Roadha Mihaaru

މާލެ އިން ބުޅާ ގެއްލޭ މައްސަލަ ބަލައިދޭން މިނިސްޓްރީން އެދިއްޖެ

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ވީނުވީއެއް ނޭނގި ގެއްލޭ މައްސަލަ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި އެވެ.

މާލެއިން ބުޅާ ގެއްލޭ މައްސަލަ ބަލައިދޭން އެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 ޖޫން 2025

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ވީނުވީއެއް ނޭނގި ގެއްލޭ މައްސަލަ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައި މިވަނީ، މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ބުޅާ ގެއްލުނަސް މަގުތަކުގައި ބުޅާ މަރުވެފައި ނުވަތަ މަރާލާފައި ހުއްޓާ ވެސް ނުފެންނަ ކަމަށް ބުނެ ބުޅަލުގެ ހާލަތު ބަލައި އެހީވާ ޖަމިއްޔާއެއް ކަމަށްވާ، ފީލައިން ވެލްފެއާ އިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެކަން އެއްވެސް އިދާރާކުން ރަސްމީކޮށް މިނިސްޓްރީއަށް ހުށަހަޅާފައި ނެތެވެ.

އެކަމަކު މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްފައިވާތީ މިމަހުގެ 23 ގައި އެކަން ފުލުހަށް ރިޕޯޓުކޮށް މައްސަލަ ބަލައިދޭން އެދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ފީލައިން ވެލްފެއާގެ ފައުންޑަރު އަދި ރައީސް އަހުމަދު ވިޝަން، މިދިޔަ ހަފްތާގައި "މިހާރު" އަށް ބުނީ މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ބުޅާ ގެއްލެމުންދާ މައްސަލަ ފާހަަގަވީ މިދިޔަ މާޗު މަހުގެ ފަހުކޮޅު ކަމަށެވެ.

އޭނާ ބުނި ގޮތުގައި ބުޅަލަށް ބަޔަކު ގެއްލުން ދިނަސް ނުވަތަ ވިހައެއްދީފައި ހުއްޓަސް ނުވަތަ ބުޅާ ހޮޑުލާފައި ހުއްޓަސް އާންމުކޮށް ފެންނަން ހުންނާނެ އެވެ. އެކަމަކު މިފަހަރު ބުޅާތަކަށް ވާގޮތެއް ނޭނގި، ގެއްލެނީ ކަމަށް އޭނާ ބުންޏެވެ.

މާލޭގައި އެންމެ ގިނައިން ބުޅާ އުޅޭ މެރީ ބްރައުން ސަރަހައްދުގައި، ރޯދަ މަސް ނިމުނުއިރު 80-90 ބޮޑެތި ބުޅާ އުޅުނު ކަމަށް އޭނާ ބުންޏެވެ. އެކަމަކު މިހާރު އެތަނުގައި އުޅެނީ 15-18 އެއްހާ ބުޅާ ކަމަށްވެ އެވެ. ބުޅާތައް މަދުވި ފަހުން، ކުރިން ނާންނަ ބުޅާތަކެއް އެތަނަށްދާ ކަމަށާއި ކާންދޭ ގަޑިއާ ދިމާކޮށް ތިރީހަކަށް ބުޅޭ ގޮސް އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންސްޓްރިއަލް ސަރަހައްދުގައި އުޅެނީ، ވިޝަން ބުނި ގޮތުގައި 15 ވަރަކަށް ބުޅަލެވެ. އަދި ސަލްމާން މިސްކިތް ކައިރީ މިހާރު އުޅޭނީ ދެތިން ބުޅަލެވެ.

ބުޅާ މަދުވާ މައްސަލަ ފާހަގަވާތީ، ބުޅަލަށް ކާން ދޭން ދާ ކުދިންނާ ވެސް ސުވާލުކޮށް، މާލޭގެ އެކި ސަރަަހައްދުތައް ވެސް އެ މީހުން ބަލާފައިވެ އެވެ. އެކަމަކު ބުޅާ މަރާލާފައި އޮއްވައި ވެސް ފެނިފައި ނުވާ ކަމަށް ބުންޏެވެ.