Roadha Mihaaru

އެމްޑީޕީގެ އަހަރީ ދުވަހުގެ ދުވުމަށް ސެންޓްރަލް ޕާކު ނުދިނުމުން މާލެ އަށް ބަދަލުކޮށްފި

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް "ރަންރީނދޫ" ދުވުން ހުޅުމާލޭގައި ބާއްވަން ހުއްދަ ނުދިނުމުން މާލޭގައި އެ ހަރަކާތް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ދުވުން މާލެއަށް ބަދަލުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

16 ޖުލައި 2025

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް "ރަންރީނދޫ" ދުވުން ހުޅުމާލޭގައި ބާއްވަން ހުއްދަ ނުދިނުމުން މާލޭގައި އެ ހަރަކާތް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

މިދިޔަ މަހުގެ 26 ގައި ފާހަގަކުރި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ދުވުމެއް ބާއްވަން އެ ޕާޓީން ބޭނުންވީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު ބާއްވަން އުޅުނު އެ ދުވުމަށް އެޗްޑީސީގެ ހުއްދަ ނުލިބުނު ކަމަށް އެމްޑީޕީން ބުންޏެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވުމުން އެ ކޮމިޝަނުން ވެސް އެޗްޑީސީގައި އެދިފައި ވަނީ ހުޅުމާލޭގައި ދުވުން ބާއްވަން ހުއްދަ ދޭން ކަމަށް އެމްޑީޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ބުންޏެވެ.

އެމްޑީޕީގެ ލީގަލް ކޮމިޓީގެ މެމްބަރު އައިކް އަހުމަދު އީސާ ވިދާޅުވީ، އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ނަގައިގެން ހުޅުމާލޭގައި ދުވުން ބާއްވަން އެދުމުން އެ ހުއްދަ ނުލިބުނު ކަމަށެވެ.

އެހެންވެ އެ ދުވުން މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގައި ބާއްވަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަންރީނދޫ" ދުވުން އެއް ގަޑިއެއްގައި ކުރިއަށް ގެންދާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޕާޓީގެ ދަންމަރެއް ހިފައިގެންނެވެ.

އެމްޑީޕީން ބުނީ އެއީ އެމްޑީޕީން މިދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭނެ ދަންމަރެއް ކަމަށެވެ.