Roadha Mihaaru

ޣައްޒާއާ ގުޅޭ އުފާވެރި ހަބަރެއް ވަރަށް އަވަހަށް ލިބިދާނެ: ޓްރަމްޕު

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ލަސްތަކެއް ނުވެ ވަރަށް އުފާވެރި ހަބަރެއް ލިބިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޣައްޒާއާ ގުޅޭ އުފާވެރި ހަބަރެއް ލިބިދާނެ: ޓްރަމްޕު

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ލަސްތަކެއް ނުވެ ވަރަށް އުފާވެރި ހަބަރެއް ލިބިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނެދަލެންޑްސްގައި ކުރިއަށްދާ ނޭޓޯ ސަމިޓައި ޓްރަމްޕް ވިދާޅުވީ މި ކުރިއެރުން ލިބުނީ " އީރާނަށް އެމެރިކާއިން ދިން ހަމަލާގެ ސަބަބުން ކަމަށް ވެދާނެ" ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ޣައްޒާއާ ގުޅޭ އުފާވެރި ހަބަރެއް ލިބޭނެ ކަމަށް ... އެކަން އޮތީ ވަރަށް ގާތުގައި،" ޓްރަމްޕް ވިދާޅުވި އެވެ.

ހަމާސް އިން ވެސް ވަނީ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުއްލި ގޮތަކަށް ހަލުވިކޮށް އިތުރުކޮށްފައިވާ ކަމަށް މިއަދު ބުނެފަ އެވެ.

"މިސްރާއި ގަތަރުގެ ބައިވެރިންނާ އެކު ކުރިއަށް ގެންދާ މަޝްވަރާތައް އެއްވެސް އިރަކު ހުއްޓުމަކަށް ނާދޭ. އެކަމަކު މިދިޔަ ގަޑިއިރުތަކުގެ ތެރޭގައި ވަނީ މަޝްވަރާތައް ވަރުގަދަކޮށްފައި،" ހަމާސްގެ އޮފިޝަލެއް ކަމަށްވާ ތާހިރު އައްނޫރު އޭއެފްޕީއަށް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ހަމަލާތައް ހުއްޓާލުމާއި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން އާ ހުށަހެޅުމެއް އަދި ލިބިފައި ނެތް ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މަޝްވަރާތަކުގައި ކުރިއެރުން ލިބިފައިވާ ކަމަށް، އޭނާގެ ހާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވެފައިވާ ކަމަށެވެ.

އިޒްރޭލުން ޣައްޒާގައި ހަމަލާތައް ދެމުން ގެންދާތާ 21 މަސް ދުވަސް ވެފައި ވާއިރު ހަމަލާތަކުގައި މިހާތަނަށް 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.