Roadha Mihaaru
އެމްއައިޓީޑީސީން މާލެ އަތޮޅުގައި ތިން ރިސޯޓެއް ހަދަނީ

އެމްއައިޓީީޑީސީން މާލެ އަތޮޅުގެ ތިން ފަޅެއް ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަނީ

22 މާޗް 2017

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މާލެ އަތޮޅުގެ ތިން ފަޅެއް ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މާލެ އަތޮޅުގެ ތިން ފަޅެއް ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަން ނިންމައިފި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ތިން ފަޅު ހިއްކައިގެން ރިސޯޓް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. އެ ތިން ފަޅު ތަރައްގީކުރުމުގެ މާސްޓަޕްލޭނާއި އިންވެސްޓަރަކު ހޯދަނީ ޖޯންސް ލޭންގް ލަސެލް (ޖޭއެލްއެލް) މެދުވެރިކޮށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ޖޭއެލްއެލް މެދުވެރިކޮށް އިންވެސްޓަރަކު ހޯދައިގެން ރިސޯޓް ތަރައްގީ ކުރުމަށް ފަހު ހިންގަން ބަޔަކާ ހަވާލުކުރަން. ނަމަވެސް އަދި މުޅިން ނުނިމޭ ކިހާ މުއްދަތަކަށް ކަމެއް ހިންގަން ހަވާލުކުރާނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މާލެ އަތޮޅުގެ ތިން ސަރަހައްދެއްގައި އޮންނަ ފަޅު ހިއްކުމަށް ފަހު، ރިސޯޓް ހިންގާނީ އެ ބަޔަކު އަމިއްލަ އަށް ކަމަށެވެ. އެކަމަކު އެ ފަޅުތައް ކުއްޔަށް ދިނުމާއި އެނޫން ވެސް ކަންތައްތައް ކުރިއަށް ގެންދާނީ އެމްއައިޓީޑީސީ އާއި ޖޭއެލްއެލް ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަޅު ހިއްކައިގެން ރިސޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އެމްއައިޓީޑީސީން އިއުލާންކޮށްފައިވާއިރު، މާލެ އަތޮޅުގެ ގިނަ އަދަދެއްގެ ފަޅުތައް އެކި ކުންފުނިތަކުން ދަނީ ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަމުންނެވެ. އެގޮތުން ތައިލެންޑްގެ ސިންގަ އެސްޓޭޓް ކޮމްޕެނީން މާލެ އަތޮޅުގެ އެނބޫދޫފަޅު ހިއްކައިގެން ރިސޯޓް ތަކެއް އަންނަނީ ހަދަމުންނެވެ.

ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ކުރާ މަންފާ އިތުރުކުރުމުގެ މަގުސަދުގައި ރައީސް އަބްދުﷲ ޔާމީން އެމްއައިޓީޑީސީ އުފެެއްދެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.