Roadha Mihaaru

ގޯތި ދޫނުކުރާތާ 15 އަހަރުވީ ދޮންފަނުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ގޯތި ދޫނުކުރާތާ 15 އަހަރު ވެފައިވާ ބ. ދޮންފަނުގެ ބިން ހިއްކުމާއި ބަނދަރު ނެރު ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ދޮންފަނު ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 އޯގަސްޓް 2025

ގޯތި ދޫނުކުރާތާ 15 އަހަރު ވެފައިވާ ބ. ދޮންފަނުގެ ބިން ހިއްކުމާއި ބަނދަރު ނެރު ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް މުއިއްޒު އެ ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ރަށުން އެންމެ ފަހުން ގޯތި ދޫކުރީ 2011 ހިސާބުގައި ކަމަށެވެ. މިދިޔަ ސަރުކާރުގައި، މިހާރު ބާކީ އޮތް ބިމުން ގޯތި ދޫކުރަން އިއުލާނުކޮށް ލިސްޓު ނެރުނު ނަމަވެސް ގޯތިތައް ހަވާލުކޮށްފައި ނުވާ ކަމަށް އެ މީހުން ބުންޏެވެ.

"މިހާރު އޮތީ 30 ނުވަތަ 40 ވަރަކަށް ގޯތި ދެން ދޫކުރެވެން ލޭންޑްޔޫޒް ޕްލޭންގައިވާ ގޮތުން. އެކަމަކު އެެއަށްވުރެ ގިނަ މީހުން ގޯތި ބޭނުންވެފައި އެބަ ތިބި. އެ ގޯތިތައް ދޫކޮށްފިއްޔާ ރަށް ފުރޭނެ،" އޭނާ ބުންޏެވެ.

ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދޮންފަނު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ލަސް ނުވެ، މި އަހަރު ތެރޭ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

އެ ރަށުގެ ބިން ހިއްކުމުން ރަށުގެ ސައިޒު ގާތްގަނޑަކަށް ދެ ގުނަ ބޮޑުވާނެ އެވެ. ރަށުގެ ސައިޒަކީ 17.5 ހެކްޓަރު ކަމަށް ވާއިރު 13 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

އާބާދީ 800 އިން މަތީގައި އުޅޭ ދޮންފަނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބިން ހިއްކަން ނިންމިއިރު އެ އަތޮޅު ހިތާދޫ އާއި ކެންދޫގެ ބިން ހިއްކުން ވެސް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތާއި ހަ ކްލާސްރޫމާއި ސައިންސް ލެބެއްގެ އިތުރުން ލައިބްރަރީއެއްގެ މަސައްކަތް ވެސް ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.