Roadha Mihaaru

ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ"ގެ ފުރަތަމަ ޕޯސްޓަރު ލީކުވެއްޖެ

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ"ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އޮންލައިން ޕްލެޓްފޯމުތަކުގައި ލީކުވެއްޖެ އެވެ.

ނޯލަންގެ "ދަ އޮޑެސީ"ގެ ޕޯސްޓަރު ލީކުވެއްޖެ

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ"ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ އޮންލައިން ޕްލެޓްފޯމުތަކުގައި ލީކުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގެ ޕޯސްޓަރު އޭއެމްސީ ތިއޭޓަރުތަކުގައި މިދިޔަ ހަފުތާއިން ފެށިގެން ވަނީ އިޝްތިހާރުކޮށްފަ އެވެ. ނަމަވެސް، ފިލްމުގެ އުފެއްދުންތެރިން މި ޕޯސްޓަރު އާންމު ނުކުރަނީސް، ޕޯސްޓަރު ވަރަށް ސާފު ކޮޕީއެއް އޮންލައިން ޕްލެޓްފޯމްތަކުގައި ވަނީ ލީކުކޮށްލައިފަ އެވެ.

ޑައިރެކްޓަރުގެ ނަމާއި ފިލްމުގެ ނަން ޕޯސްޓަރު މަތީގައި ލިޔެފައިވާއިރު، ފިލްމުގެ ނަމުގައި ތިރީގައި ލިޔެފައިވާ ގޮތުގައި، އެ ފިލްމުގެ ހުރިހާ މަންޒަރެއް ވެސް ނެގީ އައިމެކްސް ކެމެރާތަކުންނެވެ.

އޭގެ ތިރީގައި މި ފިލްމުގެ ތީމާއެކު ފިލްމު ރިލީޒްކުރާ ތާރީހު ވެސް ލިޔެފައިވެ އެވެ. އެއީ އަންނަ އަހަރު ޖުލައި 17 ގަ އެވެ.

"ދަ އޮޑެސީ"އަކީ ގްރީކްގެ ޅެމެއް ކަމަށްވާ "އޮޑިސުސް"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެއީ ވެމްޕަޔާތަކެއްގެ ވާހަކަ ކިޔައިދޭ ޅެމެކެވެ.

"ދަ އޮޑެސީ"ގެ ފުރަތަމަ ޕޯސްޓަރު.

"ދަ އޮޑެސީ"ގެ ފުރަތަމަ ޕޯސްޓަރު.

ނޯލަން ހަދަން އުޅޭ ވެމްޕަޔާ ފިލްމުގެ ލީޑު ރޯލަށް ނަގަނީ މާވެލްގެ "ސްޕައިޑަމޭން"ގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑެވެ. އަދި އޭނާގެ ލޯބިވެރިޔާ، ހޮލީވުޑްގެ އެކްޓްރެސް ޒެންޑަޔާ ވެސް މުހިންމު ރޯލެއް ކުޅޭނެ އެވެ.

އެ ދެތަރިންގެ އިތުރުން ނޯލަންގެ ފިލްމުތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ އޭން ހެތުވޭ، ލުޕިތާ ޔޯންގް، ރޮބާޓް ޕެޓިންސަން، ޗާލީޒް ތީރޮން އަދި މެޓް ޑޭމަން ވެސް "ދަ އޮޑެސީ"ގައި އުޅޭނެ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ނޯލަން އާއި އޭނާގެ އަންހެނުން އެމާ ތޯމަސް އެވެ.

ނޯލަންގެ އެންމެފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން "އޮޕެންހައިމާ" އެވެ. އެ ފިލްމަށް ވަނީ 2023 ވަނަ އަހަރުގެ އޮސްކާގައި ހަތް އެވޯޑެއް ލިބިފަ އެވެ. އެ ފަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ.