Roadha Mihaaru

ސްޓެލްކޯގެ ފްލެޓްތަކުގެ ކުއްޔަށް 644،000ރ. ނުލިބި އޮތް މައްސަލާގައި ފިޔަވަޅު އަޅަން އަންގަނީ

ސްޓެލްކޯ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 644،000 ރުފިޔާ ނުލިބި ހުރި އިރު، އެ ފައިސާ ހޯދަން ކުރަމުން އަންނަ މަސައްކަތްތައް ސާފުކޮށް، ކުލި ނުދައްކާ މީހުންނާ މެދު ފިޔަވަޅު އަޅަން އެ ކުންފުންޏަށް އަންގަން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފްލެޓް ކުއްޔަށް ސްޓެލްކޯއަށް ނުލިބި 644،000ރ!
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

15 ޖުލައި 2025

ސްޓެލްކޯ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 644،000 ރުފިޔާ ނުލިބި ހުރި އިރު، އެ ފައިސާ ހޯދަން ކުރަމުން އަންނަ މަސައްކަތްތައް ސާފުކޮށް، ކުލި ނުދައްކާ މީހުންނާ މެދު ފިޔަވަޅު އަޅަން އެ ކުންފުންޏަށް އަންގަން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފްލެޓް ލިބުނު މީހުންގެ ތެރެއިން ކުލި ނުދައްކާ ގިނައީ ކުންފުނީގެ އިސް މަގާމްތައް ފުރުއްވުމަށް ފަހު ވަކިވި ބޭފުޅުން ކަމަށް މާލިއްޔަތު ކޮމިޓީގައި މެމްބަރުން ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި މިއަދު ވަނީ ސްޓެލްކޯގެ ފްލެޓްތަކުގެ ކުލި ނުދައްކާ މައްސަލާގައި މަޝްވަރާކޮށްފަ އެވެ. އެ ކޮމިޓީގައި އެ މައްސަލަ ކުރިއަށް ގެންދިޔައީ، ކެލާ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ޝަރީފް ހުށަހަޅުއްވައިގެންނެވެ.

ކޮމިޓީގައި އޭނާ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފްލެޓްތައް ތަރައްގީކޮށްފައިވާ އިރު އެތަނުގެ ކުލި ނުދައްކާ ފަރާތްތަކުގެ މުސާރަ އިން އެ ބައި އުނިކުރަމުން އަންނަ ކަމަށެވެ. އެކަމަކު ކުންފުނީގެ އިސް މަގާމްތަކުގައި ކުރިން ތިއްބެވި ބޭފުޅުންގެ ތެރެއިން މިހާރު ވަޒީފާގައި ނެތް ބޭފުޅުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށެވެ.

އޭނާގެ ކަންބޮޑުވުމަކީ ކުލި ނުދެއްކިޔަސް އެ ބޭފުޅުންނަށް ފިޔަވަޅެއް ނޭޅުމެވެ.

ޝަރީފް ވިދާޅުވީ ފްލެޓްތަކަށް ކުލި ދެއްކުމުގައި މިހާރަށް ވުރެ އިންސާފުވެރި ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.

"އެތަނުގެ ކުރީގެ ބޯޑު މެންބަރުންނާއި އަދި ބައެއް ކަހަލަ ބޮޑެތި ބޭފުޅުން މިތިބީ މިކަމުން މިންޖުވެގެން ގޮސް ދުރުގައި. އެހެންވީމަ އެ މީހުންގެ މުސާރައަކުން ނުކެނޑޭ. ދެން މިއޮތީ އެ މީހުންނާ މެދު ފިޔަވަޅެއް އެޅުމޭ. މިހާ ބޮޑު ތަފާތު ކުރުމެއް ގެންގުޅުމަކީ ހަމަޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުލި ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ފްލެޓް އަތުލަން ޖެހޭ ހާލަތެއް އައިސްފައިވާ ނަމަ، އެފަދަ ފިޔަވަޅުތައް ވެސް އަޅަން ޖެހެ އެވެ. އަދި އެ ފިޔަވަޅުތައް އެޅުމަށް ސްޓެލްކޯއަށް އެންގުމަށް އޭނާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދު ކުރެއްވި އެވެ.

އެ މައްސަލާގައި މާލިއްޔަތު ކޮމިޓީއާ ސްޓެލްކޯ އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން، ސްޓެލްކޯގެ ފްލެޓްތަކަށް ގަވާއިދުން 33 ފަރާތެއް ކުލި ނުދައްކަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތް ފަރާތުން، 178،000 ރުފިޔާ ދައްކަން ޖެހިފައި އެބައޮތް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކުލީގެ ގޮތުގައި ނުލިބި ޖުމްލަ 488،000ރ. އޮތް އިރު ޖޫރިމަނާގެ ގޮތުގައި ވެސް ނުލިބި 155،000ރ. އެބަ އޮތެވެ.

ކޮމިޓީގައި، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ފްލެޓްތަކުގެ މައްސަލައަކީ އެ މުވައްޒަފުންނާއި އެ ކުންފުންޏާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. އެކަމުގެ ތެރެއަށް މާލިއްޔަތު ކޮމިޓީން ވަނުން ރަނގަޅު ނޫން ކަމަށާއި ދެ ފަރާތުން ހަދާފައިވާ އެގްރީމެންޓްތަކުގައި އަމަލު ކުރަންވާނީ އެގްރީމެންޓާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ކުލި ނުދައްކާ މައްސަލަތަކުގައި ހިމެނޭ ފްލެޓްތަކުގެ ކަރަންޓު ކަނޑާލަންވީ ކަމަށެވެ.

"ސްޓެލްކޯ އިން ވަކިވެފައި ތިބި ނުވަތަ ރިޓަޔާކޮށްފައި ތިބި މުވައްޒަފުންނޭ މި ކުލި ނުދައްކަނީ. އެއީ މައިގަނޑު ވާހަކައަކީ. މިސާލަކަށް ސްޓެލްކޯ އިން ހިދުމަތުން ވަކިވެފައި ހުންނަ ބޭފުޅަކަށް ދީފައިވާ ފްލެޓަކަށް ކުލި ނުދައްކާ ކަމުގައިވާ ނަމަ ސްޓެލްކޯއިން އެތަނުން ކަރަންޓް ކަނޑާލެވޭނެ މިވަގުތުން މިވަގުތަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީން ވަނީ، ކެލާ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގޮތަށް ކުލި ނުދައްކާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ސްޓެލްކޯގައި އެދެން ފާސްކޮށްފަ އެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުން 360 ފްލެޓް ވަނީ ހަވާލުކޮށްފަ އެވެ. އެ ފްލެޓްތައް 2022 ވަނަ އަހަރު ހަވާލުކޮށްފައިވާ އިރު އެ ޕްރޮޖެކްޓަށް ވަނީ 623 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ސްޓެލްކޯއިން ދޫކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް މުވައްޒަފުންގެ އަތުން ނަގަނީ 2.1 މިލިއަން ރުފިޔާ އެވެ.