Roadha Mihaaru

ތައިލެންޑާއި ކެމްބޯޑިއާއިން ޖެޓާއި ރޮކެޓުން ހަމަލާދީ 11 މީހަކު މަރާލައިފި

ކެމްބޯޑިއާ އިން ތައިލެންޑަށް ރޮކެޓުން ހަމަލާ ދިނުމާ އެކު ތައިލެންޑު ސިފައިން ޖެޓްތަކުގައި ގޮސް ކެމްބޯޑިއާގެ އަސްކަރީ މަގާމުތަކަށް ހަމަލާދީ ހަމަލާ ދިނުމުން އާންމުންގެ 11 މީހަކު މިއަދު މަރުވެއްޖެ އެވެ.

ތައިލެންޑާއި ކެމްބޯޑިއާއިން ހަމަލާދީ 11 މީހަކު މަރު

ކެމްބޯޑިއާ އިން ތައިލެންޑަށް ރޮކެޓުން ހަމަލާ ދިނުމާ އެކު ތައިލެންޑު ސިފައިން ޖެޓްތަކުގައި ގޮސް ކެމްބޯޑިއާގެ އަސްކަރީ މަގާމުތަކަށް ހަމަލާދީ ހަމަލާ ދިނުމުން އާންމުންގެ 11 މީހަކު މިއަދު މަރުވެއްޖެ އެވެ.

ޒަމާންވީ، އިމުގެ މައްސަލައިގައި ދެ ގައުމުގެ އަރާރުން ބޮޑުވެ ހަމަނުޖެހުންތަކުން ހިނގަމުން ގޮސް މިއީ މި ފަހުން ހިނގި އެންމެ ވަރުގަދަ ކުރިމަތިލުމެވެ.

މި ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑުވެފައި އޮންނަނީ ލާއޯސްއާ އެކު ބޯޑަރުން ގުޅޭ ހިސާބުގައި އޮންނަ އެމަރަލްޑް ޓްރައިއެންގަލް ނަމަކަށް ކިޔާ ސަރަހައްދަކާ މެދުގަ އެވެ. އެއީ އިހުގެ ފައްޅިތަކާއި އާސާރީ ތަންތަން ގިނަ ހިސާބެކެވެ.

މި ދެބަސްވުންތަކަށް އެތައް އަހަރެއް ވެފައި ވާއިރު މީގެ 15 އަހަރު ކުރިންނާއި މިދިޔަ މެއި މަހު އަސްކަރީ ކުރިމަތިލުން ހިނގާފައިވެ އެވެ. މެއި މަހު ބަދަލުކުރި ހަމަލާތަކުގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.

މިއަދު އިސްވެ ހަމަލާ ދިނީ ކެމްބޯޑިއާއިން ކަމަށް ތައިލެންޑުން ބުނާއިރު ކެމްބޯޑިއާ އިން ބުނަނީ ހަމަލާ ދިނީ ތައިލެންޑުން ކަމަށެވެ.

ކެމްބޯޑިއާގެ ހަމަލާއަށް ފަހު ތައިލެންޑުގެ އިމާރާތެއްގައި ރޯވެ އަނދަނީ. -- ފޮޓޯ: އޭއެފްޕީ

ކެމްބޯޑިއާގެ ހަމަލާއަށް ފަހު ތައިލެންޑުގެ އިމާރާތެއްގައި ރޯވެ އަނދަނީ. -- ފޮޓޯ: އޭއެފްޕީ

ތައިލެންޑުން ބުނި ގޮތުގައި ރޮކެޓާއި ބޮޑު ބަޑިން ދިން ހަމަލާތަކަށް ފަހު ތައިލެންޑުގެ އަސްކަރިއްޔާއިން ވަނީ އެފް-16 ޖެޓްތައް ފޮނުވައި ވައިގެ މަގުން ހަމަލާ ދީފަ އެވެ.

ތައިލެންޑުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނީ ރޮކެޓް ހަމަލާތަކުގައި އާންމުންގެ 11 މީހަކު މަރުވެފައިވާ ކަމަށާއި ގިނަ މީހުން މަރުވެފައިވަނީ ސިސަކެޓް ޕްރޮވިންސްގެ ގޭސް ސްޓޭޝަނެއް ކައިރިއަށް އަމާޒުވި ރޮކެޓް ހަމަލާއެއްގައި ކަމަށެވެ.

ގޭސް ސްޓޭޝަނާ އިންވެގެން ހުރި ކޮންވިނިއަންސް ފިހާރަޔަކުން ދުން އަރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. ޕްރޮވިންސް އޮފިޝަލުން ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ގިނައީ ހަމަލާ ދިން އިރު ފިހާރައިގެ ތެރޭގައި ތިބި ދަރިވަރުން ކަމަށެވެ.

ތައިލެންޑު އަސްކަރިއްޔާގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ރިއްޗާ ސުކްސުވަނޮން ވިދާޅުވީ، އުބޯން ރަތުޗަތާނީ ޕްރޮވިންސުން ހަ ޖެޓް ފޮނުވައި ކެމްބޯޑިއާގެ އަސްކަރީ ދެ އަމާޒަކަށް ހަމަލާ ދީފައިވާނެ ކަމަށެވެ.

ތައިލެންޑްގެ ސުރިން ޕްރޮވިންސާއި ކެމްބޯޑިއާގެ އޮޑާރް މީންޗޭގެ ބޯޑަރު ސަރަހައްދުގައި ހުންނަ ދެ ފައްޅިއެއްގެ ކައިރީގައި ހަމަނުޖެހުންތައް ފެށުމުގެ ޒިންމާ އެއް ގައުމުން އަޅުވަނީ އަނެއް ގައުމުގެ ބޮލުގަ އެވެ.

ތައިލެންޑާއި ކެމްބޯޑިއާގެ ކުރިމަތިލުން ކުއްލިއަކަށް މާ ހޫނުވުމާ އެކު އަވަށްޓެރި ގައުމުތަކުން ގެންދަނީ މަސްރަހު އިތުރަށް ގޯސްވިޔަ ނުދީ ސުލްހަ އިސްކުރުމަށް ގޮވާލަމުންނެވެ.