Roadha Mihaaru

ގައްދޫން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ގދ. ގައްދޫން މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު މީހާ، މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ގައްދޫން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 ޖުލައި 2025

ގދ. ގައްދޫން މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު މީހާ، މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޑަ ޑިންގީއެއްގައި ގައްދޫއިން ގަމަށް ދަތުކުރި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު، އެ ރަށް ކައިރީގައި އޮންނަ ގަމު ކައިރިން ހެނދުނު 11:43 ހާއިރު ފެނިފައިވާ ކަމަށެވެ.

ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޓީމުން އޭނާގެ ހަށިގަނޑު ނަގައިގެން ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ގައްދޫއިން ގަމަށް އޭނާ ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރެވެ. އަދި އެނބުރި ގައްދުއަށް ދާން ހަމަ އެ ދުވަހުގެ ހެނދުނު 11:15 ހާއިރު ޒަކަރިއްޔާ ފުރި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެގެން ހަމަ އެ ދުވަހުގެ ހަވީރު ފުލުހުންނަށް ރިޕޯޓުކުރި އެވެ.

އެ ވަގުތުން ފެށިގެން ފުލުހުންނާއި ސިފައިން ދިޔައީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމުގެ ތެރެއިން، އޭނާ ދުއްވި ޑިންޑީ ވެސް 10 މީޓަރު އަޑިން ވަނީ ނަގައިފަ އެވެ.