Roadha Mihaaru
ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީނުވާ ނަމެއް ބޭނުންނުކުރެވޭ

ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީނުވާ ނަމެއް ބޭނުމެއް ނުކުރެވޭނެ: އީސީ

09 އޯގަސްޓް 2018

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިނުވާ ނަންތައް ބޭނުންކޮށްގެން، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ހަރަކާތްތައް ހިންގައިގެން ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި ރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިނުވާ ނަންތައް ބޭނުންކޮށްގެން، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ހަރަކާތްތައް ހިންގައިގެން ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި ރޭ ބުނެފި އެވެ.

އިލެކްޝަނުން މިގޮތަށް ބުނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެއްޓެވި އިސްލާހީ ހަރަކާތުގެ ސަޕޯޓަރުން، ރިޔާސީ އިންތިޚާބުގައި، "މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)"ގެ ނަމުގައި ހަރަކާތްތެރިވާން ފަށާފައި ވަނިކޮށެވެ. މައުމޫންގެ ފެކްޝަނުން މަސައްކަތް ކުރަނީ އިދިކޮޅު ޕާޓީތަކާ ގުޅިގެންނެވެ.

އިލެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ހިންގާ ސިޔާސީ ހަރަކާތްތައް، ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ކުރި އަށް ގެންދިއުމަށް ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ހުކުމެއް ތަންފީޒު ކުރާ މީހަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނުލިބޭތީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހުން ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުން ހިންގާ ތާއީދު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އިލެކްޝަނުން ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިނުވާ ނަންތަކެއް، ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް އިލެކްޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"ރަޖިސްޓަރީ ކޮށްފައިނުވާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ހައިސިއްޔަތަކުން ރަޖިސްޓަރީ ކުރެވިފައިނުވާ ނަމެއް ބޭނުންކޮށްގެން ތާއީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވޭނެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ ސިޔާސީ ޕާޓީއަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާން، ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީގެ ހުއްދަ ނެތި ބޭނުން ނުކުރުމަށް ވެސް އިލެކްޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސިޔާސީ ޕާޓީއަކުން ޖަލްސާތަކާއި ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ހުއްދައާ އެކު ނޫން ގޮތަކަށް ބޭނުން ނުކުރުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކަށް އަބަދުވެސް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އިލެކްޝަންގެ ބަޔާނުގައިވެ އެވެ.