Roadha Mihaaru

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމު ކޮށްދޭނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ކުޅުދުއްފުށީގައި ކަރަންޓީނު ފެސިލިޓީއެއް ހަދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

09 ޖުލައި 2025

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެހީގައި ހިންގަމުންދާ ކޮވިޑް-19 "އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިފެއާޑްނަސް ޕްރޮޖެކްްޓް" ގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ މަސައްކަތަށް ޝައުގުވެރިވާ ބަޔަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ބުނިގޮތުގައި ބީލަން ކުރިއަށް ގެންދާނީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމަށް 1،500ރ. ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ އަންނަ އޮގަސްޓް 21 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ބަންޑޭރި ޕޯޓަލުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 26،500 ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރަށް ރުފިޔާ ހުށަހަޅަން ޖެހޭ ކަމަށެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 178 ދުވަހެވެ.

އެ ބީލަން ހުޅުވުން އޮންނާނީ އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ މެންދުރު 1 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގަ އެވެ.

އެ މަޝްރޫއުއާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ އެ މިނިސްޓްރީއަށް އީމެއިލް ކުރަން ޖެހެނީ އަންނަ މަހުގެ ހައެއްގެ ކުރިންނެވެ.