Roadha Mihaaru

އިންޑިއާގައި އޮންލައިން ޖުވާ މަނާކޮށްފި

އިންޑިއާގައި އޮންލައިންކޮށް ހިންގާ ޖުވާގެ މުއާމަލާތްތަކުން 450 މިލިއަނަށްވުރެ ގިނަ މީހުންގެ އަތުން 2.3 ބިލިއަން ޑޮލަރު ކޮންމެ އަހަރަކު ކުންފުނިތަކަށް ލިބޭ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދެއްކުމާ އެކު ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށް އޮންލައިން ޖުވާ މަނާކޮށްފި އެވެ.

އިންޑިއާގައި އޮންލައިން ޖުވާ މަނާކޮށްފި

އިންޑިއާގައި އޮންލައިންކޮށް ހިންގާ ޖުވާގެ މުއާމަލާތްތަކުން 450 މިލިއަނަށްވުރެ ގިނަ މީހުންގެ އަތުން 2.3 ބިލިއަން ޑޮލަރު ކޮންމެ އަހަރަކު ކުންފުނިތަކަށް ލިބޭ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދެއްކުމާ އެކު ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށް އޮންލައިން ޖުވާ މަނާކޮށްފި އެވެ.

މި ބިލާ އެކު އިންޑިއާގެ އަމިއްލަ އަދި އެންމެ މަގުބޫލު ފެންޓަސީ ކްރިކެޓް އެޕްލިކޭޝަންތައް ހިމެނޭ ގޮތަށް ކާޑު ގޭމްތަކާއި ޕޯކާ އަދި ފެންޓަސީ ކުޅިވަރުތަކުގެ ޕްލެޓްފޯމްތައް ވެސް ހުއްޓާލަން ޖެހޭނެ އެވެ.

މީގެ އިތުރުން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މެއިން ސްޕޮންސަރު ކަމަށްވާ އިންޑިއާގެ އެންމެ ބޮޑު ފެންޓަސީ ސްޕޯޓްސް ގޭމިން ޕްލެޓްފޯމް "ޑްރީމް11" އާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ޖުވާގެ އެ އެޕްލިކޭޝަން ހިންގާ ކުންފުނި ވަނީ ޖުލައި 2023 ގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ސްޕޮންސަރަކަށް ތިން އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައި ޓީމުގެ ޖާޒީގައި ލޯގޯ ވެސް ޖަހައިފަ އެވެ.

އޮންލައިންކޮށް ގޭމް ޕްރޮމޯޝަނާއި ގަވާއިދުގެ ބިލު ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއިން ފާސްކުރީ އިއްޔެ އެވެ. އަދި އޮންލައިން ގޭމްތައް ހުށަހެޅުމާއި ޕްރޮމޯޓްކުރުމާއި ފައިނޭންސް ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅައި، ކުށްކުރާ މީހުންނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ޑްރީމް 11 އިން ހުކުރު ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިލު ފާސްވުމާ އެކު "ކޭޝް ގޭމްތަކާއި މުބާރާތްތައް ހުއްޓާލާފައިވާ" ކަމަށެވެ. ނަމަވެސް އަދި އިންތިޒާރު ކުރުަމށް ބުނެފައިވެ އެވެ.

ބިލް އަދި ތަސްދީގު ނުކުރާތީ އެހެން ބައެއް ޕްލެޓްފޯމްތައް އަދިވެސް ގެންދަނީ ހިންގަމުންނެވެ.

މި ގާނޫނުގެ މަގްސަދަކީ އަވަހަށް މުއްސަނދިކޮށްދޭކަމަށް ދައްކައި އޮޅުވާލައިގެން ޖުވާގެ ތެރެއަށް ވެއްދުމުން އެކަމަށް ދެވިހިފައި އާންމުންނަށް ލިބެމުންދާ މާލީ ބޮޑެތި ގެއްލުމާއި އިޖުތިމާއީ މައްސަލަތައް ކުޑަކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ