Roadha Mihaaru

ފައިނު އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިން އައިސީޔޫ އިން ވޯޑަށް

މިދިޔަ މަހުގެ 26 ގައި ރ. ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ، މާލެ ގެނައި ޓީޗަރާއި 18 އަހަރުން ދަށުގެ ދެ ކުދިންނަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ފައިނުގައި އަނިޔާވި 3 މީހުން އައިސީޔޫ އިން ވޯޑަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

08 ޖުލައި 2025

މިދިޔަ މަހުގެ 26 ގައި ރ. ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ، މާލެ ގެނައި ޓީޗަރާއި 18 އަހަރުން ދަށުގެ ދެ ކުދިންނަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ފައިނުގައި އެކްސިޑެންޓް ހިނގީ ސްކޫލްގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރަކު ކަސްރަތަަށް ނުކުމެ އުޅެނިކޮށް، 16 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލަކުން އެ މީހުންގެ ގައިގައި ޖެހިގެންނެވެ. އެ ސައިކަލުގެ ފަހަތުގައި އިނީ އެ ރަށު ސްކޫލުގެ ގްރޭޑު 9 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.

އެ އެކްސިޑެންޓުގައި އެ އެންމެނަށް ވެސް އަނިޔާވި އެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ޕްރިންސިޕަލް ދޫކޮށްލިޔަސް އަނެއް ތިން މީހުން ގެނައީ މާލެއަށެވެ.

އޭގެ ތެރެއިން އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ފިރިހެން ކުދިންނާއި 49 އަހަރުގެ ފިރިހެން ޓީޗަރުގެ ހާލު ގޯސްކަމުން، ފަރުވާ ދިނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގަ އެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެންމެން ވެސް މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

އެ އެކްސިޑެންޓުގެ މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ސައިކަލު ގޮސް އެމީހުންގެ ގައިގައި ޖެހުނު ވަގުތު ޓީޗަރު ވަރަށް ދުރަށް ވިއްސައިގެން ދިޔަ އެވެ. އެ ހާދިސާގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން، މޭ މަށިގަނޑަށް ވެސް އަނިޔާވި އެވެ. އަދި ދެ ކުދިންނަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ.