެހެއްޓި އަށް މިލިއަން ރުފިޔާ އެ ޕާޓީ އަށް ދިނުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

މައުމޫން މިއަދު ބޭއްވެވި ނިއުސް ބްރީފިންގެ ތެރެއިން.

މައުމޫން މިއަދު ބޭއްވެވި ނިއުސް ބްރީފިންގެ ތެރެއިން.

ސުޕްރީމް ކޯޓުގެ އެ ނިންމުމަށް އިޝާރާތް ކުރައްވައި މައުމޫން މިއަދު ވިދާޅުވީ، "އިއްޔެ އަޅުގަނޑުމެން ވަނީ ވަރަށް ބޮޑު ހިތާމައަކާ ކުރިމަތިލާން ޖެހިފައި" ކަމަށެވެ. އެކަމަކު، އެމްއާރުއެމްގެ ކޯ ގުރޫޕުން ބޭނުންވީ ހިތްވަރާއި އަޒުމާ އެކު އަދިވެސް މަސައްކަތް ކުރުމަށް ކަމަށާއި އެ ޖަމާއަތް ސިޔާސީ ޕާޓީ އަކަށް ބަދަލު ކުރުމަށް ކަމަށެވެ.

އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީ އުފައްދަވަނީ ޕީޕީއެމް ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ނެތުމުން ތޯ ނޫސްވެރިއަކު ދެންނެވުމުން މައުމޫން ވިދާޅުވީ، ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިންމާފައި އޮތުމުން، ދެން އެކަމާ ގުޅުން ހުރި އެހެން މައްސަލައެއް އެ ކޯޓުން ކުރިއަށް ނުގެންދާނެ ކަމުގެ ގާނޫނީ ލަފާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި، ޕީޕީއެމް އަނބުރާ ހޯދުމަށްޓަކައި ހުށަހަޅާފައިވާ މައްސަލާގައި ވުން ގާތީ އެ ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން އެ ވިދާޅުވަނީ ޕީޕީއެމްގެ ހިންގުން މައުމޫންއާ ހަވާލުކުރަން އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލަ އަށެވެ. އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހެޅުމުން އެ ކޯޓުން މިހާރު ނިންމާފައި އޮތީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެތޯ ނުވަތަ ނޫންތޯ ގޮތެއް ނިންމުމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް މައުމޫން މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނޫސްވެރިންގެ ސުވާލުތަކަށް މައުމޫން މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްއާރުއެމްގެ ޓިކެޓު ހޯދުމަށް ހުށަހަޅާފައިވާ މީހުން އެ އިންތިޚާބަށް ކުރިމަތިލާނީ މައުމޫން ވިދާޅުވި ގޮތުގައި، އަމިއްލަ ގޮތުންނެެވެ. އެކަމަކު އެ މީހުން އިންތިޚާބަށް ނުކުންނަވާނީ އެމަނިކުފާނުގެ ތާއީދާ އެކު ކަމަށް މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، އެ ޕާޓީ ޔާމީނަށް ނުލިބިދާނެތީ އެމަނިކުފާނު އުފައްދަވަން މަސައްކަޕުޅު ފައްޓަވާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްސަލަ ބެލި ވަގުތީ ކޮމިޓީގެ ނިންމުން ވެސް އިއްޔެ އައިސްފައި ވަނީ ޔާމީނާ އެއްކޮޅަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލި ވަގުތީ ކޮމިޓީން އެ ކޮމިޝަނަށް ދިން ލަފާގައި ވަނީ ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކޮންގްރެސް ޕާޓީ އުފެއްދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލްކުރެވެން ނެތް ކަމަށެވެ.

މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު 2005 ގައި ގާނޫނުން ލިބުނު ފަހުން މިހާތަނަށް މައުމޫން އިސްވެ ވަނީ ދެ ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ. އެއީ އެންމެ ފުރަތަމަ އެމަނިކުފާނު އުފެއްދެވި ޑީއާރުޕީ އަދި ދެވަނަ އަށް އުފެއްދެވި ޕީޕީއެމެވެ. އެ ދެ ޕާޓީ ވެސް އެމަނިކުފާނަށް ގެއްލުނީ، ޕާޓީގެ ހިންގުން ހަވާލުކުރެއްވި ބޭފުޅުންނާ ދެމެދު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހެދި އެވެ.

އެހެންވެ، އެމްއާރުއެމް ވާނީ މައުމޫން އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އަށެވެ.