Roadha Mihaaru

ފުޓްބޯޅައިގެ އަލިމަސްޔޫބީލް ކޮމިޓީގެ ޗެއާޕާސަނަކަށް ސުޒޭން

ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް އިންތިޒާމުކުރަން އެފްއޭއެމުން ކޮމިޓީއެއް އެކުލަވާލައި ޗެއާޕާސަނަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

އަލިމަސްޔޫބީލް ކޮމިޓީގެ ޗެއާޕާސަނަކަށް ސުޒޭން
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

06 އޯގަސްޓް 2025

ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް އިންތިޒާމުކުރަން އެފްއޭއެމުން ކޮމިޓީއެއް އެކުލަވާލައި ޗެއާޕާސަނަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި އަހަރު ކަމަށްވާ 1950 އާ އެވެ. އެގޮތުން 50 އަހަރު ފުރުނު ރަންޔޫބީލް ވަރަށް ކުލަގަދަކޮށް 2000 ވަނަ އަހަރު ފާހަގަކުރި އެވެ. އެ ފަހަރު އިންޑިއާ، ބަންގްލަދޭޝް، އަދި ސްރީ ލަންކާ ގެނެސްގެން ގޯލްޑަން ޖުބިލީގެ ނަމުގައި މާލޭގައި ފޯރިގަދަ މުބާރާތެއް ބޭއްވި އެވެ.

ނަމަވެސް 75 އަހަރު ފުރޭ އަލިމަސްޔޫބީލާ ދިމާވާއިރު ދިވެހި ފުޓްބޯޅައިގެ ހާލަތު އޮތީ ވަރަށް ނިކަމެތިކޮށެވެ. އެފްއޭއެމްގެ ހިންގުން ދޯދިޔާވެ، ކޮރަޕްޝަނުގެ މައްސަލަތައް ފުނި ޖެހި، ފުޓްބޯޅަ މުބާރާތްތައް އޮތީ ހުއްޓިފަ އެވެ. އެކަމަކު ދާދި ފަހުން އެފްއޭއެމަށް އަލަށް އިންތިޒާމުކުރި އެގްޒެކެޓިވް ކޮމިޓީން އަންނަނީ މައްސަލަތައް ހައްލުކޮށް، ފުޓްބޯޅަ އަލުން ފަށައިގަންނަން މަސައްކަތްކުރަމުންނެވެ.

އެގްޒެކެޓިވް ކޮމިޓީން އެކުލަވާލި ޑައިމަންޑް ޖުބިލީ ކޮމިޓީގައި ސުޒޭނުގެ އިތުރުން ހިމެނެނީ ނިއު ރޭޑިއަންޓުގެ ޗެއާމަން އަހުމަދު މުބީން އާއި، ކްލަބް ވެލެންސިއާގެ ޗެއާމަން މެމްބަރު އަބްދުﷲ އަޒްމީން އާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީ) އެވެ.

މި ކޮމިޓީގެ މައިގަނޑު ޒިންމާއަކީ، އަންނަ އަހަރު ހާއްސަ މުބާރާތެއް އިންތިޒާމުކުރުމެވެ.

މި ކޮމިޓީގެ ޗެއާޕާސަން ސުޒޭން އެންމެ ފަހުން އަދާކުރީ ގައުމީ ޓީމުގެ ކޯޗުގެ މަގާމެވެ. ވިކްޓްރީ އާއި، މާޒިޔާ އަށް ކުރިން ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ސުޒޭނަކީ، ފުޓްބޯޅައިގެ ހިންގުމުގެ ވެސް ތަޖުރިބާކާރެކެވެ. މީގެ އިތުރުން ފުޓްބޯޅައާ ގުޅޭ އިޖުތިމާއީ ވަރަށް ގިނަ ހަރަކާތްތަކެއް އޭނާ އިސްވެ ހުރެ ވަނީ ރާވައިފަ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުބީނަކީ، ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ފުޓްބޯޅައިގައި އޭނާ މިވަގުތު އެންމެ އިސްކޮށް ކުރައްވަމުން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ޓީމު ކަމަށްވާ ނިއު އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރުމުގެ މަސައްކަތެވެ.

އަޒްމީނަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކޮމެންޓޭޓަރެވެ. އަދި އެންމެ މަތީ ފެންވަރުގައި ކުޅިވަރު ނޫސްވެރިކަން ވެސް އޭނާ ކުރި އެވެ.

ލަތީފަކީ ކުޅިވަރާއި، އިޖްތިމާއީ ކަންކަން ރޭއްވެވުމުގެ ތަޖުރިބާކާރެކެވެ. އެގޮތުން އޭނާ ވަނީ މެމްބަރެއްގެ ހައިސިއްޔަތުން، އަދި އޭގެ ކުރިން އަމިއްލަ ހައިސިއްޔަތުން ވެސް ދިއްދޫގައި ފުޓްބޯޅަ މުބާރާތްތަކާއި، ގުރުއާން މުބާރާތްތަކާއި، މިއުޒިކް ޝޯތައް، އަދި އެ ނޫން ވެސް އިޖްތިމާއީ ވަރަށް ގިނަ ކަންކަން އިންތިޒާމުކުރައްވައިފަ އެވެ.