Roadha Mihaaru
ސްޓެލްކޯގެ 32 ފްލެޓަށް އެދި 320 ފޯމު ހުށަހަޅައިފި

ސްޓެލްކޯގެ ނުވިކި ހުރި 32 ފްލެޓަށް އެދި 320 ފޯމު ހުށަހަޅައިފި

26 ޖުލައި 2022

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ނުވިކި ހުރި 32 ފްލެޓަށް އެދި 320 ފޯމު ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ނުވިކި ހުރި 32 ފްލެޓަށް އެދި 320 ފޯމު ހުށަހަޅައިފި އެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ސްޓެލްކޯ އިން ހުޅުވާލީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓްގެ ދަށުން ނުވިކި ހުރި އެއް ކޮޓަރީގެ 16 އެޕާޓްމަންޓަކާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) ގެ 16 އެޕާޓްމަންޓަށް ކުރިމަތިލުމަށެވެ.

އެ ފުރުސަތުގައި މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ 32 ފްލެޓަށް އެދި 320 ފޯމު ހުށަހަޅާފައިވާ ކަމަށާއި އެއީ 257 މުވައްޒަފުން ކަމަށެވެ.

ސްޓެލްކޯ އިން ފްލެޓް ގަންނަން ހުޅުވާލި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށް ވެސް އެއް ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމޭނޭ (1+2) އަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮތެވެ. އެހެންވެ ބައެއް މުވައްޒަފުން ވަނީ ދެ ބަޔަށް ވެސް ކުރިމަތިލައިފަ އެވެ. އެކަމަކު ކޮންމެ މުވައްޒަފަކަށް ވެސް ފްލެޓް ލިބޭނީ އޭގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއަކުންނެވެ.

ސްޓެލްކޯ އިން ނުވިކި ހުރި ފްލެޓްތައް ވިއްކާލަން ހުޅުވާލިއިރު ވަނީ އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކުންފުނީގައި ދެ އަހަރު މަސައްކަތްކޮށްފައިވާ މީހުންނާއި އެމީހުންގެ މާލޭ ސަރަހައްދުގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތަށް ބެލުމަށް ކުންފުނިން ވަނީ ނިންމައިފަ އެވެ. އަދި ފްލެޓްގެ ވިހި ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި 350،000ރ. މި ޑިސެމްބަރުގެ ކުރިން ދައްކަން ޖެހޭ ގޮތަށް އުސޫލުގައި ހިމެނި އެވެ.

އެންމެ ފުރަތަމަ ސްޓެލްކޯ އިން ފްލެޓް ދޫކުރީ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. އެމީހުންނަކީ ވަކި މުއްދަތެއްގައި ކުންފުނީގައި މަސައްކަތްކުރި ބަޔަކަށް ވާކަށް ނުޖެހެ އެވެ.

އޭރު އުސޫލު އެގޮތަށް އޮތީ ސްޓެލްކޯގެ ފްލަޓަށް ތަރުހީބު ނުލިބިގެން ކަމަށް ކުންފުނިން ބުނެ އެވެ. ފްލެޓްތައް އަޅަން ފެށުމުގެ ކުރިން ފްލެޓް ގަންނަން ހުޅުވާލުމުން އެއްވެސް ބަޔަކު ކުރިމަތި ނުލައިގެން، ފްލެޓްގެ ޔަގީންކަން ދިނުމަށް އޭރު އެންމެ ފުރަތަމަ ފްލެޓް ބައްލަވައިގަތީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު އެވެ.

ސްޓެލްކޯ އިން ބުނީ އެންމެ ފަހުން، ފްލެޓް ހަގީގަކަށްވާ މަންޒަރު ފެންނަން ފެށުމުން މުވައްޒަފުންގެ ތަރުހީބު ބޮޑުވި ކަމަށެވެ.

ސްޓެލްކޯ ފްލެޓްގެ އަގު:

- އެއް ކޮޓަރި: 5،622ރ. (މެއިންޓެނަންސް ފީއަށް މަހަކު 1،000ރ.) - މެއިޑް ރޫމް ހިމެނޭ (1+2) އެޕާޓްމަންޓް: 10،356ރ. އާއި 10،652ރ. އާ ދެމެދުގެ މަހު ކުއްޔެއް (މެއިންޓެނަންސް ފީއަށް މަހަކު 1،300ރ.)

ސްޓެލްކޯ އިން އިމާރާތްކުރާ 15 ބުރީގެ ދެ ޓަވަރުގައި ހިމެނެނީ ޖުމްލަ 360 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.