Roadha Mihaaru

ތައިލެންޑުގެ ދުސްތޫރީ ކޯޓުން ބޮޑުވަޒީރު ސަސްޕެންޑްކޮށްފި

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގަމުންދާ ޑިޕްލޮމެޓިކް މައްސަލަތަކުގެ ތެރޭ ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ އަމަލުތައް ބަހައްޓަވާ ގޮތުގެ ތަހުގީގެއް އެ ގައުމުގެ ދުސްތޫރީ ކޯޓުން ފަށައި އޭނާ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

ތައިލެންޑުގެ ދުސްތޫރީ ކޯޓުން ބޮޑުވަޒީރު ސަސްޕެންޑްކޮށްފި

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ހިނގަމުންދާ ޑިޕްލޮމެޓިކް މައްސަލަތަކުގެ ތެރޭ ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ އަމަލުތައް ބަހައްޓަވާ ގޮތުގެ ތަހުގީގެއް އެ ގައުމުގެ ދުސްތޫރީ ކޯޓުން ފަށައި އޭނާ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

"ދުސްތޫރީ ކޯޓުގެ 7-2 ގެ އަޣުލަބިއްޔަތުން، ޖުލައި 1 ވަނަ ދުވަހުން ފެށިގެން މައްސަލަ ބަލައި ނިމެންދެން ބޮޑުވަޒީރު ޒިންމާތަކުން އެކަހެރިކުރުމަށް ނިންމައިފިން،" ބޯޑަރުގެ މައްސަލައިގައި ކެމްބޯޑިއާ ދެމެދު އޮތް މައްސަލައިގެ ތެރޭ ބޮޑުވަޒީރު ސުލޫކީ ހަމަތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ކޯޓުން ނެރުނު ބަޔާނުގައި ބުންޏެވެ.

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ބޯޑަރުގެ މައްސަލަ އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު މި ފަހުން މައްސަލަ އިތުރަށް ހޫނުވެ ދެ ގައުމުގެ ސިފައިން ބަދަލުކުރި ހަމަލާތަކެއްގައި ކެމްބޯޑިއާ ސިފައިންގެ މީހަކު ވަނީ މަރު ވެސް ވެފަ އެވެ.

މި މައްސަލައިގެ ތެރޭ، އުމުރުން 38 އަހަރުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ކެމްބޯޑިއާގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ހުން ސެން އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައި ވާއިރު އޭނާއަށް ތައިލެންޑުގެ ބޮޑުވަޒީރު މުހާތަބުކުރައްވަނީ "އަންކަލް" ގެ ގޮތުގަ އެވެ. އެ ކޯލްގައި ތައިލެންޑުގެ އަސްކަރީ ކޮމާންޑަރުންނަކީ އިދިކޮޅު މީހުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކޮންޒަވެޓިވް މެންބަރުން ވިދާޅުވަނީ ބޮޑުވަޒީރުގެ މި އަމަލަކީ ކެމްބޯޑިއާގެ ކުރިމަތީ އިސް ޖަހައި، އެ މީހުން ބޭނުންވާ ގޮތަށް ދީލައިލުން ކަމަށާއި ބޮޑުވަޒީރުގެ ވާހަކަތަކުގެ ސަބަބުން އަސްކަރިއްޔާ އަށް ވެސް ކުޑައިމީސްވެފައިވާ ކަމެވެ. އަދި ބޮޑުވަޒީރުގެ ނަޒާހަތްތެރިކަން ގެއްލި ސުލޫކާ ވެސް ހިލާފުވެފައިވާ ކަމަށް ބުނެ އެ މެންބަރުން ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު ތައިލެންޑުގެ ބޮޑުވަޒީރު ކަމަށް ހޮވި ޕެޓޮންގްޓާން ޝިނަވަތުރާ އަކީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުންނެވެ. -- އޭއެފްޕީ