Roadha Mihaaru
ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޑުބަރޭ އަށް

ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޑުބަރޭ އަށް

27 މާޗް 2017

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް މާދަމާރޭ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގައި ރާއްޖޭގެ ކެޕްޓަނަކަށް ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ހަމަޖައްސައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް މާދަމާރޭ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުގައި ރާއްޖޭގެ ކެޕްޓަނަކަށް ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ހަމަޖައްސައިފި އެވެ.

މި މެޗަށް އާ ކެޕްޓަނެއް ނެގީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަނިޔާގެ ސަބަބުން ޓީމުގައި ނުހިމެނޭތީ ވައިސް ކެޕްޓަން އިމްރާން މުހައްމަދު ރިޓަޔާކޮށްފައިވާތީ އެވެ. ގައުމީ ޓީމުގައި 2007 އިން ފެށިގެން ހިމެނެމުން އަންނަ އަޑުބަރޭ އަށް ބޭންޑް ދިންއިރު ވައިސް ކެޕްޓަނަކަށް ހަމަޖެއްސީ ކްލަބް ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) އެވެ.

"ކެޕްޓަން ބޭންޑް އަޑުބަރޭ އަށް ހައްގު،" ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުންޏެވެ. "ކެޕްޓަން ބޭންޑް ނެތި ވެސް އަޑުބަރޭ އަކީ ދަނޑުމަތީގައި ލީޑަރެއް. ކެޕްޓަން ބޭންޑާ އެކު އޭނާ އަށް އިތުރު ޒިންމާތަކެއް އަންނާނެ، އަދި އެ ޒިންމާތައް އޭނާ އަށް ނެގޭނެ ކަމުގެ ޔަގީންކަން އެބައޮތް. ޓީމުގެ ކުޅުންތެރިން ވެސް އޭނާ އަށް އިހުތިރާމް ކުރޭ."

ވީބީ އައްޑޫ އެފްސީ އާއި ބީޖީ ސްޕޯޓްސްގެ ކެޕްޓަންކަން ވެސް ކުރި އަޑުބަރޭ ވަނީ 2015 ވަނަ އަހަރު ނިއު ރޭޑިއަންޓުގެ ކެޕްޓަންކަންކޮށް އެ ޓީމަށް ދިވެހި ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭނާ އަކީ ދަނޑުމަތީގައި ޓީމު ހަމަޔަކަށް އަޅުވާ އަދި މަސައްކަތުގެ ރޭޓް ވެސް އެހާމެ ރަނގަޅު ކުޅުންތެރިޔެކެވެ.

އަޑުބަރޭ ބުނީ ބޭންޑް ލިބުމުން ފަހުރުވެރިވާ ކަމަށާއި އެކަމަކު ބޭންޑަށް ވުރެ މުހިއްމީ މާދަމާރޭގެ މެޗު ކަމަށާއި އެންމެ ހިތްހަމަޖެހޭނީ މޮޅުވުމުން ކަމަށެވެ. އަދި އޭނާ އަށް ކެޕްޓަން ބޭންޑް ދިން ނަމަވެސް ދެން ވެސް ތިބީ ހުސް ކެޕްޓަނުން ކަމަށާއި އެންމެންގެ އެހީއާ އެކު ޓީމަށް ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް މާޒިޔާގެ މިޑްފީލްޑަރު ބުންޏެވެ.

"ކޯޗު އަޑޭ އަށް ކެޕްޓަން ބޭންޑް ދިން ނަމަވެސް ދެން ވެސް ތިބީ ހުސް ތިބީ ކެޕްޓަނުން. ކޮންމެވެސް އެކަކުގެ އަތުގައި ބޭންޑް އަޅުވަން ޖެހޭތީ އެޅުވީ އަޑޭގެ އަތުގައި. އުމެއިރާއި ޝާފީ އާއި އެންޑީ އަދި އަސަދުﷲ އަކީ ވެސް ކެޕްޓަނުން. އެއީ ފުޓްބޯޅައިގެ އެންމެ ނަންކިޔާ ކުޅުންތެރިން. އެ މީހުންނާ އެކު ނުކުމެ މެޗު ކާމިޔާބުކުރަން މަސައްކަތްކުރާނަން،" އަޑުބަރޭ ބުންޏެވެ.

އަޑުބަރޭ އަށް ކެޕްޓަން ބޭންޑް ދިން އިރު ސިޔާސީ އެއްވުމެއްގައި އުޅެނިކޮށް މިދިޔަ އަހަރު އޭނާ ހައްޔަރުކޮށް މެޗުތަކެއް ގެއްލުމުން، އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އޮކްޓޯބަރު މަހު ލާއޮސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ފުރުސަތު ގެއްލުނެވެ. އެކަމަކު އޭގެ ކުރިން މާލޭގައި ލާއޮސްއާ ދެކޮޅަށް ކުޅުނު މެޗާއި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.