Roadha Mihaaru

ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 ޖޫން 2025

ވިލާ ކޮލެޖުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އިންޓޭކުގައި ވެސް ފައުންޑޭޝަން ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކާ ހަމައަށް 100 އަށް ވުރެ ގިނަ ޕްރޮގުރާމުން ފުރުސަތު ލިބޭނެ އެވެ. ވިލާ ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކުގައި ބައިވެރިވުމަށް އެ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް އޮގަސްޓު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެޕްލައިކުރެވޭނެ އެވެ.

ވަޒީފާގެ ބާޒާރަށް ބޭނުންތެރި ގިނަ އަދަދެއްގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ލިބެ އެވެ. އޭހެ ތެރޭގައި؛

އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތައް، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސްތައް

އޯގަސްޓު އިންޓޭކުގައި ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތު އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތު ސާވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސްގެ ކޯސްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އަދި ސައިބަޖާޔާ ޔުނިވާސިޓީގެ ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.

ވިލާ ކޮލެޖުގެ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސި ވިލާތުގެ ޕޯޓްސްމޯތް ޔުނިވާސިޓީން ވެލިޑޭޓުކޮށް ހިންގާ ޕްރޮގުރާމުތަކެކެވެ. އެ ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯޓްސްމޯތް ޔުނިވާސިޓީ އަށް ގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވާސިޓީގައި ޑިގްރީގެ ފަހު އަހަރު ބައިވެރިވެވޭނެ އެވެ.

ވިލާ ކޮލެޖުގެ ކޮންމެ ޕްރޮގްރާމެއްގައި ވެސް އިންޑަސްޓްރީއާ ގުޅޭ އިންޓަރންޝިޕް، އެކްސްޓާންޝިޕް އަދި މޮބިލިޓީ ޕްރޮގްރާމްތަކުގެ ދަށުން އަމަލީ ތަޖުރިބާ ލިބޭނެ ފުރުސަތުތައް ފަހިކޮށްދެ އެވެ. އަދި އެކޮލެޖުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުންހުރި "ސަސްޓެއިނަބިލިޓީ" މޮޑިއުލްއެއް ހުރިހާ ދަރިވަރުންނަށްވެސް ކިޔަވައިދެ އެވެ. އޭގެ އިތުރުން ދަރިވަރުންގެ އީޖާދީ ވިސްނުމާއި، މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ހާއްސަ "ޑިޒައިން ތިންކިން" މޮޑިއުލްއެއް ވެސް ކިޔަވައި ދެ އެވެ.

ވިލާ ކޮލެޖުގައި ކިޔަވައިދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޮގްމެންޓެޑް ރިއަލިޓީ، ވާޗުއަލް ރިއަލިޓީ އަދި އެކްސްޓެންޑެޑް ރިއަލިޓީ ފަދަ ވަސީލަތްތައް ބޭނުންކުރެ އެވެ. އެކޮލެޖުގައި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދާ ދިނުމުގެ ގޮތުން އެކި ދާއިރާތަކަށް ހާއްސަ 11 ލެބެއް ހުރެ އެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމަށް ހަމަޖެހިފައިވަނީ ކޯހުގެ ޖުމްލަ ފީ މަންތްލީ އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެންނެވެ. އަދި ސަރުކާރުން ހަމަޖައްސާފައިވާ، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކެއްގައި ވެސް ކިޔެވޭނެ އެވެ.

އޯގަސްޓު މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި ހުރިހާ ކޯހެއްގައި ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ނައިފަރު ކެމްޕަސް، ގަން ކެމްޕަސް، ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސް، ހިތަދޫ ކެމްޕަސް އަދި ކުޅުދުއްފުށި ކެމްޕަހުގައި ވެސް ކުރިއަށް ގެންދާނެ އެވެ.

ވިލާ ކޮލެޖަކީ ދުނިޔޭގެ އެންމެ އިތުބާރު ހުރި އެއް ރޭންކިން ކަމަށްވާ ޓައިމްސް ހަޔާ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސްގައި ރޭންކުވެފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ތައުލީމު ދޭ މަރުކަޒެވެ. މި ރޭންކިންގައި ވިލާ ކޮލެޖު ހިމެނިފައިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީ 20 އިންސައްތަ ޔުނިވާސިޓީތަކުގެ ތެރޭގަ އެވެ. އަދި ވިލާ ކޮލެޖަކީ ކިއުއެސް ރޭޓިންގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ރާއްޖޭގައި ހަމައެކަނި އިންސްޓިޓިއުޓެވެ. އެ ކޮލެޖުން ވަނީ ކިއުއެސް ސްޓާ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކޮށްފަ އެވެ.