Roadha Mihaaru

ސީއެސްސީއަށް ޝަކުވާ ހުށަހަޅަން ތައްޔާރުކުރި ނިޒާމު އިފްތިތާހުކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ޝަކުވާ ހުށަހަޅަން ތައްޔާރުކުރި ނިޒާމު "ކޮމްޕްލެއިންސް މޮޑިއުލް" އިފްތިތާހުކޮށްފި އެވެ.

ސީއެސްސީއަށް ޝަކުވާ ހުށަހަޅާ ނިޒާމު އިފްތިތާހުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

28 އޯގަސްޓް 2025

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ޝަކުވާ ހުށަހަޅަން ތައްޔާރުކުރި ނިޒާމު "ކޮމްޕްލެއިންސް މޮޑިއުލް" އިފްތިތާހުކޮށްފި އެވެ.

އެ ނިޒާމު އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި އެ ކޮމިޝަންގެ އިދާރާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ އެވެ.

އެ ރަސްމިއްޔާތުގައި ސީއެސްސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އިދާރާގެ ބައެއް މުވައްޒަފުންނާއި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އޮންލައިންކޮށް ބައިވެރިވި އެވެ.

ސީއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މި "ކޮމްޕްލެއިންސް މޮޑިއުލް" އަކީ ސިވިލް ސާވިސް މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް ޝަކުވާ ހުށަހެޅުމާއި އެ ޝަކުވާތަކަށް ޖަވާބުދާރީވުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ކޮމިޝަނުން އިސްނަގައިގެން ފަރުމާކުރި މޮޑިއުލްއެއް ކަމަށެވެ.

ޝަކުވާ ހުށަހަޅައި އެއަށް ޖަވާބުދާރީވުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމުގެ ސަބަބުން ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރޭވެނެ ކަމަށް، ރަސްމިއްޔާތުގައި ޑރ. ޝައުގީ ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޝައުގީ ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ފަސޭހަ ގޮތްތަކެއް ހުޅުވިގެންދިއުމަކ،ީ ހުށަހެޅޭ ޝަކުވާ އިތުރުވާނެ ކަމެއް ކަމަށާއި ހުށަހެޅޭ ޝަކުވާތަކަށް ގަވާއިދުން ޖަވާބުދާރީވުމަކީ އެއަށް ވުރެ މާ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ސިވިލް ސާވިސްގެ އިދާރާތަކުން ހާއްސަ ސަމާލުކަމެއް އެކަމަށް ދޭން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއެސްސީން ބުނި ގޮތުގައި، އެވްރެޖުކޮށް ކޮންމެ އަހަރަކު 7،100 އަށް ވުރެ ގިނަ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅަ އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް އެ ކޮމިޝަނަށް 8،681 ޝަކުވާ ހުށަހެޅި އެވެ. އަދި އޭގެ ތެރެއިން 8،631 ޝަކުވާއަކަށް ކޮމިޝަނުން ޖަވާބުދާރީވި އެވެ.

މި މޮޑިއުލް އެކުލަވާލުމުގެ މަގުސަދުތަކީ؛

• ޝަކުވާ ހުށަހެޅުމާއި ޝަކުވާއަށް ޖަވާބުދާރީވުމުގެ ނިޒާމު ހަރުދަނާކުރުން.

• ޝަކުވާއަށް އަވަހަށް އެޓެންޑްވުން.

• ޝަކުވާ ހުށަހެޅި މީހާއަށް ޖަވާބުދެވުނުކަން މިހާރަށް ވުރެ ބޮޑަށް މޮނިޓާކޮށް ބެލެހެއްޓުން އަދި ހަރުދަނާކުރުން.

• ޝަކުވާއަކަށް އިދާރާއަކުން ދޭ ޖަވާބާ މެދުގައި ހިތްހަމަނުޖެހޭ ހާލަތުގައި އެޕީލްކުރެވޭ ނިޒާމު ހަރުދަނާކުރުން.

• ސިވިލް ސާވިސްގެ އިދާރާތަކަށް އެކިއެކި ގޮތްގޮތުން ހުށަހަޅަމުންދާ ޝަކުވާތަކަށް އެ އިދާރާތަކުން ޖަވާބުދާރީވަމުންދާ ގޮތް މޮނިޓާކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުން.

ސީއެސްސީން ބުނީ އެ މޮޑިއުލްގެ ތެރެއިން ހުށަހަޅާ ޝަކުވާ އާއި ޝަކުވާއަށް ޖަވާބުދާރީވުމުގެ ޕްރޮސެސް ކުރިޔަށްދާ ގޮތުގެ ޕްރޮގްރެސް، ޝަކުވާ ހުށަހެޅި މީހާއަށް ވަގުތުން ވަގުތަށް ފެންނާނެ ކަމަށެވެ. އަދި ޝަކުވާއާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގަވާއިދުން ބަލަހައްޓަމުން ގެންދެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ މޮޑިއުލް މެދުވެރިކޮށް ސިވިލް ސާވިސް މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް ކޮމިޝަނަށާއި ސިވިލް ސާވިސްގެ ކޮންމެ އިދާރާއަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެ ކޮމިޝަނަށާއި ސިވިލް ސާވިސްގެ އިދާރާތަކަށް ޝަކުވާ ހުށަހެޅުމާ އެކު އެ އިދާރާތަކުން އެ ޝަކުވާތަކަށް ޖަވާބުދާރީ ވެސް ވޭނެ ކަމަށް ސީއެސްސީން ބުންޏެވެ.

ސީއެސްސީން ބުނީ އެ ކޮމިޝަނަށް ސީދާ ހުށަހަޅަން ޖެހޭ ޝަކުވާތައް ސީދާ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ވެސް މި މޮޑިއުލުން ލިބޭނެ ކަމަށެވެ.