Roadha Mihaaru

ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބު ހޯދަނީ

އޯ ލެވެލް އިމްތިހާނުގައި، ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބު ހޯދަން އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބު ހޯދަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

21 ޖޫން 2025

އޯ ލެވެލް އިމްތިހާނުގައި، ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބު ހޯދަން އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

އޯލެވެލް ގަދަ10 އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަތީ ސާނަވީއަށް ކިޔަވާ ފިރިހެން ކުދިންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނަތީޖާ ދަށްވުމާއި މަތީ ސާނަވީއަށް ކިޔަވާ ފިރިހެން ކުދިންގެ އަދަދު މަދުވަނީ ކަރިކިއުލަމްގައި ހުރި މައްސަލަތަކެއް ނުވަތަ ކުދިން ބާކީ ކުރެވުން ނުވަތަ މުޖުތަމައުއިން ދިމާވާ ކޮންމެވެސް ކަމަކާ ހެދި ކަމަށް ވުން ވެސް އެކަށީގެންވާ ކަމަށާއި އަސްލު ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށެވެ.

ފިރިހެން ކުދިން މަތީ ސާނަވީއަށް ނުކިޔަވާ ސަބަބު ދެނެގަންނަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި އަހަރު ރެޕިޑް އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު ވާން ޖެހޭނީ ވަރަށް ހަމަހަމަ ފުރުސަތުތަކެއް އޮތް ނިޒާމަކަށް. އެއްވެސް ބަޔަކު ފެއިލް ވެގެން، އެއްވެސް ގްރޫޕެއްގެ ދަރިވަރުން ފެއިލް ވެގެންދާ ނިޒާމަކަށް އަޅުގަނޑުމެންގެ ތައުލީމީ ނިޒާމު ވެގެން ނުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ. އެއީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް ހަމަހަމަ ވާން ޖެހޭނެ ނިޒާމެއް ކަން ފާހަގަ ކުރައްވައި އިސްމާއިލް ވިދާޅުވީ ތައުލީމީ ނިޒާމުގައި ހުރިހާ ކުދިން ބައިވެރި ކުރަން ޖެހޭނެ ކަމަށެވެ.

އެ އެސެސްމެންޓަށް ފަހު އެކަށީގެނވާ ފިޔަވަޅުތަައް އަޅައި ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ އަހަރު އާންމުކުރި 2022ގެ ބޯހިމެނުމުގެ މައުލޫމާތުގައިވާ ގޮތުން އުމުރުން 17 އަހަރުން ދަށުގެ އާބާދީއަކީ 121،634 ކުދިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 62،541 ފިރިހެން ކުދިންނާއި 59،093 އަންހެން ކުދިންނެވެ.

މިދިޔަ ފަސް އަހަރު ރާއްޖޭގައި އޯލެވެލް އިމްތިހާނު ހަދާފައި ވަނީ ކޮންމެ އަހަރަކު އެވްރެޖުކޮށް 5،000 އެއްހާ ދަރިވަރުންނެވެ. އޭގެ ތެރެއިން އޭ ލެވެލް ކިޔަވަން ފަށަނީ އެވްރެޖުކޮށް، އަހަރަކު 2،000 ދަރިވަރުންނެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަންހެން ކުދިންނެވެ.