Roadha Mihaaru

ލަންކާގައި ކިޔަވާ ނުވަތަ ވަޒީފާ އަދާކުރާ ދިވެހިންގެ އާއިލާތަކަށް ވެސް އެއް އަހަރުގެ ވިސާ ދެނީ

ސްރީލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

ލަންކާގައި ކިޔަވާ މީހުންގެ އާއިލާތަކަށް ވެސް ވިސާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

28 ޖުލައި 2025

ސްރީލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޖޮއިންޓު ސްޓޭޓްމަންޓުގައި އެ މަނިކުފާނު ވަނީ ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

ރައީސް ވިދާޅުވީ ލަންކާއާއެކު އޮތް ގުޅުމުގެ މައިގަނޑު އަސާސަކީ ދެ ގައުމު މެދުގައި އޮތް ހަރުދަނާ ގުޅުން ކަމަށެވެ. އަދި އެ ދަތުރުފުޅުގެ ސަބަބުން އެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއާއި ލަންކާއަކީ މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމު ކަމަށާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވައިފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ގައުމަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ވަގުތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ތިމާވެށި ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.

ރައީސް ވަނީ ލަންކާ ވެއްޓިފައި އޮތް އިގުތިސޯދީ ކާރިސާއިން އަރައިގަނެ، ހޯދަމުންދާ ކާމިޔާބީއަށް އަނޫރާއަށް މަރުހަބާ ދަންނަވައިފަ އެވެ.