Roadha Mihaaru

ކިމްޕެމްބޭ 20 އަހަރަށް ފަހު ޕީއެސްޖީ ދޫކޮށް ގަތަރަށް

ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ، 20 އަހަރަށް ފަހު ކްލަބް ދޫކޮށްލައި ގަތަރުގެ ގަތަރު ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

ކިމްޕެމްބޭ 20 އަހަރަށް ފަހު ޕީއެސްޖީ ދޫކޮށް ގަތަރަށް

ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ، 20 އަހަރަށް ފަހު ކްލަބް ދޫކޮށްލައި ގަތަރުގެ ގަތަރު ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ ޑިފެންޑަރު ކްލަބްގެ އެކަޑަމީއާ ގުޅުނީ 2005 ވަނަ އަހަރެވެ. އޭނާ ސީނިއާ ޓީމަށް ކުޅެން ފެށީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ އެ ޓީމަށް 241 މެޗުން ތިން ގޯލު ޖަހައިދީފަ އެވެ.

ޕީއެސްޖީގެ ކެޕްޓަން ބޭންޑް އަޅައިގެން 31 މެޗު ކުޅުނު ޑިފެންޑަރު ވަނީ އެ ޓީމާ އެކު އަށް ފަހަރު ލީގު ކާމިޔާބުކޮށް ފްރެންޗް ކަޕް ހަތް ފަހަރު އަދި ހަ ފަހަރު ފްރެންޗް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން މިއަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމުގައި ވެސް އޭނާ ހިމެނުނެވެ.

ފްރާންސްގެ ގައުމީ ޓީމަށް 28 މެޗު ކުޅެދީފައިވާ ކިމްޕެމްބޭ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންލްސް ލީގު ފްރާންސަށް ކާމިޔާބުކޮށް ދިނުމުގައި ހިއްސާ ވެފަ އެވެ. އެންމެ ފަހުން ގަތަރުފައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް، އަނިޔާވެގެން އޭނާ ވަނީ ޓީމުން ބާކީ ވެފަ އެވެ.

ދެ އަހަރެއްހާ ދުވަހު އަނިޔާގައި ހުރުމަށް ފަހު ކިމްޕެމްބޭ ވަނީ މިދިޔަ ފެބްރުއަރީ މަހު އެނބުރި އައިސް، ޕީއެސްޖީއަށް ފަސް މެޗު ކުޅެދީފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު މެޗެއް ވެސް ހިމެނެ އެވެ. ނަމަވެސް ކްލަބް ވޯލްޑް ކަޕްގައި އޭނާ އިންނަން ޖެހުނީ ބެންޗުގަ އެވެ.

"އުމުރުން އެންމެ އަށް އަހަރުން ފެށިގެން ޕްރެސްނެލް [ކިމްޕެމްބޭ] ވަނީ އޭނާ އެންމެ ލޯބިވާ ކްލަބުގެ އެކި އުމުރުފުރާތަކަށް ކުޅެގެން އޭނާގެ ހުނަރު ފައްކާ ކޮށްފައި. އަދި ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ކިބައިގައި ހުންނަންވާ ހުރިހާ ސިފައެއް އޭނާގެ ހުރޭ،" ޕީއެސްޖީގެ ރައީސް، ގަތަރުގެ ނާސިރު އަލް ޚަލީފީގެ ބަޔާނުގައިވެ އެވެ.

"އޭނާ އަކީ ޒުވާން ކުޅުންތެރިންނަށް ފުރިހަމަ ނަމޫނާއެއް، އޭނާއަކީ އަބަދުވެސް ވާނީ ޕީއެސްޖީ އާއިލާގެ މެމްބަރަކަށް. އޭނާއަށް އަބަދުވެސް ކާމިޔާބަށް އެދެން."