Roadha Mihaaru

ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު ތަނބު ކަމަށާއި އެ ޓާމިނަލް މިރޭ ހުޅުވުމުން ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ އެންމެ މުހިއްމު ތަނބަކީ އެއާޕޯޓު: ރައީސް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

26 ޖުލައި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު ތަނބު ކަމަށާއި އެ ޓާމިނަލް މިރޭ ހުޅުވުމުން ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެޖުގެ ދަށުން ހެދި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް އާ ޓާމިނަލް މިއަދު ހުޅުވަން ބޭނުންފުޅުވީ ވަރަށް ހާއްސަ ސަބަބަކާ ހެދި ކަމަށާއި އެއީ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަމަކީ އެންމެ މުހިއްމުކަން ކަމަށް ވާތީ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމުގައި އެންމެ މުހިއްމު ތަނބަކީ ރާއްޖޭގެ މައި އެއާޕޯޓު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިކަމުގެ އުފާ ފާގަތިކަން ހިތްހަމަޖެހުން ލިބިގެންދާނެ. އަޅުގަނޑުމެންގެ އިގްތިސާދު ފުޅާކޮށް، ކުރިއަށް ގެންދިއުމުގައި ހާއްސަކޮށް ޓޫރިޒަމް ދާއިރާ އަށް، އަދި ޖުމްލަކޮށް މުޅި އިގްތިސާދަށް، ރާއްޖެ ކުރިއެރުމުގައި މިވެގެންދާނީ ވަރަށް މުހިއްމު މަސައްކަތަކަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، އާ ޓާމިނަލް ހުޅުވުނީ ބޭރުގެ މާލީ ގިނަ އިދާރާތަކުގެ އެހީތެރިކަމާ އެކު އެވެ. އެހެންވެ އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް އެ މަނިކުފާނު އަދާކުރެއވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އާ ޓާމިނަލް މިރޭ ހުޅުވި އިރު އެ ޕްރޮޖެކްޓަށް އެންމެ ބޮޑު ފައިނޭންސިންއެއް ނުވަތަ ލޯނެއް ހަަމަޖައްސައިދިނީ ސައުދީ ފަންޑުންނެވެ. ސައުދީ ފަންޑުން އެ ޕްރޮޖެކްޓަށް 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހަމަޖައްސާދީފައި ވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ ދެކަނބަލުން ވަޑައިގަތުމުން އެމްއޭސީއެލްގެ އިސްވެރިން އެ ދެކަނބަލުންނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ ދެކަނބަލުން ވަޑައިގަތުމުން އެމްއޭސީއެލްގެ އިސްވެރިން އެ ދެކަނބަލުންނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: އެމްއޭސީއެލް

ކުވައިތު ފަންޑުން އެ ޕްރޮޖެކްޓަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަމަޖައްސާދީފައިވާއިރު، އޮފިޑް އިން އެ ޕްރޮޖެކްޓަށް 50 (771 މިލިއަން ރުފިޔާ) މިލިއަން ޑޮލަރު ފޯރުކޮށްދިނެވެ. އޭގެ އިތުރުން އަބޫދާބީ ފަންޑުން ވެސް އެ ޕްރޮޖެކްޓަށް 90 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) ހަމަޖައްސާދީފައިވެ އެވެ.

ޖުމްލަ އެ ޕްރޮޖެކްޓަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަވެފައިވެ އެވެ.

ރައީސް މުއިއްޒު މިރޭ ވިދާޅުވީ، ވީއައިއޭގެ އާ ޓާމިނަލް މިރޭ ހުޅުވުމަށްޓަކައި އެ މަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް ކުރި މަސައްކަތްތައް ނުކުރި ނަމަ އަދިވެސް އިތުރު ދޮޅު އަހަރު އެ މަސައްކަތް ނިންމަން ނަގާނެ ކަމަށެވެ. އެހެންވެ، އެ ޕްރޮޖެކްޓް އަވަސްކޮށް ނިންމުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެ މަނިކުފާނު ވަނީ ޝުކުރު ދަންނަވައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި އެއާޕޯޓުގެ މަތީގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ރައީސް މުއިއްޒަށް ހާއްސަ ޝުކުރު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އުފަލުގައި އެއާޕޯޓުގެ މަތީގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ރައީސް މުއިއްޒަށް ހާއްސަ ޝުކުރު.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ދެހާސް ހަތާވީހުގެ ފަހުކޮޅުގައި މަސައްކަތުގެ ނިންމުމުގެ ސްޕީޑާއި އެކި ކަންކަން އޮތީ. އެހެންވީމާ އަދިވެސް އެއްފަހަރު މިކަމުގެ ބައިވެރިވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އާ ޓާމިނަލްގެ ހުޅުވުމާ އެކު އަހަރަކު 7.5 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. އެ ޓާމިނަލްގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްފައިވާއިރު ކުރީގެ ޓާމިނަލަށް ވުރެ ހިދުމަތްތައް ދިނުމުގެ ސްޕީޑު 30 ޕަސެންޓަށް އަވަސް ވާނެ ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.