Roadha Mihaaru
ސްޓެލްކޯގެ ފްލެޓްތަކަށް ކަރަންޓް ދޭން ފާސްކޮށްފި

ސްޓެލްކޯގެ ފްލެޓްތަކަށް ކުންފުނީގެ ހަރަދުގައި ކަރަންޓު ދޭން ދޭން ފާސްކޮށްފި

05 ޖޫން 2022

ހުޅުމާލޭގައި ސަރުކާރުގެ ކުންފުނިތަކުންް އިމާރާތްކުރާ ފްލެޓްތަކުގެ ކަރަންޓް ނެޓްވޯކްގެ ޑިޒައިނިން މަސައްކަތްކުރުން ލަސްވާތީ، އެ މަސައްކަތް އަމިއްލައަށް ކުރުމަށް ސްޓެލްކޯގެ ބޯޑުން ރޭ ފާސްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ސަރުކާރުގެ ކުންފުނިތަކުންް އިމާރާތްކުރާ ފްލެޓްތަކުގެ ކަރަންޓް ނެޓްވޯކްގެ ޑިޒައިނިން މަސައްކަތްކުރުން ލަސްވާތީ، އެ މަސައްކަތް އަމިއްލައަށް ކުރުމަށް ސްޓެލްކޯގެ ބޯޑުން ރޭ ފާސްކޮށްފި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެޗްޑީސީން ހަވާލުކޮށްފައިވާ ކުންފުނީގެ ދަށުން ކަރަންޓު ނެޓްވޯކިން މަސައްކަތްކުރާ ނަމަ އެތަން ނިމޭނީ އަންނަ ސެޕްޓެމްބަރު ހިސާބުގައި ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.

އެކަމަކު ސްޓެލްކޯގެ ފްލެޓްތަކުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށާއި އެހެންވެ ބޯޑުން ނިންމީ ވީ އެންމެ އަވަހަކަށް އެ ތަނަށް މީހުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އޭނާ ވިދާޅުވި އެވެެ.

"ފްލެޓް ލިބުނު މީހުން އަދިވެސް ފައިސާ ދައްކަމުން އެ ދަނީ. އެހެންވީމާ ނުވަދެވި ލަސްވާތީ އެ މީހުންނަށް ބޮޑު ގެއްލުމެއް ލިބޭތީ ބޯޑުން ރޭ ނިންމާފައި ވަނީ ކުންފުނިން އެ މަސައްކަތްކުރާ ގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

އެ މަސައްކަތްކުރުމަށް ކުންފުނިން ކިހާ ފައިސާއެއް ހޭދަކުރާނެ ކަމެއް އަދި ސާފެއް ނުވެ އެވެ. ސްޓެލްކޯ އިން ނެޓްވޯކް ޑިޒައިން ހަދައި ކަރަންޓު ފޯރުކޮށްދޭއިރު ކައިރީގައިި ހުރި އެހެން ކުންފުނިތަކުގެ ފްލެޓްތަކަށް ކަރަންޓު ދޭނެ ކަމެއް ވެސް ނޭނގެ އެވެ.

ބައެއް ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، އެތަނަށް މީހުންނަށް ނުވަދެވި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށްޓަކައި ނެޓްވޯކް ޑިޒައިން ކުރުން ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނިން މަސައްކަތް ނުނިންމައިގެންނެވެ.

އެ ކޮންޓްރެކްޓަރާ ހަވާލާދީ ކުރިން އެޗްޑީސީން ބުނެފައިވާ ގޮތުގައި ކަރަންޓު ނެޓްވޯކްގެ ޑިޒައިނިންގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ އެވެ. އެކަމަކު އަވަހަށް ކުރަން ބޭނުން ނަމަ ކޮންމެ ކުންފުންޏަކުން ވެސް އަމިއްލަ ހަރަދުގައި އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކުރިން ވިދާޅުވެފައި ވަނީ ވަގުތީ ހައްލެއް ހޯދައިގެން ވިޔަސް އަންނަ ޖުލައި މަހު އެ ފްލެޓްތަކަށް މީހުން ވައްދާނެ ކަަމަށެވެ.

ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ވަނީ ހަދައިފަ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.