Roadha Mihaaru

މޯދީގެ ދަތުރާއެކު ރާއްޖެ އަންނަ އިންޑިއާގެ ޓޫރިސްޓުން އިތުރުވާނެ ކަމަށް ގަބޫލުކުރަން: ނަޝީދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާއެކު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"މޯދީގެ ދަތުރާއެކު އިންޑިއާގެ ޓޫރިސްޓުން އިތުރުވާނެ"
އިފްރާޒް އަލީ
އިފްރާޒް އަލީ

23 ޖުލައި 2025

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާއެކު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ލޯނުގެ އެހީގައި ހަދަމުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއު މިހާރު ނިމެން ކައިރިވެފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އިންޑިއާގެ ދެކުނުގެ ސިޓީތަކާ، ވައިގެމަގުން އެންމެ ގަޑިއިރެއްގެ ދުރުމިނުގައިވާ ތަނެއް ކަމަށް ވާތީ، އެ އެއާޕޯޓުގެ ތަރައްގީކޮށް ހުޅުވުމާއެކު ރާއްޖެ އަންނަ އިންޑިއާގެ ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ. އަދި އިންޑިއާގެ އެކުވެރި ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސް ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ މަޝްރޫއު އެއްކޮށް ނިންމާލުމެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ތަރައްގީކުރާ އެ އެއާޕޯޓަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރާއެކު އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރުގަދަވެއްޖެ ނަމަ، އޭގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެ ކަމަށެވެ.

ނަޝީދަކީ އަބަދުވެސް އިންޑިއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވުމުގެ ކުރިން އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް، އެ ގުޅުން މިހާރު އަލުން އިޔާދަކޮށްފައި ވާތީ، އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަޑުމަޑުން ވަނީ އިތުރުވާން ފަށައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން ބޮޑުވަޒީރު މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ޚާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭތީ މޯދީގެ ޕޯސްޓުގައި ވަނީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ. ދެ ގައުމުގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 1، 1965 ގަ އެވެ.

މޯދީ ވިދާޅުވީ ދެ ދުވަހުގެ މި ދަތުރުގައި ރައީސް މުއިއްޒުއާ އެކި ދާއިރާތަކުން ކުރައްވަން ހަމަޖެހިފައިވާ މަޝްވަރާތަކާ އެކު ދެ ގައުމު ގާތް ގުޅުން އަދި އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.