Roadha Mihaaru

ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގެ: ނިއު ޒީލެންޑުގެ ބޮޑުވަޒީރު

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ވާނުވާ ނޭނގޭ ހިސާބަށް ގޮސްފައި" ކަމަށާއި، ޣައްޒާއަށް ހަމަލާ ދިނުމުގައި އޭނާ ހައްދުން ނެއްޓިފައިވާ ކަމަށް ނިއު ޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން މިއަދު ވިދާޅުވެއްޖެ އެވެ.

"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ވާނުވާ ނޭނގޭ ހިސާބަށް ގޮސްފައި" ކަމަށާއި، ޣައްޒާއަށް ހަމަލާ ދިނުމުގައި އޭނާ ހައްދުން ނެއްޓިފައިވާ ކަމަށް ނިއު ޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން މިއަދު ވިދާޅުވެއްޖެ އެވެ.

"ޣައްޒާގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ވަރަށް، ވަރަށް ހިތާމަވެރި ކަންތައްތަކެއް،" ބޮޑުވަޒީރު ލަކްސޮން ވިދާޅުވި އެވެ.

"ނަތަންޔާހޫ އެކަމުގައި މާ މައްޗަށް ހިނގައްޖެ. އަޅުގަނޑު ހީވަނީ އޭނާއަށް ވެސް މިހާރު އެ ކުރަން އުޅޭ ކަމެއް ނޭނގޭހެން،" މި މައްސަލައިގައި ލަކްސަން މީގެ ކުރިން ދުވަހަކު ވެސް ނުދައްކާހާ ފާޅުކޮށް، ދެކޮޅު ހަދައި ދެއްކެވި ވާހަކާގައި ވިދާޅުވި އެވެ.

"އޭނާ ބައިނަލްއަގުވާމީ މުޖުތަމައުގެ އަޑެއް ނާހާ. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން."

ޣައްޒާގެ ލޭ އޮހޮރުވުންތައް ނިމުމަކަށް ގެންނަން ދުނިޔެ ގޮވަމުން ދާއިރު، ނަތަންޔާހޫ މިހާރު އަންނަނީ ޣައްޒާ ސިޓީގެ ކޮންޓްރޯލް އިޒްރޭލު ސިފައިންގެ ދަށަށް ގެންދިއުމަށް ނިންމައި އެކަން ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ. މިއީ "ހަނގުރާމަ ނިންމަން އެންމެ ރަނގަޅު ގޮތް" ކަމަށް އޭނާ ބުނެ އެވެ.

އިޒްރޭލުގެ ހިސާރުގެ ސަބަބުން ޣައްޒާ ބަނޑަށްޖެހި ވަރަށް ނުރައްކާތެރި ހާލަތެއްގަ އޮތް ކަމުގެ އިންޒާރު އދ. އިން ވެސް ދެމުން ދާއިރު އިޒްރޭލުން ބުނަމުންދަނީ އެހީގެ ސާމާނު ޣައްޒާއަށް ވެއްދޭ ކަމަށާއި ކާބޯތަކެތި އެކަށީގެންވާ ވަރަށް ވެއްދޭ ކަމަށެވެ.

ނިއު ޒީލެންޑުން ވަނީ އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައިވާ ގޮތަށް އެކަން ކުރާނެ ކަމުގެ އިޝާރާތްތަކެއް ވެސް ދީފަ އެވެ.

"ނިއު ޒީލެންޑުން ސާފުކޮށް ބުނެފައިވާނެ ފަލަސްތީނު ދައުލަތެއް ގަބޫލުކުރާނެތޯ ނުވަތަ ނޫންތޯ އެއީ ސުވާލެއް ނޫން ކަމަށް. ސުވާލަނީ ކޮން އިރަކުންތޯ،" ފޮރިން އެފެއާޒް މިނިސްޓަރު ވިންސްޓަން ޕީޓާސް ކުރިން ވިދާޅުވެފައިވެ އެވެ.

"ކެބިނެޓުން ސެޕްޓެމްބަރު މަހު ރަސްމީ ނިންމުމެއް ނިންމާނެ ނިއު ޒީލެންޑުން މިހާރު ފަލަސްތީނު ދައުލަތެއް ގަބޫލުކުރަންވީތޯ - އަދި އެހެން ނަމަ، ކޮން އިރަކުން އަދި ކިހިނެއްތޯ."

-- އޭއެފްޕީ