ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރަށްރަށަށް ދަތުރުތައް މިއަދު ފަށައިފި އެވެ.
06 ސެޕްޓެމްބަރ 2025
ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ މާސްޓަޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމަށް ރަށްރަށަށް ދަތުރުތައް މިއަދު ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ އަމަލީ މަސައްކަތްކުރާ ޓީމުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މީހުން ދިރިއުޅޭ ރަށްރަށަށް ކުރާ ދަތުރުތައް މިއަދު ފަށާފައިވާ ކަމަށެވެ. އެ ޓީމު އެންމެ ފުރަތަމަ ދިޔައީ ކ. ގުރައިދު އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
"ވިލުންތެރި ރާއްޖެ 2045"ގެ ޓީމުން ގުރައިދުއަށް ޒިޔާރަތްކޮށް، އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ރާއްޖޭގެ ކުރިމަގާއި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އާއި ތަސައްވުރާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތް އެ ޓީމުން ހޯދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް "ވިލުންތެރި ރާއްޖެ"ގެ ޓީމުތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ދަތުރުކުރާނެ ކަމަށެވެ.
އެ ދަތުރުތަކުގައި ޓީމުތަކުން ބާއްވާ ބައްދަލުކުރުންތަކުގައި ބައިވެރިވެ، މަޝްވަރާ ހިއްސާކުރުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ރަށްރަށުގައި ހުންނަ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި އަމިއްލަ ޖަމިއްޔާތަކާއި ވިޔަފާރިތަކަށާއި އަދި އާންމުންނަށް ވެސް އޮންނާނެ ކަމަށް މިިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ބޭނުމަކީ ގައުމުގައި ކުރާ އެންމެހާ ކަންކަމަކީ ދުރު ރާސްތާއަށް ވިސްނައިގެން، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ހިފައިގެން، ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި ކަންކަން ކުރަން މަގުފަހިކުރުމެވެ. އަދި ދުނިޔޭގެ އިގުތިސާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި، އަދި ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި އެ ކަންކަމުން އަރައިގަނެވޭނެ ގާބިލުކަން ހުރި ވިލުންތެރި ރާއްޖެއެއް ބިނާކުރުމެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީކުރުމަށް 20 އަހަރުގެ މާސްޓަޕްލޭނެއް އެކުލަވައިލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަން ހަމަޖެހިފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖަ ހޯދައިދިނުމެވެ.
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފަށައިފި
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ ލައިސަންސަށް އެދިއްޖެ
"މިނިވަންކަމަށްޓަކައި ބަލަން ޖެހޭނީ އުދަރެހުގެ ކޮޅަށް"
ދައުލަތުގެ ހުސް ތިޖޫރި އަށް ހަ މަސް ތެރޭގައި އުންމީދު
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ރައީސް އުފައްދަވައިފި
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ގާދޫގައި ބަންކަރިންއާ އެކު ގިނަ މަޝްރޫއުތަކެއް
ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް