Roadha Mihaaru

ޓްރަމްޕު ނުކުމެ އޭނާގެ މަރުގެ ހަބަރު ދޮގުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިއްހަތާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އެތައް ވާހަކައެއް ފެތުރިގެން ދިއުމަށް ފަހު އެންމެ ފަހުން އޭނާގެ މަރު ވެސް ވައިޓް ހައުސް އިން ސިއްރުކުރަނީ ކަމަށް ބުނެ ދައްކަމުން ދިޔަ ވާހަކަ ދޮގުކޮށް ޓްރަމްޕު އަމިއްލައަށް ވާހަކަ ދައްކަވައިފި އެވެ.

ޓްރަމްޕު ނުކުމެ އޭނާގެ މަރުގެ ހަބަރު ދޮގުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިއްހަތާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އެތައް ވާހަކައެއް ފެތުރިގެން ދިއުމަށް ފަހު އެންމެ ފަހުން އޭނާގެ މަރު ވެސް ވައިޓް ހައުސް އިން ސިއްރުކުރަނީ ކަމަށް ބުނެ ދައްކަމުން ދިޔަ ވާހަކަ ދޮގުކޮށް ޓްރަމްޕު އަމިއްލައަށް ވާހަކަ ދައްކަވައިފި އެވެ.

އާންމުކޮށް މީޑިއާއާ ބައްދަލުކުރައްވާ، އުމުރުން 79 އަހަރުގެ ޓްރަމްޕަކީ މިހާތަނަށް އެމެރިކާގެ ރައީސްކަމަށް އިންތިހާބުކުރި އެންމެ ދުވަސްވީ ލީޑަރެވެ. ޓްރަމްޕުގެ ސިއްހަތާ ގުޅޭ ގޮތުން ވާހަކަތައް ފެތުރެން ފެށީ މީޑިއާއާ ބައްދަލު ނުކުރައްވައި އެއްތައް ދުވަހެއް ވުމާއި އެއްވެސް ތަނަކުން ވެސް ނުފެންނާތީ އެވެ.

ޓްރަމްޕުގެ އަތާއި ކަކުލުގައި ކުރަ ލައި ދުޅަވެފައި ހުންނަ މަންޒަރު ފެންނަ ފޮޓޯތަކާ ގުޅޭ ގޮތުން އޯވަލް އޮފީހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާތީ، ޓްރަމްޕަށް ސިއްހީ ސީރިއަސް މައްސަލަތަކެއް ކުރިމަތިވެގެން އުޅޭ ކަމަށް ބުނާ މީހުންގެ ވާހަކަތަކަށް ވަނީ ބާރު ލިބިފަ އެވެ.

އެމެރިކާގެ 47 ވަނަ ރައީސް ކަމަށްވާ ޓްރަމްޕު އަވަހާރަވެއްޖެ ކަމަށާއި ވައިޓް ހައުސް އިން އެކަން ސިއްރުކުރަނީ ކަމަށް ވެސް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ.

"ތިކަން އެނގިފައެއް ނެތް،" ޓްރަމްޕު އަވަހާރަވެއްޖެ ކަމަށް ބުނާ ވާހަކަ އެނގުނީ ކިހިނެއްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ވިދާޅުވި އެވެ.

"އެއީ ފޭކް ނިއުސް،" ތުންތުންމަތިން ދެކެވެމުންދާ ވާހަކަތަކާ ބެހޭ ގޮތުން ފޮކްސްގެ ނޫސްވެރިޔާ ޕީޓާ ޑޫސީ ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ވައިޓް ހައުސްއިން ބުނެފައި ވަނީ ޓްރަމްޕްގެ ކަނާއަތުގައި ކުރަލާފައި ހުންނަން ގޮތަށް އެ ފެންނަ ތަނަކީ މާ ގިނައިން މީހުންނާ ސަލާންކުރާތީ އާއި ކާޑިއޯވަސްކިއުލާ ޓްރީޓްމަންޓެއްގެ ގޮތުގައި އެސްޕިރިން ބޭނުންކުރާތީ ވެފައި ހުރި ގޮތެއް ކަމަށެވެ.

އަދި އޭނާގެ ދެފައި ދުޅަވެފައިވަނީ ނާރުތަކަށް ދިމާވާ އާންމު މައްސަލައެއް ކަމަށްވާ "ވެނަސް އިންފިޝިއެންސީ" ގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.

އޭރު ވައިޓް ހައުސް އިން އާންމުކުރި ސިޓީއެއްގައި، އެމެރިކާގެ ރިޔާސީ ޑޮކްޓަރު ޝޯން ބާބަބެއްލާ ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕްގެ ސިއްހަތު ވަރަށް ރަނގަޅެވެ.

ޓްރަމްޕަކީ ސިއްހަތު ރަނގަޅު ކަމަށް ވިދާޅުވެ އެކަމާ ފަހުރުވެރިކަމާ އެކު ވާހަކަ ދައްކަވާ ބޭފުޅެކެވެ. ވައިޓް ހައުސް އިން ވަނީ ޓްރަމްޕަކީ ހަކަތަ ހުރި ވެރިއެއް ކަމަށް ބުނެ އޭނާ ސުޕަމޭން ގޮތަށް ހަދާފައިވާ ފޮޓޯއެއް ވެސް ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ޕޯސްޓްކޮށްފަ އެވެ.

އެމެރިކާގެ ރައީސުންގެ ސިއްހީ ހާލަތަށް އާންމުންގެ ސަމާލުކަން އަބަދުވެސް ވަރަށް ބޮޑެވެ. އެކަމަކު 2017 ވަނަ އަހަރުން ފެށިގެން އެމެރިކާގައި ވެރިކަން ކުރައްވާފައިވަނީ މިހާތަނަށް އެންމެ ދުވަސްވީ ދެ ބޭފުޅުންނަށް ވުމުން މިކަމުގައި ކުރިން ނެތް ވަރަށް ޝައުގުވެރިކަން މިހާރު އޮވެ އެވެ.

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ވެރިކަމުގެ ދައުރު ނިމުނު އިރު އުމުރުން 82 އަހަރު ވެފައިވާ ޖޯ ބައިޑަންގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތު އޮތީ ސިއްރުކޮށްފަ އެވެ. ބައިޑެންގެ ސިއްހީ ހާލަތާ މެދު އެންމެ ބޮޑަށް ވާހަކަ ދެކެވުނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި ކެމްޕެއިން ފެއްޓެވި ހިސާބުންނެވެ. -- އޭއެފްޕީ