Roadha Mihaaru

އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން އެފްއޭއެމްގެ މައްޗަށް ލާޒިމުކޮށްފި

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ފަރާތުން އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ދެން އޮންނަ އެ އިދާރާގެ އިންތިހާބަށް ފަހު ހަވާލުވާ އެކްސްކޯގެ މައްޗަށް ލާޒިމުކޮށްފި އެވެ.

އަންހެން މުބާރާތް ބާއްވަން އެފްއޭއެމަށް ލާޒިމުކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

02 ޖުލައި 2025

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ފަރާތުން އަންހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ދެން އޮންނަ އެ އިދާރާގެ އިންތިހާބަށް ފަހު ހަވާލުވާ އެކްސްކޯގެ މައްޗަށް ލާޒިމުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްއިން ނިންމީ މި މަހުގެ 26 ގއި ބާއްވާ އިންތިހާބަށް ފަހު، އަލަށް ހަވާލުވާ އެކްސްކޯ އިން އެއް އަހަރުގެ ތެރޭގައި އަންހެން މުބާރާތެއްގެ އޮނިގަނޑު އެކުލަވާލައި ކޮންގްރެސް އަށް ހުށަހަޅައި ފާސްކުރަން ޖެހޭ ގޮތަށެވެ.

އެފްއޭއެމުން އިސްވެ އަންހެން ފުޓްބޯޅަ މުބާރާތެއް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއު ރޭޑިއަންޓުންނެވެ. މި އަހަރު އެފްއޭއެމުން އަންހެން ފުޓްބޯޅަ މުބާރާތެއް ނުބާއްވައިފިނަމަ އަންނަ އަހަރަށް ފީފާއިން ދޭ ބަޖެޓުން އެބައި އުނި ކުރާނެ އެވެ.

ސަރުކާރުން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ނުހޮވާ ސަބަބަކީ ވެސް އެފްއޭއެމުން ގައުމީ ފެންވަރުގެ އަންހެން ފުޓްބޯޅަ މުބާރާތެއް ނުބާއްވާތީ އެވެ.

އަންހެން ގައުމީ ޓީމުން ކޮންމެ އަހަރަކު މަދުވެގެން ތިން މެޗު ކުޅެންޖެހޭ ގޮތަށް ފީފާއިން ވަނީ ކަނޑައަޅައިފަ އެވެ. އެ އަދަދަށް މެޗު ނުކުޅޭ ނަމަ އެ ބައިގެ ފަންޑު ވެސް އެ އިދާރާ އިން ނުދީ ހިފަހައްޓާނެ އެވެ.

އަންހެން ފުޓުބޯޅަ އަށް، ގައުމުތަކަށް އަންނަ އަހަރު ދޭ ފައިސާގެ އަދަދު އިތުރު ކުރުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން އަންހެން ކުދިންނަށް ހާއްސަ އެކަޑަމީއެއް ފެށި އެވެ. އެކަމަކު، އެ ޕްރޮޖެކްޓު ވެސް ވަނީ ހުއްޓިފަ އެވެ.

އެފްއޭއެމް އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގައި ކުރިން މަސައްކަތް ކުރި އޮފިޝަލަކު ބުނިގޮތުގައި އަންހެން ފުޓުބޯޅައިގެ ޑިވެލޮޕްމެންޓަށް ފީފާ އާއި އޭއެފްސީން ދޭ ފަންޑު ހޯދަން އެފްއޭއެމުން އޭރު ގިނަ ކަންތަތަކެއް އޮޅުވައިލާފައިވާ ކަމަށެވެ.

ނައިފަރު ކައުންސިލުން ކޮންމެ އަހަރަކު ބާއްވާ މުބާރަތަކީ ވެސް ސީދާ އެފްއޭމުން ބާއްވާ އެއްޗެއްގެ ގޮތުގައި ދައްކައިގެން އެ ފަންޑު ހޯދާފައިވާ ކަމަށް އޮފިޝަލް ބުންޏެވެ

"އެ ފަންޑުގެ 30 ޕަސެންޓު ވެސް އަންހެން ފުޓުބޯޅަ އަށް ބޭނުމެއް ނުކުރާނެ. އެ ފަންޑު ބޭނުން ކުރާނީ ފިރިހެން ފުޓްބޯޅަ އަށް ނުނީ އެފްއޭއެމްގެ އެހެން ކަންކަމަށް،" އޭނާ ބުންޏެވެ.

"އެކަމަކު ފީފާ އާއި އޭއެފްސީ އަށް ފޮނުވާ ރިޕޯޓްގައި ލިޔާނެ އަންހެން ފުޓްބޯޅަ އަށް މިވެނި ކަމެއް ކުރީމޭ. މިވެނި ޕްރޮގްރާމެއް ހިންގީމޭ. އެ ރިޕޯޓް ފޮނުވީމަ އަނެއްކާ ވެސް އަންހެން ފުޓުބޯޅަ އަށް ބަޖެޓްގެ އަނެއް ބައި ލިބޭނީ."