Roadha Mihaaru

ސިނަމާލެ ބްރިޖަށް ހަތް އަހަރު، ރައީސް ވިދާޅުވީ މިއީ ރާއްޖެ-ޗައިނާގެ ގުޅުމާއި އިތުބާރުގެ ހެއްކެއް ކަމަށް

ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ވަރުގަދަ ބިނާ ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވިތާ މިއަދަށް ހަތް އަހަރު ފުރޭއިރު، އެ ބިނާ އިން ރަމްޒުކޮށްދެނީ ރާއްޖެ އާއި ޗައިނާގެ ގުޅުމާއި އިތުބާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބްރިޖަށް7 އަހަރު، މިއީ ގުޅުމާއި އިތުބާރުގެ ހެއްކެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

30 އޯގަސްޓް 2025

ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ވަރުގަދަ ބިނާ ކަމަށްވާ ސިނަމާލެ ބްރިޖު ހުޅުވިތާ މިއަދަށް ހަތް އަހަރު ފުރޭއިރު، އެ ބިނާ އިން ރަމްޒުކޮށްދެނީ ރާއްޖެ އާއި ޗައިނާގެ ގުޅުމާއި އިތުބާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޮގަސްޓް 30، 2018 ގައި ބޭނުންކުރަން ފެށި މި ބްރިޖަކީ މާލެ ސަރަހައްދުގައި އުޅޭ މީހުންގެ ދިރިއުޅުން ބަދަލުކޮށްލައި، ދަތުރުފަތުރަށް ވަރަށް ބޮޑު ލުޔެއް ގެނެސްދިން ބިނާއެކެވެ. މިހާރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު، 1.4 ކިލޯމީޓަރުގެ މި ބްރިޖު ހުރަސްކޮށް، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދުގައި ދަތުރު ކުރެ އެވެ.

ބްރިޖަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބްރިޖާ އެކު ގައުމަށް އާ މަގުތަކެއް ހުޅުވިގެންދިޔަ ކަމަށެވެ. އެއީ ޕާޓްނާޝިޕަކުން ހާސިލުކުރެވޭނެ ކަންކަމާއި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް އެއްބައިވަންތަކަމާއި އިތުބާރާއި ފަހި ފުރުސަތުތައް ދެމިގެންދާ ގުޅުންތަކުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާއަށް ހަތް އަހަރުވެފައިވާއިރު ރައީސް މުއިއްޒު މިވަގުތު ހުންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތެއްގައި އެ ގައުމުގަ އެވެ.

އެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ރާއްޖޭގައި ހިންގި އެ ފެންވަރުގެ އެންމެ ބިޔަ މަޝްރޫއު އެވެ. ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އެ ބްރިޖަށް ހަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ލޯނެއްގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިން އިރު، ދިވެހި ސަރުކާރުން އެ މަޝްރޫއަށް 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

އެ ބްރިޖު ބޭނުންކުރަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް އެތަނުގެ މެއިންޓެނަންސްގެ ކަންކަން ބަލަހައްޓަނީ ބްރިޖުގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެ ކުންފުނިން އެ މަސައްކަތް ކޮށްދެނީ ހިލެ އެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހު، މިދިޔަ މެއި މަހުގެ ތެރޭގައި ވިދާޅުވި ގޮތުގައި ބްރިޖުގެ ހާލަތު އަދިވެސް ވަރަށް ރަނގަޅެވެ. ބްރިޖާ ގުޅިގެން ހެދި އިންސްޕެކްޝަނަށް ފަހު އޭނާ ވިދާޅުވެފައި ވަނީ ސިނަމާލެ ބްރިޖުގެ ހާލަތު އަދިވެސް ރަނގަޅީ އެތަން އިންސްޕެކްޓުކޮށް، ބެލެހެއްޓުމުގައި ޗައިނާގެ ޕްރޮފެޝަނަލް ޓީމެއް މަސައްކަތްކުރާތީ ކަމަށެވެ.

އެ ޓީމުގައި ޗައިނާގެ ޒުވާން އިންޖީނިއަރުންގެ އިތުރުން ބައެއް ދިވެހި ޒުވާނުން ވެސް މަސައްކަތްކުރެ އެވެ.