Roadha Mihaaru
ފްލެޓްތައް ދޫކުރީ އުސޫލާ އެއްގޮތަށް: ޝަރީފް

ސްޓެލްކޯގެ ފްލެޓްތައް އުސޫލާ ހިލާފަށް އެއްވެސް މީހަކަށް ދޫނުކުރޭ: ޝަރީފް

24 ޖުލައި 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓްތަކުން އެ ކުންފުނީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފްލެޓް ދޭން ނިންމީ މާ ކުރިއްސުރެ އަމަލުކުރާ އުސޫލާ އެއްގޮތަށް ކަމަށާއި އެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ފްލެޓްތަކުން އެ ކުންފުނީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފްލެޓް ދޭން ނިންމީ މާ ކުރިއްސުރެ އަމަލުކުރާ އުސޫލާ އެއްގޮތަށް ކަމަށާއި އެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފްލެޓް ލިބުން އެއީ އިންސާފުވެރި ގޮތެއްތޯ "މިހާރު" ގައި ލިޔުނު ލިޔުމަކާ ގުޅިގެން ޝަރީފް އެގޮތަށް ވިދާޅުވީ ސްޓެލްކޯގެ އާ ޗެއާމަން ސިފައިންގޭގެ ކުރީގެ ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އެ ކުންފުނީގެ މުވައްޒަފުންނަށް ތައާރަފު ކުރުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ އޭނާ މިދިޔަ މާޗު 1 ގައި ހަވާލުވެވަޑައިގަތް ފަހުން ވެސް އެ ކުންފުނީގެ ފްލެޓްތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބުނު ކަމަށެވެ. އެހެންވެ، އެކަން ހައްލު ކުރުމަށް އެ ކުންފުނީގެ ހައުސިން ކޮމިޓީގެ އިސްވެރިޔާއާ ވެސް ވާހަކަ ދެއްކެވި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެކަމަކު އުސޫލުން ބޭރުން ފްލެޓް ދޫކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވިގޮތުގައި، އެންމެ ފުރަތަމަ ފްލެޓް ގަތުމަށް ހުޅުވައިލުމުން މާބޮޑު ތަރުހީބެއް ނުލިބުނީ "ފެންނަން ނެތް ފްލެޓްތަކެއް" ގެ ވާހަކަ ހަގީގަތަކަށް ވެދާނެ ކަމަށް ސްޓެލްކޯގެ މުވައްޒަފުން އޭރު ގަބޫލު ނުކުރާތީ އެވެ. އެހެންވެ، އޭރު އޮތީ އެއްވެސް އުސޫލެއް ނެތި ބޭނުން މީހަކަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ ފްލެޓެއް އެންމެ ފުރަތަމަ ބައްލަވައިގަތް ބޭފުޅަކަށް އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު ވީ، ފްލެޓްގެ ޔަގީންކަން މުވައްޒަފުންނަށް ދެއްވުމުގެ ބޭނުމުގަ އެވެ. އެ މަޝްރޫއަށް އެ ދުވަސްވަރު ތަރުހީބު ނުލިބި، އޭރުގެ އެމްޑީ ޒުހޫރު ވަނީ މުވައްޒަފުންގެ ގާތަށް ވަޑައިގެން ފްލެޓް ގަތުމަށް އާދޭސް ކުރައްވާފައި ކަމަށް ވެ އެވެ.

ފްލެޓް ގަންނާނެ މުވައްޒަފުން ނެތިގެން އުސޫލުތަކަށް ބަދަލު ގެންނަމުން ގޮސް، ސްޓެލްކޯގެ ވަޒީފާގައި އުޅޭ ކޮންމެ މީހަކަށް، ވަޒީފާގެ މުއްދަތަށް ބެލުމެއް ނެތި ފްލެޓް ދޫކުރަން އެންމެ ފަހުން ނިންމީ އެވެ.

ޝަރީފް ރޭ ވިދާޅުވީ، ފްލެޓް ގަންނަން ބޭނުންވި ކޮންމެ މުވައްޒަފަކަށް ޝަރުތަކާ ނުލައި އެ ފުރުސަތު އޭރު ދިން ކަމަށެވެ. އެކަމަކު އެ ދުވަސްވަރު ފްލެޓަށް ކުރިމަތިލީ ވަރަށް މަދު ބަޔަކު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިންސާނީ ތަބިއްޔަތެއް، އެ ތަނެއް ހަދާފައި ހުރި ތަނެއް ނުފެންނާތީ އެކަން ވެދާނެ ކަމަށް ގަބޫލު ނުކުރުން. އެހެންވީމާ [ސްޓެލްކޯގެ] ފްލެޓް އޭރުގައި ފެންނަން ނެތް. ފެންނަން ނެތީމާ އެ ފްލެޓް ރިއަލިޓީއަކަށް ވެދާނެ ކަމުގެ ޔަގީން ކަމެއް ނެތް. އެހެންވެ ކުރިމަތިނުލި،" ފްލެޓްތަކަށް އޭރު ތަރުހީބު ނުލިބުނު ސަބަބު އޮޅުން ފިލުއްވައިދެއްވަމުން ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ

އޭނާ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ފެނި، ގިނަ މުވައްޒަފުންތަކެއް ފްލެޓް ބޭނުންވި ކަމަށެވެ. އެކަމަކު އޭރު އޮތީ އުސޫލެއް ހަދާފައި ކަމަށާއި ފްލެޓް ދީފައި ވަނީ އެ އުސޫލުގެ ދަށުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުންފުނީގެ ފްލެޓެއް އެއްވެސް ފަރާތަކަށް އަޅުގަނޑުމެން ކުންފުނީގެ ބޯޑުން ހަމަޖައްސާފައިވާ ގޮތާ ހިލާފަކަށެއް ދީފައެއް ނެތް. މިކަން ޔަގީން ކުރައްވާ،" ސްޓެލްކޯގެ އެއްވެސް މުވައްޒަފަކަށް އުސޫލާ ހިލާފަށް ފްލެޓް ދޫކޮށްފައިވާ ނަމަ، އެ ނިންމުން ބޯޑުން ބަދަލުކުރަން ތައްޔާރަށް އޮތްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާ ޝަރީފް ހަވާލުވެވަޑައިގަތުމުގެ މާކުރިން އޮތީ އެ މަގާމުގައި ހުންނަވާ ބޭފުޅަކަށާއި ބޯޑު މެމްބަރުން އަދި އެންމެ ދަށް މުވައްޒަފުންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭ ގޮތަށެވެ. ކުންފުނީގައި މަސައްކަތް ކުރާތާ ވަކި މުއްދަތެއް ވުމަކީ އުސޫލުގައި ބުނާ ގޮތުން ޝަރުތެއް ނޫނެވެ.

ޝަރީފް ވިދާޅުވީ، އެއީ އޭނާ ނިންމެވިި ނިންމެއްވުމެއް ނޫން ކަމަށާއި އެހެންވެ މަސްލަހަތު ފުށުއަރާނެ ސަބަބެއް ނެތް ކަަމަށެވެ. ފްލެޓް އެއްބަސްވުމުގައި މިހާތަނަށް ސޮއި ނުކުރެއްވި ނަމަވެސް ފްލެޓް ބައްލަވައިގަތުމަށް ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ސްޓެލްކޯގެ ގާނޫނީ ބޭފުޅުންގެ ލަފާގެ މަތިން ޝަރީފް ވަނީ ސްޓެލްކޯގެ ފްލެޓެއް ބައްލަވައިގަންނަވަން ނިންމަވައިފަ އެވެ. ގާނޫނީ ބޭފުޅުންގެ ލަފައަކީ އެމްޑީގެ ހައިސިއްޔަތުން ޝަރީފަށް ވެސް ފްލެޓް ގަނެވޭ ގޮތަށް އުސޫލު ހަދާފައި އޮތީ މާ ކުރިން ކަމަށް ވާތީ ގާނޫނީ އަދި މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށެވެ.

އެކަމަކު ޝަރީފް ވަނީ ކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި ހުންނަވަނިކޮށް، ފްލެޓް ލިބިވަޑައިގަތަސް މަގާމުން ވަކިވުމުން ކުންފުނީގެ މުވައްޒަފުންނަށް ލިބޭ "ޕްރިވިލެޖް" ލިބުމާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ. ކުރިން ބޯޑުން ނިންމާފައި އޮތީ ކުރީގެ އުސޫލުގައިވާ ގޮތަށް ކުރިއަށް ދިއުމަށެވެ. އޭގެ ދަށުން، ވަޒީފާ އިން ވަކިވިޔަސް އެއްވެސް ބަދަލެއް ނެތި ފައިސާ ދައްކަން ޖެހެނީ ކުންފުނީގައި މަސައްކަތް ކުރިއިރެކޭ އެއްގޮތަށެވެ.

އެކަމަކު، ޝަރީފް ބޭނުންވަނީ ސްޓެލްކޯގެ ފްލެޓް ލިބުނު މުވައްޒަފަކު އެ ކުންފުނީގެ ވަޒީފާ އިން ފަހުން ވަކިވެއްޖެ ނަމަ ފްލެޓާ މެދު އަމަލުކުރާ އުސޫލު ބަދަލު ކުރާށެވެ.

"މިސާލަކަށް އަޅުގަނޑު ފްލެޓް ގަތީ. ސްޓެލްކޯ އަށް ހިދުމަތްކުރާހާ ހިނދަކު އެ ޕްރިވިލެޖް އަޅުގަނޑަށް ލިބެންޖެހޭ. އެކަމަކު އަޅުގަނޑު ސްޓެލްކޯ އިން ވަކިވުމާ އެކު ދެން އޮތީ ދެ އޮޕްޝަނެއް. އެއް އޮޕްޝަނަކީ މުޅި ފައިސާ އެއް ފަހަރާ ދައްކާށޭ ސްޓެލްކޯ އަށް. ދެވަނަ އޮޕްޝަނަކީ ފްލެޓަށް ބާކީ ދައްކަން ޖެހޭ މިންވަރު މާކެޓް ރޭޓްގައި ލޯނު އުސޫލަށް ބަދަލުކޮށްގެން ދައްކާ ގޮތަށް ހަދާށޭ،" ޝަރީފް ވިދާޅުވި އެވެ.

އެކަމަކު، އެ ގޮތް އޭނާ ބޭނުންވިޔަސް ގޮތެއް ނިންމުމުގެ ބާރު އޮތީ ސްޓެލްކޯގެ ބޯޑަށެވެ. އެނގިފައިވާ ގޮތުގައި މިރޭ އެ ކަމުގައި ގޮތެއް ނިންމާނެ އެވެ.

ސްޓެލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައި ވަނީ 360 އެޕާޓްމަންޓް ހިމެނޭ ދެ ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. އެ ފްލެޓްތަކަށް ކުންފުނިން ކަނޑައަޅާފައި ވަނީ މިހާރު މާލޭގައި އެވަރުގެ ތަނެއް ލިބޭ މިންވަރާ އަޅާ ބަލާއިރު ހެޔޮ އަގެކެވެ.

އެއް ކޮޓަރީގެ ފްލެޓެއްގެ އަގަކީ 5،622ރ. އެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ތަނެއްގެ މަހު ކުއްޔަކީ 10،356-10،652ރ. އާ ދެމެދުގެ އަގެކެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ސާވިސް މެއިންޓެނަންސް ފީއަށް 1000ރ. ކަނޑައަޅާފައިވާއިރު ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1،300ރ. އެވެ.