Roadha Mihaaru
ބުޅާ މަރާ މައްސަލަ ފުލުހުން ބަލަން ފަށައިފި

ބުޅާ މަރާ މައްސަލަ ފުލުހުން ބަލަން ފަށައިފި

09 ޖެނުއަރީ 2019

މާލޭގައި ވަރަށް އަނިޔާވެރިކޮށް ބަޔަކު ބުޅާ މަރަމުންދާ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ފަށައިފި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މާލޭގައި ވަރަށް އަނިޔާވެރިކޮށް ބަޔަކު ބުޅާ މަރަމުންދާ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ފަށައިފި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މާލޭ މަގުމަތީގައި އުޅޭ ބުޅާ އެންމެ ގިނައިން މަރާފައި ހުންނަނީ މައްޗަންގޮޅި ސަރަހައްދުގައި ކަމަށްވެ އެވެ. ނަމަވެސް ބައެއް އެހެން ހިސާބުތަކުގައި ވެސް އަނިޔާވެރިކޮށް މަރާފައިވާ ބުޅާ ފެނެ އެވެ.

ބުޅާ މަރާ މައްސަލައިގައި މިރޭ ފުލުހުންނަށް ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.

ޕެޓިޝަން ބަލައިގަތުމަށް ފަހު ފުލުހުން ބުނެފައި ވަނީ ބުޅާ މަރާ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށާއި އެކަންތައް ބަލަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

"މިހާރު" އަށް މީގެ ދެ ދުވަސް ކުރިން ދިން އިންޓަވިއުއެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބުޅަލާއި ޖަނަވާރުންގެ ހައްގަށް މަސައްކަތް ކުރާ މީރާ މުހައްމަދު މާޖިދު ބުނީ ބުޅާ މެރުން މާލޭގައި އާންމުވެފައިވާ ކަމަށެވެ.

"ހުންނަނީ ބޮލުގައި އެއްޗަކުން ތަޅާތަޅާ މަރާފައި. މިހާރު ވެސް މަދުވެގެން އެގޮތަށް މަރާފައި އޮތް ހަތަރު ބުޅާ ފެނިއްޖެ،" މީރާ ބުންޏެވެ.

ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސްގެ ޕެޓިޝަނާ ގުޅޭ ގޮތުން ފުލުހުން ކުރި ޓުވީޓު

ބުޅާ މަރާ މައްސަލައިގައި ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މާލޭ ސިޓީ ކައުންސިލާ ހޮނިހިރު ދުވަހު ބައްދަލުކޮށް އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނައިން މާލޭ މަގުމަތިން މަރުވެފައި ހުންނަ ބުޅާ ފެނިފައިވާ ކަމަށެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުން ކަނޑައަޅާފައި ވަނީ ކުށެއްގެ ގޮތަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ.