Roadha Mihaaru

އެމްޑީޕީގެ ވިސްނުމުގައި، އެއާޕޯޓެއް އެޅުމާއި ހިންގުމުގެ ގާބިލްކަމެއް ދިވެހިންގެ ނެތް: މަތީން

ރާއްޖޭގެ ތަރައްގީއާ ގުޅޭ ގޮތުން އެމްޑީޕީން ގެންގުޅެނީ ވަރަށް ހަނި ވިސްނުމެއް ކަމަށާއި އެ ވިސްނުމުގައި ނަމަ، ދިވެހިންގެ ކިބައިގައި އެއާޕޯޓެއް އެޅުމާއި ހިންގުމުގެ ގާބިލްކަން ވެސް ދިވެހިންގެ ނެތް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވިސްނުމުގައި ދިވެހިންނަށް އެއާޕޯޓު ނުހިންގޭނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

17 ޖުލައި 2025

ރާއްޖޭގެ ތަރައްގީއާ ގުޅޭ ގޮތުން އެމްޑީޕީން ގެންގުޅެނީ ވަރަށް ހަނި ވިސްނުމެއް ކަމަށާއި އެ ވިސްނުމުގައި ނަމަ، ދިވެހިންގެ ކިބައިގައި އެއާޕޯޓެއް އެޅުމާއި ހިންގުމުގެ ގާބިލްކަން ވެސް ދިވެހިންގެ ނެތް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދައުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެެއް އެމްޑީޕީއަށް ނެތް ކަމަށެވެ. އެ ޕާޓީގެ އަބަދުވެސް ވިސްނުމަކީ ތަންތަން ހިންގުން ބޭރު މީހުންގެ އަތް މައްޗަށް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީން މިގޮތަށް ވިދާޅުވީ، ލޯނު އެހީގައި ތަރައްގީކޮށް، މި މަހުގެ 26 ގައި ހުޅުވާ އާ ޓާމިނަލް މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ޕޯސްޓްކުރައްވާފައި ވަނިކޮށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުއްޔަށް ދިނުން މި ދެ ބޭފުޅުން ވެސް ވަނީ ދިފާއުކުރައްވައިފަ އެވެ.

ދިވެހި ސަރުކާރަށް ގެއްލުންވާ ގޮތަށް އޮތް ކަމަށް އެޓާނީޖެނެރަލްގެ ލަފަޔާ އެކު އެ އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

މަތީން ވިދާޅުވި ގޮތުގައި މި މަހުގެ 26 ގައި ހުޅުވާ އާ ޓާމިނަލްގެ މަޝްރޫއަކީ މިހާރު އޮތް ސަރުކާރުގެ ފިކުރުގައި އުފެދުނު ފުރަތަމަ ވެރިކަމުގެ މަޝްރޫއުއެއް ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށެވެ.

މަތީން ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފުޅާކުރާއި ޓޫރިސްޓުން އިތުރަށް ގެނައުމާއި އިގްތިސާދު ފުޅާކުރުމަކީ ވެސް ޕީއެންސީ ފިކުރުގެ ވިސްނުމެއް ކަމަށެވެ. އެމްޑީޕީން އިގްތިސާދާ މެދު ގެންގުޅެނީ ވަރަށް ހަނި ވިސްނުމެއް ކަމަށާއި ފުޅާ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެންސީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.---ފޮޓޯ | ޕީއެންސީ

ޕީއެންސީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.---ފޮޓޯ | ޕީއެންސީ

އެމްޑީޕީގެ ވިސްނުމަށް ފާޑުވިދާޅުވެ މުބީން ވިދާޅުވީ ދިވެހިންނަކީ އަމިއްލަ އަށް އެއްވެސް ކަމެއް ކުރެވޭ ވަރުގެ ބައެއް ނޫން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އެ ޕާޓީގެ ފިކުރަކީ ރާއްޖޭގެ ތަންތަން ހިންގުން ބޭރުގެ ކުންފުނިތަކާ ހަވާލުކުރުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން [އެމްޑީޕީން] ޓާމިނަލެއް އަޅަން ފެށީ އެއާޕޯޓު ކޮން ފަރާތެއްގަތޯ، އިރުމަތީ ފަރާތުގައި. މިހާރު އެއާޕޯޓުގައި އަޅާފައި އެ އޮތް ޓާމިނަލް އަޅާފައި އެ އޮތީ ހުޅަނގު ފަރާތުގައި. އެހެންވީމާ އެ ބޭފުޅުން އަޅުއްވަން މަސައްކަތް ކުރެއްވި ޓާމިނަލެއް މިހާރަކު ވުޖޫދަކު ނެތް،" މަތީން ވިދާޅުވި އެވެ.

ދިވެހިންގެ އެއާޕޯޓް ތަރައްގީކޮށް ހިންގަން އެމްޑީޕީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެއް ވެރިކަމުގައި އެއާޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދީ، ދެވަަނަ ވެރިކަމުގައި އެއާޕޯޓް ތަރައްގީކުރަން ފެށި މަސައްކަތް ނިންމާ ނުލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހު 26 ގައި މި ޓާމިނަލް ހުޅުވާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހު 26 ގައި މި ޓާމިނަލް ހުޅުވާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާ ޓާމިނަލާ އެކު ދެވަނަ ރަންވޭއެއް ހެދުމުގެ އެއްވެސް ވިސްނުމެއް އެމްޑީޕީ ވެރިކަމުގައި ނުގެންގުޅޭ ކަމަށާ އެކަމުން ދޭހަވަނީ އެ ޕާޓީއަކީ އިގްތިސާދު ފުޅާކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ބައެއް ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

"އެ ބޭފުޅުން އަޅުއްވަން ފެއްޓެވި ޓާމިނަލްގެ ފައުންޑޭޝަންތައް ނަގައި އުކާލީ ކައްޗަށް އެޅި ބިންގަލެއްގެ މަތީގައި ދިވެހި ރާއްޖޭގެ އިގްތިސާދު ބިނާކުރަން އަޅުގަނޑުމެންގެ ވެރިކަމަކުން ބޭނުން ނުވާތީ،" މަތީން ވިދާޅުވި އެވެ.

"މިއީ ދިވެހިން ތަރައްގީ ކޮށްފައިވާ ދިވެހިންގެ އެއާޕޯޓެއް. މި އެއާޕޯޓް ހުޅުވިގެން މި ދަނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި."